Wednesday, November 21, 2007

ހިޔާލީ ފިޔަވާ ހުރިހާ ޓީމަކަށް ބިދޭސީ ކުޅުންތެރިން ގެންނަނީ

ު

ޒޯންލީގާއި މާލޭލީގު ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ 9 ޓީމުގެ ތެރެއިން 8 ޓީމެއްގެ ލިސްޓްގައި ބިދޭސީ ކުޅުންތެރިންގެ ނަން ހިމަނާފައިވާ ކަމަށް ވޮލީ އެސޯސިއޭޝަނުން ބުނެފި އެވެ

މާލޭލީގުގައި ވާދަކުރާ 4 ޓީމުގައިވެސް ވަނީ ބިދޭސީ ކުޅުންތެރިން ހިމަނާފައެވެ. ބަނޑޮސް އައިލެންޑް ރިސޯޓަށް ގެންނަނީ ސްލޮވާކިޔާގެ ދެ ކުޅުންތެރިންނެވެ. މިހާރު ދުބާއީގައި ތިބި މި ކުޅުންތެރިން މިއަދު ނޫނީ މާދަމާ މާލެ އަންނާނެ ކަމަށްވެއެވެ. ޕޮލިހަށް ގެންނަނީ އިންޑިއާގެ ދީ ޕްރަދީޕާއި މަންދީޕު ސިންގެވެ. އެސް އާރު ސީއަށްވެސް ގެންނަނީ އިންޑިއާގެ ދެ ކުޅުންތެރިންނެވެ. އެއީ ސަބޭ ސިންހާ އާއި ޖީތެންދުރާ އެވެ. މީގެ ތެރެއިން ސަބޭ ސިންހާއަކީ އިންޑިއާގެ ސީނިއަރ ޓީމުގެ މެދަށް ކުޅޭ ކުޅުންތެރިޔާ ކަމަށްވެއެވެ. ކުޅުންތެރިންގެ ގޮތުން އެންމެ ނިކަމެތިވާނެ ކަމަށް ބެލެވޭ ކުޑަހެންވޭރު ޔުނައިޓެޑަށް ގެންނަނީ ޕާކިސްތާނުގެ ކުޅުންތެރިއެކެވެ

ޒޯންލީގުގައި ވާދަކުރާ 5 ޓީމުގެ ތެރެއިން 4 ޓީމަށް ބިދޭސީން ގެންނަން ވަނީ ހަމަޖައްސާފައެވެ. ބިދޭސީ ކުޅުންތެރިއަކު ނުގެންނަ ހަމައެކަނި ޓީމަކީ ނ. ވެލިދޫ ހިޔާލީ ސްޕޯޓްސް އެވެ. ނައިވާދޫ ޒުވާނުންގެ ޖަމްއިއްޔާއަށް ގެންނަނީ ލަންކާގެ ދެ ކުޅުންތެރިން ކަމަށްވާ ދިމުތް އާއި ސަމީރާ އެވެ. ސަމީރާއަކީ ގިނަ އަހަރުތަކެއްގައި ރާއްޖޭގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. ގެމަނަފުށީ ޔޫތު އެސޯސިއޭޝަނަށް ގެންނަނީ ކުރިން ނައިވާދޫއަށް ކުޅުނު ލަންކާގެ މަންގަލާ އެވެ. ކަނދޮޅުދޫ ސްޕަރ ސްޓާރއަށް ގެންނަނީވެސް ގިނަ އަހަރުތަކެއްގައި ރާއްޖޭގައި ކުޅެފައިވާ ލަންކާގެ ރުކުމަލް އެވެ

އެންމެ ވަރުގަދަކޮށް ތައްޔާރުވަމުންދާ އައްޑޫ ސްޕޯޓްސްއަށް ގެންނަނީ އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ ރަގްވީރާއި ޓޮމް އެވެ. މިދެކުޅުންތެރިންވެސް ވަނީ ރާއްޖޭގައި ކުޅެފައެވެ

ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ ވިދާޅުވީ ލަންކާގެ ކުޅުންތެރިންގެ ތެރެއިން ސަމީރާ އާއި ރުކުމަލް މާލެ ފޮނުވޭނީ 25ގެ ފަހުން ކަމަށް އެތަނުގެ ފެޑަރޭޝަނުން ވޮލީބޯޅަ އެސޯސިއޭޝަނަށް އަންގާފައިވާ ކަމަށެވެ. ”އެހެން ކުޅުންތެރިންގެ މައްސަލައެއް ނެތްކަމަށްވަނީ“ ޝާފީ ވިދާޅުވިއެވެ

ޒޯންލީގާއި މާލޭލީގުގެ ކުޅުން މިމަހުގެ 25 ގައި ފަށާއިރު މާދަމާރޭ ގުރުއަތުލުން ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ

No comments: