Sunday, November 25, 2007

2008 ގައި ރާއްޖޭގެ ރައީސް ކަމަށް މައުމޫނު ހުވައެއް ނުކުރައްވާނެ: ޑރ.ހަސަން


އަންނަ އަހަރުގެ ނޮވެމްބަރ 11 ގައި ރާއްޖޭގެ ރައީސްކަމަށް މިހާރު އެމަޤާމުގައި ހުންނެވި މއ ކިނބުގަސްދޮށުގޭ މައުމޫން ޢަބްދުލް ޤައްޔޫމް ހުވައެއް ނުކުރައްވާނެ ކަމަށް އަމިއްލަފުޅަށް ސަރުކާރުން އިސްތިއުފާ ދެއްވި ބަންޑާރަނައިބު ޑރ.ހަސަން ސައީދު ވިދާޅުވެއްޖެ އެވެ

އާޤާނޫން އަސާސީގެ ދަށުން އިންތިޚާބު ބޭއްވުމަށް އެކުލަވާލާ ސަރުކާރު ޤާއިމް ކުރުމާ ބެހޭގޮތުން އެމްޑީޕީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އޯޕަން ސޮސައިޓީގެ ފަރާތުން ވާހަކަދައްކަވަމުން ޑރ ހަސަން ސައީދު ވިދާޅުވީ, ސިޔާސީ ޕާޓީއެއްގެ އިސް މަޤާމަކާއި ސަރުކާރުގެ ވަޒީރުކަން އޭނާ ދޫކޮށްލެއްވީ އިސްލާހީ ހެޔޮބަދަލުތަކެއް ގެންނަން ކަމަށާއި ކޮންމެފަދަ އަދަބެއް ލިބުނަސް އެކަމަށް ޤުރުބާން ވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އެކަމަށްޓަކައި ޕަޓީއަކަށް ވަންނަން ޖެހޭކަމަށް ވާނަމަ އެކަން ކުރައްވާނެ ކަމަށާއި އެކަން ކުރެއްވޭނީ ޕާޓީއަކާ ނުގުޅިކަމަށް ވާނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ

ޑރ.ހަސަން ވިދާޅުވީ އިންޓެރިން އެރޭންޖްމަންޓަކާ ނުލައި އަދި ލައިގެންވިއަސް މިއަންނައަހަރުގެ ނޮވެމްބަރު 11 ގައި ރާއްޖެގެ ރައީސުލް ޖުމްހޫރިއްޔާކަމަށް ހުވާ ނުކުރައްވާނެ ކަމުގެ ޔަޤީންކަން އިރާދަކުރެއްވިއްޔާ އެބައޮތް ކަމަށެވެ

ޑރ.ހަސަން ވިދާޅުވީ މައުމޫން ހޮވިވަޑައިގެންނެވޭނީ ޤައުމުގެ ހުރިހާ މުއައްސަސާތައް ބޭނުންކޮށްގެން ކަމަށެވެ

”އޭގެ މާނައަކީ ފުލުހުންނާ ސިފައިން އަމިއްލައަށް ބޭނުންކުރަން ޖެހޭނެ.ކޮރަޕްޝަންތައް މައްސަލަތަކެއް ނުބަލާނެ. އެކަމަކު އިދިކޮޅު މީހުންގެ ކޮރަޕްޝަން މައްސަލަތައް ފެންމަތިކޮށް އަދަބު ދޭނެ. ޑިސްކޮލިފައި ކުރާނެ“

ރައީސް މައުމޫން އިތުރު ދައުރަކަށް ހޮވިއްޖިއްޔާ އިދިކޮޅު ހުރިހާ ޕާޓީތައް އޮންނާނީ ވަރުބަލި ވެފައި ކަމަށާއި އިތުރު 5 އަހަރަކަށް އިންތިޒާރު ކުރުމުގެ ހިތްވަރެއް އެއްވެސް މީހެއްގެ ނުހުންނާނެ ކަމަށާއި އެމީހުން އެމީހުންގެ ހާލައިގެން މިކަމުން ދުރަށް ދާނެ ކަމަށް ޑރ.ހަސަން ވިދާޅުވި އެވެ

”ދެން ބައިނަލްއަޤްވާމީ ދުނިޔެއިން ދެކޭނީ ރާއްޖެކަހަލަ ކުޑަކުޑަ ތަނަކަށް ތިމަންނަމެން އިންވެސްޓްކޮށްފީމޭ. ދެން އިތުރު އެޓެންޝަނެއް ނުދެވޭނެޔޭ. ބައިނަލްއަޤްވާމީ މުޖުތަމައު އެއްފަރާތަކަށް ޖެހިލާނެ. ޕާޓީތައް އެއްފަރާތަށް ޖެހިލާނެ. ޖެހިލާ ވަގުތަކީ ރައީސް ބޭނުންގޮތަކަށް ހިންގަން ފުރުސަތު ލިބޭ ދަނޑިވަޅެއް“ ޑރ.ހަސަން ވިދާޅުވި އެވެ

ޑރ.ހަސަން ވިދާޅުވީ އިތުރު ދައުރަކަށް މައުމޫން ހޮވިވަޑއިގެންފި ނަމަ 5 އަހަރު ނިމުނީމަ އިތުރު ފަސްއަހަރަކަށް ވަޑައިގަންނަވާނެ ކަމަށާއި އޭގެފަހުން ޤާނޫން އަސާސީ އިސްލާހު ކުރައްވާނެ ކަމަށެވެ. ނުވަތަ ރައީސްގެ ދަރިފުޅާ ވެރިކަން ހަވާލުކުރައްވާނެ ކަމަށެވެ

No comments: