Thursday, December 20, 2007

ލަވަކިއުމަކީ, އިސްލާމްދީނުގައި ހުއްދަކަމެއް : މަތީ މަޖިލީހުގެ ރައީސް

ު

ލަވަކިއުމަކީ އިސްލާމް ދީނުގައި ހުއްދަކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހަންމަދު ރަޝީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަންނަ ހުކުރު ދުވަހު ނެރުމަށް ހަމަޖެހިފައިވާ ކަމަށް ބުނާ ދީނުގެ މަގުގައެވެ

މިއަންނަ ހުކުރު ދުވަހުގެ ކުރިން އެ ދީނުގެ މަގު ލީކުވެ, އޭގެ ކޮޕީއެއް ޖަޒީރާއަށްވެސް ވަނީ ލިބިފަ އެވެ

އެހެން ދީނުގެ މަގުތަކެކޭ އެއްގޮތަށް ފަރުމާ ކުރެވިފައިވާ މިދީނުގެ މަގުގެ ފަހު ސަފްހާގައި އިސްލީމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބުރާހިމް ލިޔުއްވާފައި ވަނީ ” އުފާފާޅުކުރުމާއި, ލަވަކިއުމަކީ, އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ހުއްދަ ކަމެކެވެ.“ މިމައުލޫގެ މައްޗަށެވެ

މުހައްމަދު ރަޝީދުގެ މިމައުލޫގެ ދަށުން ލިޔައްވަމުން ވިދާޅުވެފައި ވަނީ މިއީ ބަރަކާތްތެރި އީދުގެ ދުވަސްތައް ކަމަށާއި މިއީ މާތްﷲ އޯގާވަންތަކަމުން އެކަލާންގެ އަޅުތަކުންނަށް ދެއްވާފައިވާ އުފާފާޅުކުރުމުގެ ދުވަސްތަކެއް ކަމަށެވެ

” މިމުނާސަބަތުތަކާއި ކައިވަނީގެ ހަފްލާތަކާއި ހިތާނުކޮށްގެން ދުވަސްތަކާއި މިފަދަ ދުވަސްތަކުގައި އުފާފާޅުކޮށް ލަވަކިޔައި ތާރަޖަހައި ބިރުޖަހައި މިއުޒިކު ކުޅެ ހެދުމީ, ދީނުގައި ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ތެރޭގައި ހުއްދަ ކަމެކެވެ.“ ދީނުގެ މަގުގައި ލިޔެފައި ވެއެވެ

ރަސޫލާގެ ހަދީސުން ދަލީލު ދައްކަވަމުން ލިޔުއްވާފައިވާ މިލިޔުމުގައި ވަނީ މިކަން އިލުމުވެރިން ހުއްދަ ކުރައްވާފައި ވަނީ ވަކިމިންގަނޑު ތަކަށް ކަމަށެވެ

” އެމިންގަނޑު ބަޔާންކޮށް ދެއްވައި އިލުމުވެރިން ވިދާޅުވެފައި ވަނީ ދީނުގައި ކަނޑައަޅުއްވާފައިވާ ވާޖިބަކަށް ހުރަސްނޭޅޭ ގޮތަށް, އަދި ތިމާގެ ހަރަދު ލާޒިމްވާ މީހުންނަށް ހަރަދު ކުރުމަށް ފައިސާ ހޯދުމަށްޓަކައި ކުރާމަސައްކަތަކަށް ހުރަސްނޭޅޭ ގޮތަށް, އަދި އުފާފާޅުކުރާ ހަފްލާއެއްގައި މުންކަރާތެއް ނުހިމެނޭ ގޮތަށް އަދި އެކިޔާ ލަވައެއްގައިވެސް ފާހިޝް އިބާރާތެއް ނުހިމެނޭގޮތަށް, ހަފްލާތައް ބާއްވައި އުފާފާޅުކުރުމަކީ ހުއްދަކަމެއް ކަމުގަ;“ އެވެ

މިކަމާއި ގުޅިގެން ޑރ. އަބުދުލް މަޖީދު އަބުދުލް ބަރީ ވިދާޅުވީ ދީނުގައި ލަވަކިއުން ހުއްދަ ވަނީ ވަކި ވަކިހާލަތް ތަކުގައި ކަމަށާ މީގައި ބުނެފައިވާގޮތުން މީހުންނަށް އޮޅުންއަރާނެ ކަމަށެވެ

” ކައިވެނި ހަފްލާތަކާއި އީދުތަކުގައި މިއުޒިކާއި ލަވަކިޔައި އުފާފާޅު ކުރެވޭނެ. އެހެން ނަމަވެސް އަންހެނުންނަށް އަންހެނުންގެ މަޖިލީސްތަކުގައި ފިރިހެނުންނަށް ފިރިހެނުންގެ މަޖިލީސްތަކުގައި.“ ޑރ.މަޖީދު ވިދާޅުވި އެވެ

މަޖީދު ވިދާޅުވީ މުހައްމަދު ރަޝީދުގެ ލިޔުއްވާފައިވާ ކަމަށް ދީނުގެ މަގުގައިވާ ވާހަކަތަކާއި ޑރ. އަފްރާޝީމް ދައްކަވާ ވާހަކަތަކާއި ތަފާތެއް ނެތް ކަމަށާ އެވާހަކަތައް ބިނާ ކުރައްވަމުން ގެންދަވަނީ ދީނުގައި އެކަން އޮންނަ ގޮތް އޮޅުވާލުމުގެ ގޮތުން ކަމަށެވެ

ދީނުގެ މަގުގެ މިއަދަދުގައި މިހެން އައިސްފައި މިވަނީ ވަރަށް ފަހުން މެލޭޝިޔާގެ އިސްލާމިކު ޔުނިވަރސިޓީން ޕީއެޗްޑީ ހާސިލްކުރައްވައިގެން ވަޑައިގެންނެވި, ޑޮކްޓަރ އަފްރާޝީމް އަލީ ލަވަކިއުމަކީ ދީނުގައި ހުއްދަކަމެއް ކަމަށް ބުނުމުން އެތައް ދީނީ އިލްވެރިންނެއް އެކަމާއި ދެކޮޅު ހަދަމުން ދަނިކޮށެވެ

No comments: