ގާނޫނު އަސާސީ އިސްލާހު ވަމުންދާ ގޮތާއި އިސްލާހީ އެޖެންޑާގެ މައުލޫމާތު ސާފްކުރުމަށް ޔޫރަޕްގެ އިއްތިހާދުގެ ވަފުދެއް ރާއްޖެ ވަޑައިގެންފި
ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި އިސްލާހީ އެޖެންޑާގެ މަސައްކަތްތައް ކުރިއަށްދާގޮތް ސާފްކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލަމެންޓްގެ ވަފްދެއް ބުދަދުވަހު ރާއްޖެ ވަޑައިގެންފި އެވެ
މިއަދު ހެނދުނު 8 ޖެހިއިރު ރާއްޖެ ވަޑައިގެން ނެވި 9 ބޭފުޅުންގެ ވަފްދުން ރާއްޖޭގެ ތިން މިނިސްޓަރަކާ މިއަދު ބައްދަލުކޮށް އިސްލާހީ އެޖެންޑާއާ އާގާނޫނު އަސާސީ އާ މެދު ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީއޮފް ފޮރިން އެފެއާރޒް އިން ބުނީ ބުދަދުވަހު އެބޭފުޅުން ބައްދަލުކުރައްވާ މިނިސްޓަރުންނަކީ އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރު އާއި ޖަސްޓިސް މިނިސްޓަރު މުހަންމަދު މުއިއްޒު އަދުނާނު އާއި ލީގަލް ރިފޯމް މިނިސްޓަރ މުހައްމަދު ނަޝީދުއާ އެވެ
މިސްޓަރ ޖޫލިއަން ވިލްސަން އިސްކޮށް ހުންނަވައިގެން ރާއްޖެ ވަޑައިގެންނެވި މިފަދުން ބުރާސްފަތި ދުވަހު ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު އާވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އީޔޫގެ އެހީގައި ލ.އަތޮޅުގައި ކުރިއަށްގެންދާ އިންޓަރ ގްރޭޓެޑް ހިއުމަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ
މިވަފްދު ރާއްޖެއަށް އައުމުގެ ކުރިން ލަންކާގައި ވަނީ އިދިކޮޅު ޕާޓީތަކުން ހަނދާފައިވާ އިއްތިހާދު, ގައުމީ އެއްބައިވަންތަކަމުގެ ގުޅުމާ ބައްދަލުކޮށްފަ އެވެ. ގައުމީ އެއްބައިވަންކަމުގެ ގުޅުމުގެ އިސްތަރުޖަމާނު އަދި ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވީ މިދިޔަ ހޯމަދުވަހު އީޔޫގެ ޕާލިމެންޓްގެ ވަފްދާ ބައްދަލުކޮށް އަންނަ އަހަރު ބާއްވާ އިންތިޚާބު މިނިވަން މުސްތަގިއްލު އިންތިޚާބަކަށް ހެދުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ރާއްޖޭގެ މިހާރުގެ ހާލަތު އެބޭފުޅުންނަށް ކިޔައިދީފައިވާ ކަމަށެވެ
” އަޅުގަނޑުމެން ވާނީ އަންނަ އަހަރުގެ އިންތިޚާބު މިނިވަން ކުރުމަށް ހުރި ހުރަސްތަކާ ބެހޭ ގޮތުން ވާހަކަދައްކާފައި. އަދި ސިޔާސީ ބޭފުޅުންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް މާކުރީގައި އަނބުރާގެންގޮސްފައިވާ މައްސަލަތަކެއް އަލުން ނަނގާފައިވާތީ އެކަންވެސް އަޅުގަނޑުމެން ވާނީ އެބޭފުޅުންގެ ކޮންސާނަށް ގެނެސްފައި,“ ލަންކާގައި ދެއްކި ވާހަކަފުޅުތައް ކިޔައިދެއްވަމުން ޑރ.ޝަހީދު ވިދާޅުވި އެވެ
މި ވަފްދުގައި ހިމެނި ވަޑައިގަންނަވާ ކޮމިޓީ އޮން ޓްރާންސްޕޯޓް އެންޑް ޓޫރިޒަމްގެ ޗެއާރމަން އޯޕަން ސޮސައިޓީއާ ގުޅިގެން ” ޓްވެންޓީ ފަސްޓް ސެންޗަރީ ޑިމޮކްރެސީ“ ގެ ނަމުގައި ތަގްރީރެއް ބުދަދުވަހުގެ ދެއްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މި ވަފްދުގެ ދަތުރު ނިންމާލުމުގެ ކުރިން ގައުމީ އެއްބައިވަންތަކަމުގެ ގުޅުމާ ބައްދަލު ކުރުމަސްވެސް ވަނީ ހަމަޖެހިފައެވެ
No comments:
Post a Comment