Thursday, December 20, 2007

ކޯޓާއާ ޚިލާފަށް ބިދޭސީން ގެންގުޅޭ ރިސޯޓްތައް ބަލާފާސްކޮށް ފިޔަވަޅު އެޅުމަށް ކޮމިޓީއެއް އެކުލަވާލައިފި

ު

ރިސޯޓްތަކުގައި ކޯޓާއާ ޚިލާފަށް ގިނައަދަދެއްގެ ބިދޭސީން ގެންގުޅެމުންދަތީ އެކަންތައްތައް ބަލާފާސްކޮށް އެކަމަށް ފިޔަވަޅު އެޅުމަށް ކޮމިޓީއެއް އެކުލަވާލައިފި އެވެ

ޓޫރިޒަމް މިނިސްޓްރީން މިކަން އިއުލާން ކޮށްފައިވަނީ ހއ.މަނަފަރު ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ނިމުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.މަހުމޫދު ޝައުގީ ވިދާޅުވީ ބައެއް ރިސޯޓްތަކުގައި ކޯޓާއާ ޚިލާފަށް ބިދޭސީން ގެންގުޅެމުންދާ ކަމަށާއި އެހެން ކަމުން އެފަދަ މައްސަލަތައް ބެލުމަށް ލޭބަރ މިނިސްޓްރީއާ ގުޅިގެން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ

” ރިސޯޓްތަކުގެ ވަޒީފާތަކާ ގުޅޭ މިފަދަ މައްސަލަތައް ބެލުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން, އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއާ ގުޅިގެން ކޮމިޓީއެއް އެކުލަވާލާފައި ވާނީ. އަދި އެ ކޮމިޓީގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ“ މަނަފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޑރ.ޝައުގީ ވިދާޅުވި އެވެ

އަންނަ އަހަރަކީ ރާއްޖޭގައި އަލަށް ގިނަ ރިސޯޓްތަކެއް ހުޅުވޭ އަހަރަކަށް ވުމާ ގުޅިގެން އެރިސޯޓްތަކަށް ދުރާލާ ދިވެހިން ތަމްރީނު ކުރުމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ގޮވާލައްވާފަ އެވެ

ހއ.މަނަފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޝައުގީ ވިދާޅުވީ ކޮންމެ ރިސޯޓެއްގައިވެސް މުވައްޒަފުންގެ ގޮތުގައި 50 އިންސައްތަ ދިވެހިން ތިބެން ޖެހޭނެ ކަމަށާއި އެހެން ކަމުން އަންނަ އަހަރު ގިނަ ރިސޯޓްތަކެއް ހުޅުވުމަށް ތައްޔާރުވެފައިވާއިރު އެރިސޯޓްތަކަށް ބޭނުންވާ ދިވެހިން ރިސޯޓްތައް ހުޅުވުމުގެ ކުރިން ތައްރީންކޮށްފައި ބޭތިއްބުމަށެވެ

ހއ.މަނަފަރުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ނިމުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާއެއްގައި ޝައުގީ ވިދާޅުވީ ރިސޯޓްތަކަށް ބިދޭސީން ގެންގުޅުމަށް ދެވިފައިވާ ކޯޓާއާ ޚިލާފަށް ބައެއް ރިސޯޓްތަކުން އަމަލު ކުރަމުންދާ ކަމަށާއި އެހެން ކަމުން އެމައްސަލަތައް ބައްލަވަމުން ދާ ކަމަށެވެ

” މިހާރުވެސް 50 އިންސައްތަ ދިވެހިން ވަޒީފާގައި ގެންގުޅެންޖެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ބައެއް ރިސޯޓްތަކާ ދޭތެރޭ ފިޔަވަޅު އަޅަމުން ދަނީ. އަދި އަޅުގަނޑުމެންނަށް ނޭނގި އެތައް ރިސޯޓަކުން ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ކަމަށް ލަފާ ކުރެވެނީ“ ޝައުގީ ވިދާޅުވި އެވެ

ޝައުގީ ވަނީ ކޯޓާއާ ޚިލާފަށް ބިދޭސީން ގެންގުޅޭ ރިސޯޓްތަކުގެ މުވައްޒަފުން އެކަން ލަސްނުކޮށް އެމިނިސްޓްރީއަށް އެންގުމަށް ގޮވާލާފަ އެވެ

މިނިސްޓަރު ވިދާޅުވީ ވަޒީފާތަކަށް ދިވެހިން ނުލިބުމުގެ ހައްލަކީ އެވަޒީފާތަކަށް ދިވެހިންނަށް އެކަށިގެންވާ މުސާރައެއް ދިނުމާއި އަދި ދެވޭ އިނާޔަތްތައް އިތުރު ކުރުން ކަމުގަ އެވެ

No comments: