Friday, January 18, 2008

އަމީނީ ގޭގައި އަޅާ 16 ބުރީގެ ހޮޓާ: ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ދީފި


އަމީނީގޭގައި އަޅާ 16 ބުރީގެ އިމާރާތުގެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓުވާފައިވާ ދުވަސްތަކަށް ހިނގާ ހަރަދު ހޯދަން ކޯޓަށް ދާނެ ކަމަށް އެ ހޮޓާ އަޅަމުންދާ ހޮލިޑޭ އިން އިން ބުނެފި އެވެ

ހޮލިޑޭ އިންގެ އެއް ހިއްސާދާރު އަބުދުއްސައްތާރު އަލީ ވިދާޅުވީ އެތަނުގައި ހަދާ އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ކުންފުންޏަކަށް ކަމަށެވެ. ގެއްލޭ ކޮންމެ ދުވަހަކަށް އެކުންފުންޏަށް ބަދަލުދޭން ޖެހޭ ކަމަށެވެ

” ސިންގަޕޫރުގެ ކޮންޓްރެކްޓަރުންނަށް އެކަނި ވެސް ބަދަލުގެ ގޮތުގައި 10 ހާސް ޑޮލަރަށް ވުރެ ބޮޑު އެއްޗެއް އަޅުގަނޑުމެން ހޭދަކުރަން އެބަޖެހޭ. އަދި ހުރިހާ ކަމަކަށް ދުވާލެއްގެ މައްޗަށް 21 ހާސް ޑޮލަރުގެ ގެއްލުމެއް ވާނެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތްތަކަށާއި ހޮޓާ ހަދައިގެން ވިއްކުމުގައި ވެސް ދުވަސްތަކެއް ގެއްލިގެން އެބަދޭ “ ހޮލިޑޭ އިންގެ އެއް ހިއްސާދާރު އަބުދުއްސައްތާރު އަލީ ވިދާޅުވި އެވެ. އަބުދުއްސައްތާރު ވިދާޅުވީ ހޮޓާ އެޅުމުގެ މަސައްކަތް ހުއްޓުވާފައި ވަނީ އެއްވެސް އުޒުރެއް ދެއްކުމެއް ނެތި ކަމަށާއި އެތަނުގެ ވަށައިގެންވާ އިމާރާތްތަކަށް ލިބޭ ގެއްލުމުގެ ތަފްސީލެއް އެންވައިރަންމަންޓް މިނިސްޓްރީއަކަށް ދެއްކިފައި ނެތް ކަމަށެވެ

” އަޅުގަނޑުމެންނަށް މި ހޮޓާ އެޅުން ހުއްޓާލުމަށް އެންގެވިއިރު ބުނެފައި ވަނީ ކުރިމަގުގައި މިކަމުގެ ސަބަބުން ފޫނުބެއްދޭނެ ފަދަ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް. އެހެން ވިދާޅުވާއިރު އެކަމުގެ ހެއްކެއް ދެންކެން ޖެހޭނެ ނޫންތޯ. އަދި އިންޖިނޭރުން ލައްވާ ހެއްދި ދިރާސާއެއް ވެސް އޮންނަން ޖެހޭނެ. ލަފާކުރެވޭ ކަމަށް ބުނެ މިފަދަ ބޮޑުގެއްލުމެއް ބަޔަކަށް ނުދެވޭނެ.“ އަބުދުއްސައްތާރު ވިދާޅުވި އެވެ

އަބުދުއްސައްތާރު ވިދާޅުވީ އިމާރާތް ހަދަން ފެށުމުގެ ކުރިން ހަނދާފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ގެއްލުމެއް ލިބިދާނެ ކަމަށް މިހާރަކު ނުބުނެވޭނެ ކަމަށެވެ. އެހެން ނަމަވެސް އިމާރާތްހަދަން ފެށުނު ފަހުން ހަނދާފައިވާ ދިރާސާއަކުން އެކަހަލަ ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރެވޭނަމަ އެކަން ވެސް ބުނެވެން ޖެހޭނެ ކަމަށެވެ

” އިމާރާތް ހަދަން ފެށުމުގެ ކުރިން ހަނދާފައިވާ ދިރާސާއަކުން ގެއްލުމެއް ލިބޭނެ ކަމަށް ބުނާނަމަ އެކަމަކަށް މިހާރަކު ހުރަހެއް ނޭޅޭނެ. އޭގެ ފަހުން ހަދާފައިވާ ދިރާސާއަކުން ގެއްލުންލިބޭނެ ކަމަށް ބުނާނަމަ އެކަން އެބަޖެހޭ ކުލިއަރ ކޮށްދެވެން“ 124 ކޮޓަރީގެ ހޮޓަލާ ބެހޭގޮތުން އަބުދުއްސައްތާރު ވިދާޅުވި އެވެ

ހޮލިޑޭއިން އިން ބުނީ މި އިމާރާތަކީ ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެން ގެނެވޭ އިމާރާތަކަށް ވުމުން, އިމާރާތް ހަދާ ނިމި މާލެއަށް ގެނައުމުގެ މަސައްކަތް ވެސް ކުރެވެމުން ދާ ކަމަށެވެ

” އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި މާލެ ގެނައުމުގެ މަގުމަތީގައި ވަނީ. ދެން ޖެހޭނި ގެނެސް އެއިމާރާތް މިތަނުގައި ރާވާލާން. އެކަމަށް ހޭދަވާނީ 18 ވަރަކަށް ދުވަސް“ އަބުދުއްސައްތާރު ވިދާޅުވި އެވެ

No comments: