Friday, January 18, 2008

ސަލްޓަންޕާކްގައި ބޮންގޮއްވާލި ހާދިސާ: އިމިގްރޭޝަން މީހާ ތަހުގީގު ބަޔާނަށް އެއްބަސްވެ, ދައުވާއަށް އިންކާރުކޮށްފި

ު

ދައުލަތުން ހިފައި ހައްޔަރުކުރުމަށް އަންގާފައި ވަނިކޮށް ދެމީހަކު ރާއްޖޭން ބޭރަށް ފުރުވާލި އިމިގްރޭޝަންގައި ވަޒީފާ އަދާ ކުރާ މ. ރެޑިއަމް ކޮކާ, ވަރަހުމަތު އަހުމަދު, ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނަށް އެއްބަސްވެ, ދައުވާއަށް އިންކާރުކޮށްފި އެވެ

މިއަދު މެންދުރު ޖިނާއީ ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީސް ފައްޓަވަމުން ގާޒީ މުހައްމަދު މޫސާ ވިދާޅުވީ މިދައުވާއަކީ ކުށެއްގެ ތުހުމަތުގައި ހިފައިހައްޔަރު ކުރުމަށް އަންގާފައިވާ ބަޔަކު ރާއްޖޭން ބޭރަށް ފޮނުވާލާފައިވާތީ ކުރާ ދައުވާއެއް ކަމަށެވެ

މިއަދު ދައުލަތުން ވަރަހުމަތުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ރާއްޖޭން ބޭރަށް ފުރުން މަނާކޮށްފައިވާ ދެމީހުން ކަމުގައިވާ ލ. ކަޅައިދޫ ގްރީންވިލާ އަބްދުއްލަތީފު އިބްރާހީމް 24, އާއި ށ. ކޮމަންޑޫ ދޫރެސް އަލީޝަމީމް 25, އަށް އެހީތެރިވެދީ ފުރުވާލައިފައި ވާތީ އޭނާގެ މައްޗަށް ދައުވާ ކުރާ ކަމަށެވެ

ގާނޫނުލް އުގޫބާތުގެ 83 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަރަހުމަތުގެ މައްޗަށް ދިވެހި ދައުލަތުން ދައުވާކުރަނީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކު ހިފައި ހައްޔަރުކުރުމަށް ހުރަސްއެޅުމުގެ ކުށުގަ އެވެ

މިހާރު ތުބުޅި އާއި މަތިމަސް ކޮށާލާފައިވާ ވަރަހުމަތު ބުނީ މިދައުވާއަކީ ދޮގު ދައުވާއެއް ކަމަށާ މިދައުވާއަށް އޭނާ އިންކާރުކުރާ ކަމަށެވެ

ވަރަހުމަތު ދައުވާއަށް އިންކާރު ކުރުމުން ގާޒީ މުހައްމަދު މޫސާގެ އިޒުނަޔާއި އެކު ދައުލަތުގެ ވަކީލު ހުށަހެޅި ތަހުގީގު ބަޔާނުގައި ވަރަހުމަތު ބުނެފައި ވަނީ އޭނާގެ ރަހުމަތްތެރިއެއްގެ އެދުމުގެ މަތިން އެދެމީހުން އެހެން ދެމީހެއްގެ ޕާސްޕޯޓުގެ ނަމްބަރުގައި ރާއްޖޭން ބޭރަށް ފޮނުވާލާފައި ވާނެ ކަމަށެވެ

ވަރަހުމަތުގެ ބަޔާނުގައި އޭނާގެ ރަހުމަތްތެރިޔާ އޭނާއަށް ތިންމީހެއްގެ ޕާސްޕޯޓު ނަމްބަރ ދިންކަމަށާ އޭނާ އޮފީހަށް ގޮސް އެ ނަމްބަރުތައް ސިސްޓަމުން ބެލިއިރު އޭގެ ތެރެއިން އެކަކު ފުރައިގެން ގޮސްފައިވާ ކަމަށާ އަދި އަނެއްދެމީހުން ( ޝަމީމާއި އަބުދުލް ލަތީފް ) ތިބީ ރާއްޖޭބޭރަށް ފުރުން މަނާކޮށްފައި ކަމަށް ބުނެފައި ވެއެވެ

މިއަދު ޝަރީއަތުގެ މަޖިލީހުގައި ވަރަހުމަތުގެ ވަކީލު އަބުދުލް މަތީނު ވިދާޅުވީ މިއަދުވާއަކީ ވަރަހުމަތުގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށެވެ

މަތީނު ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަނާއި ބެހޭ ގާނޫނު ބުނާ ގޮތުން މީހަކު ފުރިޔަ ނުދީ ހިފަހައްޓާނީ ޝަރުއީ ކޯޓެއްގެ އަމުރަށް ކަމަށެވެ

ވަރަހުމަތު އިމިގްރޭޝަން އޮފިސަރަކަށް ހުރެގެން ރާއްޖޭން ބޭރަށް ފުރުވާލި ލަތީފާއި ޝަމީމަކީ މިދިޔަ އަހަރު ސަލްޓަންޕާކުގައި ބޮން ގޮއްވާލި މައްސަލައިގައި އެންމެ ކުރިއްސުރެ ފުލުހުން ހޯދަމުންދާ އަދި މިހާރު ހޯދުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ރެޑްނޯޓިސް އާންމުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ

ތަހުގީގު ބަޔާނުގައި ބުނެފައިވާ ގޮތުން ލަތީފު ރާއްޖެއިން ފުރައިގެން ގޮސްފައި ވަނީ ސެޕްޓެމްބަރު 29 ގައި ބޮން ގޮއްވާލުމުގެ ކުރިން, ސެޕްޓެމްބަރު މަހުގެ 17 ގަ އެވެ. ޝަމީމް ފުރައިގެން ގޮސްފައި ވަނީ އެ މަހުގެ 22 ގަ އެވެ. ވަރަހުމަތުގެ އެހީތެރިކަމާ އެކުގައި ލަތީފާއި ޝަމީމް ރާއްޖޭން ބޭރަށް ފުރުމަށްޓަކައި އިމިގްރޭޝަން ކައުންޓަރުގައި ތިއްބައި އެތަނުގެ ސީސީޓީވީ އަށް ރިކޯޑްވެފައިވާ ފުޓޭޖެއް ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ

ޝަމީމާއި ލަތީފު ރާއްޖެންއިން ބޭރަށް ދިއުން މަނާކޮށްފައި ވަނީ ބޮމުގެ ހަމަލާގެ ކުރިން, އެ ދެ މީހުން ޖިހާދުކުރުމަށްޓަކައި ޕާކިސްތާނަށް ދާން އުޅޭ ކަމުގެ މައުލޫމާތު ލިބިގެންނެވެ

No comments: