Thursday, December 13, 2007

ފޮތް ފަންސޫރާއި އިމްތިހާނުފީ އެންމެންނަށް ދިނުމަކީ ވަރަށްބޮޑު ބޭއިންސާފެއް: ރައީސުލްޖުމްހޫރިއްޔާގެ މެމްބަރ އިމާދު ސޯލިހް


ގްރޭޑް އެކަކުން ފެށިގެން ގުރޭޑް 12 އާ ދެމެދު ކިޔަވާ ހުރިހާ ކުދިންނަށް ސަރުކާރުން ފޮތްފަންސުރާއި އިމްތިހާނު ފީ ދިނުމަކީ ކުރެވުނު ވަރަށްބޮޑު ބޭ އިންސާފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރ އިމާދު ސާލިހް ވިދާޅުވެއްޖެ އެވެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު އޮތް ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ޑީއާރުޕީގެވެސް މެންބަރ އިމާދު ސާލިހް ވިދާޅުވީ ފަގީރުންނާއި މުއްސަނދިން ހަމަހަމަކޮށް ހުރިހާ އެންމެންނަށް ފޮތްފަންސުރާއި އިމްތިހާނު ފީ ދޭގޮތަށް ހަމަޖެއްސުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެއީ ކުރެވުނު ބޭއިންސާފެއް ކަމަށެވެ

”އަޅުގަނޑު ގާބޫލެއް ނުކުރަން ފިނޭންސް މިނިސްޓަރ ގާސިމް އިބްރާހީމްގެ ދަރިފުޅަށާއި އަޅުގަނޑުގެ ދަރިފުޅަށް ފޮތްފަންސުރު ހިލޭ ދޭން ޖެހޭނެ ކަމަކަށް. އެތަކެތި ދޭން ޖެހޭނީ އެތަކެތި ނުލިބޭ ވަރުގެ ނިކަމެތި ފަގީރުންނަށް“ އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިމާދު ސާލިހް ވިދާޅުވިއެވެ

އިމާދު ވިދާޅުވީ އެކަން ތަކުރާރު ނުކުރެއްވުމަށްވެސް ގޮވާލައްވާ ކަމަށެވެ

އިމާދު ސޯލިހް ވިދާޅުވީ ހުރިހާ ރަށެއްގައި ބަނދަރާއި އެހެނިހެން ވަސީލަތްތައް ގާއިމް ކުރާ ވާހަކަދައްކަވާއިރު 200 ރަށް އާބާދުކޮށްގެން ޒަމާނީ ވަސީލަތްތަކެއް ފޯރުކޮށެއް ނުދެވޭނެ ކަމަށާއި އެއްފަސްކުރުމުގެ ޕޮލިސީ ކަނޑައަޅާ ތާރީޚްތައް ކަނޑައަޅަންވީ ކަމަށެވެ

”ސަރުކާރުން ދައްކަވާ ވާހަކައަކާ ކުރައްވާ ކަމަކާ މެޗެއް ނުވޭ“ ކުރިން އެމްޑީޕީގައިވެސް އުޅުއްވި އިމާދު ސޯލިހް ވިދާޅުވިއެވެ

އިމާދު ވިދާޅުވީ ނިސްބަތުން ކުށްވެރިން އިތުރުވަމުން ދިއުމަކީ ގޯހެއް ކަމަށާއި މާލޭގައި ރޯމާ ދުވާލުވެސް މީހުން ކަތިލަން މިވަނީ ފަށާފައި ކަމަށެވެ

”މިދައްކަނީކީ ބުޅާ ކަތިލާ ވާހަކައެއް ނޫން. މީހުން އިންސާނުން ކަތިލާ ވާހަކަ. މިއީ ކުދިކުދި ކަންތައްތަކާ އަޅާނުލާ, މިކަންކަން ނުހުއްޓުވުނީމާ މިކަން މިހެން މިވީ“ އިމާދު ވިދާޅުވިއެވެ

އިމާދު ވިދާޅުވީ ތަރައްގީގެ ޕްލޭނާ ކުރާ ކަމަކާ މެޗް ނުވާ ކަމަށާއި އެކަންކަމަކަށް ސަރުކާރުގެ މެޝިނަރީތައް ބޭނުން ނުކުރެވޭ ކަމަށެވެ

”މިހާރު ކޮންމެ މިނިސްޓްރީއަކީ ވަކި ސަރުކާރެއް. ސަރުކާރުގެ ހުރިހާ މިނިސްޓްރީތައް އެއްގަލަކަށް އަރައިގެން އެއް ފޯކަސްއަކަށް ދަތުރުކޮށްގެން ރަނގަޅު ކުރެވޭނީ“ އިމާދު ސާލިހް ވިދާޅުވިއެވެ

އިމާދު ސާލިހް ބަޖެޓަށް ފާޑު ވިދާޅުވިނަމަވެސް ނިންމަވާލެއްވީ ބަޖެޓަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ

No comments: