ޕާކިސްތާނު މީހާ އެތެރެކުރި މަސްތުވާތަކެއްޗާ ގުޅުންހުރި ކަސްޓަމްސްގެ ޗީފް އޮފިސަރަކު ހައްޔަރުކޮށްފި
ޕާކިސްތާނު މީހަކު މެދުވެރިވެގެން މިދިޔަ މަހުގެ 15 ގައި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް, ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި މިކަމާ ގުޅުން ހުރި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް އޮފިސަރަކު ހައްޔަރުކޮށްފި އެވެ
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ މިމައްސަލާގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހ. ޑޮމީގޯލް, މުހައްމަދު ޝަފީގު ,39, އަކީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި ވަޒީފާ އަދާ ކުރަމުންދާ މީހެއް ކަމަށެވެ. އޭގެ އިތުރުން ހައްޔަރުކޮށްފައި ވަނީ ހ. ފިނިމާގޭ, އަހުމަދު އާރިފް ވަހީދު ,38, އެވެ
މިމައްސަލާގައި މީގެ ކުރިން ފުލުހުން ވަނީ މިކަމާ ގުޅުން ހުރި ފުލުހުންގެ ކޯޕްރަލެއް ކަމުގައި މއ.ބައިކެނޑިގެ, މަނާރު މުހައްމަދު ޝަރީފު ހައްޔަރުކޮށްފަ އެވެ
ފުލުހުން ބުނީ މިހާތަނަށް ކުރެވިފައިވާ ތަހުގީގުން މައްސަލާގައި ހައްޔަރު ކުރެވިފައިވާ ކަސްޓަމް އޮފިސަރާ މިމައްސަލައާ ގުޅިގެން ހައްޔަރު ކުރެވިފައިވާ ގ. ހިލްމަން, އަބުދުލް ހަމީދު އަބުދުލް ސަމަދާއި ވަރަށް ގާތްގުޅުމެއް އޮންނަކަން ވަރަށް ބޮޑަށް އެނގިފައިވާ ކަށެވެ
ތަހުގީގަށް އެގިފައިވާ ގޮތުގައި އަބުދުލް ހަމީދު އަބުދުލް ސަމަދު ރާއްޖޭން ބޭރުން އަންނަ ދަތުރުތަކުގައި ފަސޭހަކަމާއެކު ކަސްޓަމްސް ކުލިއަރެންސް ހަމަޖައްސައިދިނުމާއި އަދި ކާގޯއިން އޭނާ ގެންނަމުންދާ މުދާވެސް ފަސޭހަކަމާ އެކު ނެރެދިނުމަށް އެހީތެރިވެދީފައި ވާނޭ ކަމަށް ޝަފީގު ވަނީ ބުނެފަ އެވެ
ތަހުގީގުގައި ޝަފީގު ވަނީ އަބުދުލް ސަމަދު އެހެން ދަތުރުތަކުގައި އަންނަ އިރު މަސްތުވާތަކެތި ގެނައުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ
ޝަފީގު ތަހުގީގުގައި ބުނެފައި ވަނީ ފައިސާގެ ގޮތުން ވެސް އަބުދުލް ސަމަދު އޭނާއަށް އެހީތެރިވެދޭ ކަމަށާއި އަދި އަބުދުލް ސަމަދުގެ ޚަރަދުގައި އޭނާއާ އެކު ރާއްޖޭން ބޭރަށް ދަތުރުވެސް ކޮށްފައިވާނެ ކަމަށެވެ
މިމައްސަލައާ ގުޅިގެން ހައްޔަރު ކުރވިފައިވާ އާރިފް ވަހީދު އާއި އަބުދުލް ސަމަދާ ގާތް ގުޅުމެއް އޮންނަކަން ތަހުގީގަށް އެގިފައިވާ ކަމަށާ އަދި އަބުދުލް ސަމަދުގެ އެދުމުގެ މަތިން ޕާކިސްތާނު މަގުން ރާއްޖެ އެތެރެކުރި 2.18 ކިލޯ ގުރާމުގެ މަސްތުވާތަކެތި ހުރި ގެސްޓު ހައުސްއިން ނެރުމަށް އޭނާ ވެސް މަސައްކަތްކޮށްފައިވާނެ ކަމަށް ތަހުގީގުގައި ބުނެފައި ވެއެވެ
އާރިފް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ މަންޒަރު ފުލުހުންގެ ސީސީ ކެމެރާ ފްޓޭޖްތަކުން ވެސް މިހާރު ފެނިފައި ވެއެވެ
ފުލުހުން ބުނީ އަބުދުލް ހަމީދު އަބުދުލް ސަމަދަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔާފާރި ކުރަމުންދާ އެއްފަރާތެވެ
ކުރިން ނިއު ރޭޑިއަންޓުގެ ޑިފެންޑަރަކަށް ކުޅެފައިވާ އަބްދުލް ހަމީދު އަބްދުއްސަމަދު ދަނީ ދެ މިލިއަން ރުފިޔާ އަށް މާލެއިން ގޯއްޗެއް ގަނެ ފަސް ބުރިއަށް ހަދަމުން ނެވެ. އަދި ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމީދަކީ މިހާރު ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ތަފާތު ވިޔަފާރި ކުރާމީހެކެވެ. އެގޮތުން އޭނާގެ 100 ފޫޓުގެ މަސްދޯންޏެއްވެސް އައްޑުގައި ބަންނަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ
މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 10 މީހުން ހައްޔަރުކޮށްފަ އެވެ
No comments:
Post a Comment