ގައުމު ކެޕްޓަން ބަދަލުކުރުމަކީ ވިޔަފާވެރިވެރިންގެ ޒިންމާއެއް
ދިވެހިރާއްޖޭގެ ވެރިކަމުގައި އެކަކު ގިނަ ދުވަހު ދެމިހުރެވުނު އެންމެ ބޮޑު ސިއްރަކީ ވެރިކަމު ގައި ހުރި މީހާ އާއި ދިވެހި ގިނަ ވިޔަފާރިވެރިންނާ އޮތް ގާތް ބަދަހި ގުޅުމެވެ. ވިޔަފާރި އުސޫލުން ނަފާ ލިބޭ ވިޔަފާރިއެއް ކަމުގައި ދެކެމުން އައީ ކަރަޕްޝަނާއި ފަސާދައިން ކަޅިވެފައިވާ ވެރިޔަކު ކޮންމެ ފަސްއަހަރަކުން ފަސްއަހަރަކުން ހޮވުމެވެ. ގައުމުގެ ހުންގާނުގައި ހުރި ވެރިމީހާ އާއި އޭނާ ގެ ކައިރީގައި އުޅޭ އެންމެނަށް ބައި އަޅާ ވިޔަފާރިތަކެއް ހިންގުމެވެ. ގައުމުގެ މުސްތަގްބަލަށް ބެލުމެއް ނެތި އެމީހުންގެ އަމިއްލަ ވިޔަފާރިތައް ކުރިއަށް ނެރުމެވެ. މި ވެރިމީހާގެ ފަރާތުން ގައުމުގައި ހުރި ވަސީލަތްތަކާއި ސަރުކާރުގެ ތެރެއިން ނެގެން ހުރި ނާޖާއިޒް ފައިދާ ތަކެއް ނެގުމެވެ. މިދެންނެވި ގިނަ ވިޔަފާރި ވެރިން ވެރިމީހާއަށް އެހީތެރި ވަމުން އައީ ތަފާތު އެތައް ގޮތް ތަކަކަށެވެ
އިންތިހާބު ބާއްވާ ދުވަސް ވަރުގަޔާއި އެހެނިހެން ކަންކަމުގައި ވިޔަފާރިވެރިން ސަރުކާރަށް ދޭ އެހީތެރިކަމާއި އެއްބާރު ވަރަށްވެސް ބޮޑެވެ. ވޯޓުގެ ދުވަސްވަރު ވެރިކަން ދަމަހައްޓައި ދިނުމަށް ވިޔަފާރިވެރިން ފޫގަޅައިގެން ނިކުންނަ ކޮންމެ ނިކުތުމެއްގައި ވިޔަފާރިވެރިން ކާމިޔާބު ހޯދައެވެ. އެމީހުންގެ ޖީބުތައް ފުރެންދެން ފައިސާ އަޅައިގެން ނިކުތުމުން ގުޑުވާ ނުލެވޭނެ އެއްވެސް ގާ ކޮޅެއް މިފަސްގަޑުގައި ނެތޭ ބުނާހާވެ އެވެ. ސަރުކާރުން ގޮވާލި ކޮންމެ ކަމަކަށް ފޫގަޅައިގެން ނިކުމެ ތިބެނީ މިދެންނެވި ވިޔަފާރިވެރިންނެވެ. ވެރިމީހާގެ ކެމްޕެއިން ފޮޓޯތަކާއި ދަތުރު ތަކާއި އެކިއެކި ހަފްލާތަކަށް ހާހުން ލައްކައިން ހަރަދު ކޮށްފައި ވަނީކީ ދިވެހި ގައުމަކަށް ހެވަކާއި ލާބައެއް އެދިގެންނެއް ނޫނެވެ. ވިޔަފާރި އުސޫލުން މަންފާކުރާ އިންވެސްޓްމަންޓެއް ކަމުގައި ދެކޭތީއެވެ
އަދި މިދޭ އެއްބާރުލުމާއި އެހީތެރިކަމުގެ އިތުރަށް ސަރުކާރުގެ އިސްވެރިން ވިޔަފާރިވެރިންނާއި ގުޅިގެން ވިޔަފާރީގެ މުއާމަލާތްތަކުގައި ހިއްސާވުމަށް ފުރުސަތުވެސް ދެމުން ގެންދަނީ މިދަންނަވާ ގިނަ ވިޔަފާރި ވެރިންނެވެ. ސަރުކާރުގެ އިސްމަގާމު ތަކުގައި ތިބޭ މީހުންނަށް ވިޔަފާރިވެރިން ދެމުން ގެންދަނީ ރީޓޭލް ވިޔަފާރިތަކުން ފެށިގެން ގޮސް ބޮޑެތި ރިސޯޓްތަކުގެ ޝެއަރ އެވެ. ޓްރެވަލް އެޖެންސީތަކުން ގޮސް ކުންފުނިތަކުގެ ޝެއަރއެވެ. ނުވަތަ ގެއަށް ފޮނުވާލަދޭ ރީތި ޖަރީކުރި ސިޓީއުރަތަކެވެ
މިއަދު މިވަނީ ސިޔާސީ މީހުންނާއި ވިޔަފާރި ވެރިންނާއި އެއްބަޔަކަށް ވެފައެވެ. ވިޔަފާރިވެރިއަކީ ކާކު ކަމާއި ސިޔާސީ މީހަކީ ކާކުކަން ނޭގޭ ހާ މިންވަރަށް މިއޮތީ މިކަން ސިޔާސަ ވެފައެވެ. ސަރުކާރުގެ ސިވިލްސާވިސްގައިވެސް ތިއްބެވީ ވިޔަފާރި ވެރިންނެވެ. ކެބިނެޓުގައި ވެސް ތިއްބެވީ ވިޔަފާރި ވެރިންނެވެ. ރައީސަށް ލަފާ އަރުވަނީ ވެސް ވިޔަފާރި ވެރިންނެވެ. މަޖިލީހުގައިވެސް ގިނައީ ވިޔަފާރި ވެރިންނެވެ. ސަރުކާރުން ބޭރުގައިވެސް ތިބީ ވިޔަފާރި ވެރިންނެވެ. މިއެންމެންނަކީ ވެސް އަތްނުފޯރާވަރުގެ ބޮޑެތި ސިޔާސީ މީހުންވެސް މެއެވެ. ވިޔަފާރިވެރި ސިޔާސީ މީހުންނެވެ
ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ވިޔަފާރިވެރިންނަކީ ވަރަށް ނުފޫޒުގަދަ ބަޔެކެވެ. އެމީހުންގެ ވިޔަފާރިތައް ހިމާޔަތް ކުރުމާއި ވިޔަފާރި ފުޅާކުރުމަށް ސަރުކާރުތައް ހިންގާ މީހުންނަށް ރިޝްވަތާއި ހަދިޔާ ދީހަދައެވެ. އެހެން ކަމުން ކޮންމެ ގައުމެއްގައިވެސް ވިޔަފާރިވެރިން ވެފައިވަނީ ވަރަށް ނުފޫޒުގަދަ ބާރުވެރި ބަޔަކަށެވެ. މިބީދައިން ވިސްނާއިރު މިރާއްޖެވެސް މިއޮތީ އެފަދަ ގޮތަކަށެވެ. ގާނޫނު އަސާސީ އިސްލާހުކޮށް ރަނގަޅު މުއައްސަސާތަކެއް ހެދުމަކުން އަދި މިކަމުގެ ހައްލެއްނެތެވެ. ގައުމުގެ ކުރިމަގު އޮތީ ވިޔަފާރިވެރިންގެ އަތްމަތީގައެވެ. އެހެން ކަމުން ވިޔަފާރިވެރިން މިކަމުގައި އުފުލަންޖެހޭ ޒިންމާ ބޮޑެވެ. ހަމައެކަނި ވިޔަފާރިން ލިބޭ ނަފާއަކަށް ވުރެ ބޮޑަށް މިކަމާމެދު ވިސްނަން ޖެހިއްޖެ ނޫންތޯއެވެ؟
އަދުލުއިންސާފު ގެއްލުމާއި ތަނުގެ އަމަން ގެއްލުމާއި އާންމު ހާލަތު ދައްވެގެން ދިޔުމުން ކިތަންމެ ބޮޑު ނަފާލިބޭ ވިޔަފާރިއެއް ހިންގި ނަމަވެސް ހީނުކުރާ ވަރުގެ ބޮޑުގެއްލުމެއް ކުއްލިއަކަށް ދިމާވުން އެއީ ވެދާނެ ގޮތެކެވެ. ރައްކާތެރި މާހައުލެއްގައި ނޫނީ ރަނގަޅު ވިޔަފާރިއެއް ނުހިންގޭނެކަން ވިޔަފާރިއެއް ހިންގާ މީހަކަށް ވިއްޔާ އެނގޭނެއެވެ. މިއަދު މިގައުމުގެ ހާލަތު މިއޮތް ހިސާބުން އެއްވެސް ރައްކާތެރި ކަމެއް ނެތްކަން އަދި ވިޔަފާރިތަކަށް އެއްވެސް ހިމާޔަތެއް ނެތްކަން އެނގޭނެއެވެ. ބޮޑެތި އިންވެސްޓްމެންޓްތައް ކުރިނަމަވެސް ހަދާ ގަވާއިދާ ސަރުކާރުގެ ރެގިއުލޭޝަންތަކުން ނުރައްކާ އޮތީ ކޮން ވަގުތަކުކަން ބުނެދޭކަށް ނޭނގެއެވެ. އޮންނަނީ ހިތަށް އެރުމާއި ފެނެވަޑައިގަތުން ކަން އެނގެއެވެ
މިއަދު ގައުމު މިއޮތީ މިފަދަ ހާލަތެއްގައެވެ. އެހެން ކަމުން ގައުމުގެ ކުރިމަގު ރަނގަޅުކުރެވެން އޮތީވެސް އަދި ގައުމު އިތުރަށް ހަލާކު ކުރެވޭނީ ވެސް ވިޔަފާރި ވެރިންނަށެވެ. ވިޔަފާރިވެރިންނަކީ މިއަދު ގައުމުގެ ނަވުގެ އޮޑި ވެރިޔާ އެވެ. އަމާޒެއް މިސްރާބެއްނެތި ދުއްވަމުން މިދާ އޮޑިއަށް ރަނގަޅު ކެޕްޓަނަކު ލުމަކީ އޮޑިވެރިޔާ ގެ ކަމެކެވެ. ފަޅުވެރިންގެ ކަމެއް ނޫނެވެ. މިއަދު ދިވެހި ގައުމު އެދި ގޮވަނީ މިސްރާބު ހިފަން އެނގޭ ރަނގަޅު ކެޕްޓަނަކު އޮޑިއަށް ހޯދާދިނުމަށެވެ. މިކަންވާނީ ވިޔަފާރި ވެރިންނަށެވެ
1 comment:
News from Velidhoo seems to be very less. Why don't u include some of them which are less likely to cover in the mainstream media.
Post a Comment