އިލެކްޝަނުން ބާތިލުކުރި ހާހަކަށް ވުރެ ގިނަ ނަން ސައްހަކަމަށް އެޓާނި ޖެނެރަލު ލަފާ ދެއްވި : އިބްރާ
މޯލްޑިވިއަން ސޯޝަލް ލިބްރަލް ޕާޓީ (އެމްއެސްއެލްޕީ) ހެދުމަށް ކޮމިޝަނަރ އޮފް އިލެކްޝަންސްއިން ބާތިލުކުރި ހާހަކަށް ވުރެ ގިނަ ނަން ސައްހަކަމަށް އެޓާނީ ޖެނެރަލު ލަފާ ދެއްވާފައި ވާކަމަށް އިބްރާ ވިދާޅުވެއްޖެ އެވެ
އިބްރާ މިހެން ވިދާޅުވީ އެޓާނީ ޖެނެރަލު އޮފީހުން ކޮމިޝަނަރ އޮފް އިލެކްޝަނަރަށް ފޮނުވި ސިޓީއަކާ ހަވާލާދެއްވަމުން, އެޕާޓީއަށް ދިން މުއްދަތު ބާތިލު ކުރުމާ ގުޅިގެން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެވެ
އިބްރާ ވިދާޅުވީ އެޕާޓީން ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ނަންތަކުގެ ތެރޭން 1039 ފޯމްގައި ހިމެނޭ މީހުންނަކީ އެމްއެސްއެލްޕީގެ މެމްބަރުންކަމަށް ބެލެވިދާނެކަމަށް ބުނެ އެޓާނީ ޖެނެރަލް ކޮމިޝަނަރަށް ލަފާ އަރުވާފައި ވާ ކަމަށެވެ
ކޮމިޝަނަރަށް ލަފާ އަރުވާފައިވާ ސިޓީގެ ކޮޕީއެއް ޖަޒީރާއަށް ވަނީ ލިބި ފައެވެ
އެޓާނީ ޖެނެރަލް އޮފީހުގެ ޑިރެކްޓަރ މުހަންމަދު އަނިލް ސޮއިކުރައްވާ ކޮމިޝަނަރަށް ފޮނުއްވާފައިވާ ސިޓީގެ 8 ވަނަ ނަންބަރު ގައިވަނީ ” މިސިޓީގެ 7 ވަނަ ނަންބަރުގެ (ހ) އިން (ރ) އަށް ހުރި ސަބަބުތައް އެހެން ހުރުމާއެކު, ސޯޝަލް ލިބަރަލް ޕާޓީ އުފެއްދުމަށްޓަކައި އެޕާޓީން ތިޔަ އޮފީހަށް ހުށަހަޅުއްވާފައިވާ ފޯމުތަކުގެ ތެރެއިން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ހިމެނޭ ސަބަބަށްޓަކައި ސައްހަ ނޫންކަމަށް ކަނޑައަޅުއްވާފައިވާ 1039 ފޯމުގައި ހިމެނޭ މީހުންނަކީ އެފޯމުގައި ސޮއިކުރާ ތާރީހުން ފެށިގެން ސޯޝަލް ލިބަރަލް ޕާޓީގެ މެންބަރުންކަމަށް ބެލެވިދާނެކަމަށް މި އޮފީހަށް ފެންނަ ވާހަކަ ދަންނަވަމެވެ. އަދި އެގޮތަށް ބެލުމުގައި, އެފަދަ މީހުންގެ އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ ކޮމިޝަނަރަށް ހުށަހަޅުއްވަން ޖެހޭކަމަށް ސިޔާސީ ޕާޓީގެ ގަވާއިދު 2005 ން ލާޒިމްކުރާކަމަށް މިއޮފީހަށް ނުފެންނަ ވާހަކަވެސް ދަންނަވަމެވެ.“ މިގޮތަށެވެ
އިބްރާ ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އެހެން ސިޔާސީ ޕާޓީތަކެކޭ އެއްފަދައިން އެޕާޓީވެސް ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ
” އަޅުގަނޑު ގަބޫލްކުރާގޮތުގައި ސިޔާސީ ޕާޓީގެ ގަވާއިދުގައި ބުނާ ހުރިހާކަމެއް ފުރިހަމަވެފައިވަނީ. މިކަމުގައި ޕާޓީން އިތުރަށް ކުރަންޖެހޭ ކަމެއް ނެތް. އަދި ދެންނެވިން ތިޔަ ސައްހަ ނޫންކަމަށް ބުނާ ފޯމްތައް ބެލޭނެ ގޮތެއް ހަމަޖައްސައި ދޭށޭ,“ އިބްރާ ވިދާޅުވިއެވެ
އިބްރާ ވިދާޅުވީ މިމައްސަލައާއިގެން ކޮމިޝަނަރ އޮފް އިލެކްޝަންސް ގޮވައިގެން ކޯޓަށް ދާނެކަމަށެވެ
” އަޅުގަނޑުމެން ކޯޓަށް ހުށަހަޅަން އޮތް މައިގަނޑު މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާ އެއްގޮތަށް ކޮމިޝަނަރ އޮފް އިލެކްޝަންސްއިން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫނުކުރައްވާ މައްސަލަ“ އިބްރާ ވިދާޅުވި އެވެ
އިބްރާ ވިދާޅުވީ ސިޔާސީ ޕާޓީގެ ގަވާއިދު ބުނާގޮތުގައި 30 ދުވަސްވާއިރު ރަޖިސްޓްރީކޮށް ނުދޭނެކަން އަންގާފައި ނުވާނަމަ ޕާޓީރަޖިސްޓްރީކުރުމަށް ކޮމިޝަނަރ އޮފް އިލެކްޝަންސްއަށް ލާޒިމްކުރާ ކަމަށެވެ
”އިއްޔެ ޕާޓީން ކޮމިޝަނަރަށް ފޮނުވިސިޓީގައި ގަވާއިދުގައިވާ ގޮތުގެމަތިން މިޕާޓީއަކީ ރަޖިސްޓްރީވެފައިވާ ޕާޓީއެއްކަމަށް ބުނެ ހުއްދަދޫކުރުމަށް އެދިފައިވާނެ. ދެން އެކެއް ޖެހިއިރު ކޮމިޝަނަރ އޮފް އިލެކްސަންސްއިން ޕާޓީ އުފައްދަން ދޫކުރެއްވި ހުއްދަ ބާތިލްކުރައްވައި އެކަން އެންގެވީ.“ އިބްރާ ވިދާޅުވި އެވެ
އިތުރަށް އިބްރާ ވިދާޅުވީ ދައުލަތުގެ މީޑިއާ ބޭނުންކުރައްވައިގެން ކދ. ދެއްވަމުންގެންދަވާ މެސެޖަކީ ޕާޓީ ރަޖިސްޓްރީކުރެވޭ ވަރަށް ޕާޓީއަށް މީހުން ތާއީދު ނުކުރާ ކަމުގެ މެސްޖް ކަމަށާއި, ނަމަވެސް ހަގީގަތަކީ އަންނަ އަހަރުގެ އިންތިހާބަށް އިބްރާ ވާދަކުރައްވާނެކަމުގެ ވާހަކަ ވިދާޅުވީއްސުރެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ތަފާތު ހުރަސްތަކެއް ކުރިމަތިކުރަމުން އައިސް އެންމެ ފަހުން ޕާޓީ ރަޖިސްޓްރީ ކޮށް ނުދިނީ ކަމަށެވެ
” އެމަނިކުފާނާ ދެން ކުޑަ ހިންޏެއް ވާދަ ކުރިއަސް ވެރިކަމަށް ނާދެވޭނެކަން ޔަގީން“ އިބްރާ ވިދާޅުވިއެވެ
އިއްޔެ ކޮމިޝަނަރ އޮފް އިލެކްޝަންގެ އޮފީހުން ނެރެފައިވާ އިއުލާނެއްގައި ވަނީ, ”ސިޔާސީ ޕާޓީގެ ގަވާއިދު 2005“ ގެ 6 ވަނަ މާއްދާގެ ނ ގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ސޮއި ހޯއްދެވުމަށާއި, ޕާޓީ އުފެއްދުމަށްޓަކައި ކުރަށްވަން ޖެހިވަޑައިގަންނަވާ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދެވުމަށް މއ. ބޯގަންވިލާ އަލްފާޟިލް އިބްރާހިމް އިސްމާޢީލަށް 6 ޑިސެމްބަރ 2006 ގައި ”ޝޯސަލް ލިބަރލް ޕާޓީ“ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށް މިއޮފީހުން އަރުވާފައިވާ ހުއްދަ, އެމުއްދަތުގެ ތެރޭގައި ކުރަންޖެހިވަޑައިގަންނަވާ އެންމެ މުހިންމު ކަންތައްކަމުގައިވާ ތިންހާސް މީހުން ހަމަކުރުން ”ސިޔާސީ ޕާޓީގެ ގަވާއިދު 2005“ ގެ 7 ވަނަ މާއްދާގެ ހ އާއި ށ ގައި ވާގޮތުގެ މަތިން ފުރިހަމަކުރަށްވާފައި ނުވާތީވެ ބާޠިލްކޮށްފީ މެވެ.“
ޕާޓީ ރަޖިސްޓްރީކުރުމަށް ބޭނުންވާ ކަންތައްތައް ކުރަން ކޮމިޝަނަރ ހުއްދަ ދެއްވާފައިވަނީ 6 ޑިސެމްބަރ 2006ގައި ކަމަށާއި އެއަށްފަހު, އެންމެފުރަތަމަ 3000 މީހުންގެ ސޮޔާއެކު ކޮމިޝަނަރަށް ހުށަހެޅީ 9 އޮގަސްޓު 2007 ގައިކަމުގައި އިބުރާ ވިދާޅުވިއެވެ. އަދި މި 3000 ފޯމުގެ ތެރެއިން ސައްހަނޫން ކަމަށް ކޮމިޝަނަރ ކަނޑައެޅުއްވި އަދަދަށް އަނެއްކާވެސް ފޯމް ހުށަހަޅައި އޭގެތެރެއިން ސައްހަ ނޫން ކަމަށް ކަނޑައެޅުއްވި އަދަދަށް އަނެއްކާވެސް ހުށަހަޅައި, މިގޮތަށްގޮސް ހަތަރު ފަހަރެއްގެ މަތިން ފޯމް ހުށަހެޅުއްވި ކަމަށް އިބްރާ ވިދާޅުވި އެވެ
އިލެކްޝަން ކޮމިޝަނަރ ކދ.އަހުމަދު މަނިކު ވިދާޅުވީ އިބްރާ ޕާޓީ ހެދުމަށް ހުށަހެޅި ނަންތަކުގެތެރެއިން ބައެއް ނަންތައް ބާތިލުކުރީ އެ މީހުންނަކީ އެހެން ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ ބަޔަކަށްވެފައި އެ މީހުން ނިސްބަތްވާ ޕާޓީތަކުގެ އަސާސީ ގަވާއިދުގައި ޕާޓީންވަކިވެވޭނެގޮތް ބަޔާންކޮށްފައިވާ ޕާޓީން ވަކިވެވޭނެ ކަމަށް ބަޔާންކޮށްފައިވާގޮތަށް އަމަލުކޮށްގެން އެ ޕާޓީތަކުން ވަކިވެފައި ނެތުމުން ކަމަށެވެ
”މިސާލަކަށް ޑިއާރުޕީގެ މެމްބަރުކަން މީހަކު ހޯދާފައިވަނީ އެ ޕާޓީގެ ގަވާއިދު ގަބޫލުކޮށް ލިއުމުން ހުށަހަޅައިގެން. އެހެންވެއްޖެނަމަ އެ މީހަކު އެ ޕާޓީން ވަކި ވެވޭނީ ވެސް އެ ޕާޓީގެ ގަވާއިދުގައި ބުނެފައިވާ އުސޫލެއްގެ މަތިން ޕާޓީން ވަކިވުމަށް ފުރިހަމަކުރަން ޖެހޭ ކަންތައްތައްކޮށްގެން. ހަމަ ހުރެލާފައި ޕާޓީން ވަކިވެ އެހެން ޕާޓީއަކާ ގުޅުނުކަމަށް ބުނުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން. ގަވާއިދަށް ޖެހޭނެ މެމްބަރުން އިހުތިރާމުކުރަން,“ ކދ. އަހުމަދު މަނިކު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ނަންތައް ބަލައިނުގަތުމުގައި ދެ ސަބަބެއް ވެސް އޮތް ކަމަށާއި އެއީ އެޓާނީން ދެ ސިޓީއެއް ފޮނުވި ކަމަށާއި ދެ ސިޓީގެ ތެރެއިން ފުރަތަމަ ސިޓީގައި ބުނެފައިވާ ކަންތައްތައް ދެ ވަނަ ސިޓީން ބާތިލުވާ ކަހަލަ މާނައެއް ކުރެވޭތީ އާއި އަދި ރަނގަޅުގޮތަކީ ވެސް ދެ ވަނަ ސިޓީގައި ބަޔާންކުރެވިގައިވާ ގޮތް ކަމަށްވުން ހިމެނޭ ކަމަށެވެ
މިދިޔަ މަހުގެ 15 ވަނަ ދުވަހު އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް އެޓާނީ އިބްރާހިމް ރިފްއަތު ސޮއިކުރައްވާ އިލެކްޝަނަށް ފޮނުވާފައިވާ ސިޓީގެ ތިން ވަނަ ސޮފުހާގެ ފަސް ވަނަ ފޮއިންޓުގެ (ހ)ގައި ބުނެފައިވަނީ ” ފުރަތަމަކަމަކީ ސިޔާސީ ޕާޓީގެ ގަވާއިދުގެ ހަތް ވަނަ މާއްދާގެ (ށ) އަށް ބަލާއިރު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމަށް އެދި އެ މާއްދާ (ހ)ގައިވާ ގޮތުގެ މަތިން ކޮމިޝަނަރަށް ހުށަހަޅާ މީހުންނަކީ އެ ގަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އެހެން ޕާޓީއެއްގެ މެމްބަރުންކަމުގައިވެގެން ނުވާނެ ކަމަށް ބުނެފައިވާކަން ފާހަގަކުރެވެ އެވެ. މީގެ މާނައަކީ ސިޔާސީ ޕާޓީގެ ގަވާއިދު 2005ގެ ދަށުން ސޯޝަލް ލިބަރަލް ޕާޓީ އުފެއްދުމަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ހުށަހަޅާފައިވާ މީހުންނަކީ އިސްވެ ދެންނެވުނު ގަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ މެމްބަރުންކަމުގައިވެގެންނުވާނެ އެވެ
އެހެން ނަމަވެސް ހަވާލާދީފައިވާ ތިޔަ ކޮމޮޝަނުގެ ސިޓީގައި ވިދާޅުވެފައިވާފަދައިން ސޯޝަލް ލިބަރަލް ޕާޓީ އުފެއްދުމަށް ޓަކައި އެ ޕާޓީގެ މެމްބަރުންގެގޮތުގައި ހުށަހަޅާފައިވާ މީހުންގެ ތެރޭގައި ސިޔާސީ ޕާޓީގެ ގަވާއިދު 2005ގެ ދަށުން އުފައްދާ ރަޖިސްޓްރީކޮށް, ސިޔާސީ ޕާޓީގެ ދަފުތަރުގައި ރިކޯޑްކޮށްފައިވާ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 1238 މީހުން ސޯޝަލް ލިބަރަލް ޕާޓީގެ މެމްބަރުންގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. ވީމާ އިސްވެ ދެންނެވުނުގޮތުގެ މަތިން އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން ސޯޝަލް ލިބަރަލް ޕާޓީގެ މެމްބަރުންގެގޮތުގައި ބެއްލެވުމަކީ ސިޠާސީ ޕާޓީގެ ގަވާއިދު 2005ގެ ތިން ވަނަ މާއްދާ އާއި ހަތް ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފުވާނެކަމެކެވެ,“
No comments:
Post a Comment