Friday, January 11, 2008

އަމީނީގޭގައި ހަދަމުންގެންދާ 16 ބުރީގެ ހޮޓާލުގެ މައްސަލަ: އިތުރު ގެއްލުންތައް ވަމުންދާ ނަމަ މަސައްކަތް ހުއްޓުވުމަށް ފަސް ނުޖެހޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވެއްޖެ


ހެންވޭރު އަމީނީގެ ޕައިލް ޑްރައިވްކޮށްގެން ހަދަމުންދާ 16 ބުރީގެ އިމާރާތުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ފެންނަކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެނާރޖީ އެންޑް ވޯޓަރ އަހުމަދު އަބުދުﷲ ވިދާޅުވެއްޖެ އެވެ

އަހުމަދު އަބުދުﷲ މިހެން ވިދާޅުވީ ރޭ ޓީވީއެމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެމުންނެވެ. މާލޭގެ މީހުން ދިރިއުޅޭ ހިސާބު ގަނޑެއްގައި އަދި އިމާރާތްތައް އެހާގިނަ ހިސާބެއްގައި 16 ބުރީގެ އިމާރަތް ކުރަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާކަންވެސް މިނިސްޓަރު ވިދާޅުވި އެވެ

މިނިސްޓަރު ވިދާޅުވީ މި އިމާރާތް ހަދަމުންދާއިރު ކައިރީގައި ހުރި ގެތަކަށް ގެއްލުންވަމުން ދާނަމަ އެކަން އެގޮތަށް ކުރުމަކީ ވިސްނާލަށް ޖެހޭ ކަމެއް ކަމަށް ކަމަށެވެ. އަދި މިގޮތަށް ގެއްލުން ވަމުންދާނަމަ މިމަސައްކަތް ހުއްޓުވުމަށް އެއްވެސް ޖެހިލުމެއް ނުވާނެ ކަމަށާއި އަދި އެއީ އެ މިނިސްޓްރީ ކުރަން ޖެހޭނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ

އޭނާ ވިދާޅުވީ ރާއްޖޭގައި ވަސީލަތްތައް މަދުވުމުން މިފަދަ އިމާރަތެއް ހަދާއިރު ތިމާވެށީގެ ގޮތުން ބިންގަނޑަށް ލިބޭ ގެއްލުން ނޭނގޭނެ ކަމަށާއި އަދި ބެލޭނެ ގޮތެއްވެސް ނޯންނާނެ ކަމަށެވެ

މިކަމާގުޅިގެން މުނިސިޕަލްޓީގެ ޑިރެކްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ އެއިމާރާތް ހެދުމުގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވަޔަރަމަންޓް މަޝްވަރާތައް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެފަރާތްތަކުން އިމާރާތް ނުކުރުމަށް އެންމެ ފުރަތަމަ އަންގާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން އެއިމާރާތަކީ ތިމާވެށީގެ ގޮތުން ކޮށްފާނެ އަސަރުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ އިމާރާތެއް ނޫން ކަމަށެވެ

” އަޅުގަނޑުމެން އެހެންވެ ފުރަތަމަ ފެށިއިރު އެންވަޔަރަންމަންޓް މިނިސްޓްރީއާ މަޝްވަރާ ނުކުރީވެސް.“ އަކުރަމް ވިދާޅުވި އެވެ

އަކުރަމް ވިދާޅުވީ ދެ ވަނަ ފަހަރު އެއިމާރާތް ހަދަން ހުއްދަ ދިނީވެސް އެންވަޔަރަމަންޓް މިނިސްޓްރީގެ މަޝްވާރާގެ މަތިން ކަމަށާއި އިންޖީނިއަރުން ބެއްލެވުމަށް ފަހު ކައިރީގައި ހުރި އިމާރާތްތަކަށް ސްޓްރަކްޗަރަލް ގެއްލުމެއް ލިބިފައި ނެތް ކަމަށް ވިދާޅުވުމުން ކަމަށެވެ

މާލޭ ހޮޓެލްސްގެ އެއްއޯނަރު ކަމަށްވާ އަބްދުއްސައްތާރު އަލީ ވިދާޅުވީ އެ ހޮޓަލުގެ މަސައްކަތް އަލުން ފަށައިފައި ވަނީ އެންވަޔަރަމަންޓް މިނިސްޓްރީ ފުރިހަމަ ކުރުމަށް ޝަރުތުކޮށްފައިވާ ކަންތައްތައް ފުރިހަމަކުރުމަށް ފަހު ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންޖިނޭރުން ވެސް ގެއްލުންތައް މޮނިޓަ ކުރުމަށް ފަހު މަސައްކަތް ފެށުމުގެ ހުއްދަ ދިނުމުންނެވެ

ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ވިދާޅުވީ އެތަނާ އިންވެގެން ހުރި އިމާރާތްތަކަށް ލިބިފައިވަނީ ސްޓްރަކްޗަރަލް ގެއްލުމެއް ނޫންކަމަށާއި ފެބްރިކް ގެއްލުމެއް ތަކެއް ކަމަށެވެ. އަމީނީގޭގައި ކުރަމުންދާ އިމާރަތުގެ ސަބަބުން އެހިސާބުގެ ބައެއް ގޭގެއަށާއި ޢިމާރަތަކަށް ވަނީ ގެއްލުން ވެފައެވެ. މިކަމާއި ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީއާއެކު މިކަން ބެލުމަށް ސަރުކާރުގެ ކަމާއިބެހޭ ޓީމެއް އެ ސަރަހައްދަށް ގޮސްފައި ވެއެވެ. އެހެންނަމަވެސް މިމަސައްކަތް ހުއްޓާލުމަށް އެފަރާތުން އަންގައި އަދި ލަފާ ދީފައިވާކަމަށް މައުލޫމާތު ލިބިފައެއް ނެތެވެ

No comments: