Tuesday, January 1, 2008

މިނިސްޓަރާ ބައްދަލުކުރަން އެޓޯލްސް މިނިސްޓްރީތެރޭތިބި މިލަދޫ ބަޔަކު ބޭރުކޮށްލައިފި

ު

އެޓޯލްސް މިނިސްޓަރު އަހުމަދު ތަސްމީނު އަލީއާ ބައްދަލުކުރަން މިނިސްޓްރީއަށް ގޮސްތިބި ބަޔަކު ފުލުހުންގެ ބޭރުކޮށްލައިފި އެވެ

މިއަދު ހެނދުނު 9:30 ހާއިރު މިލަދޫ ރައްޔިތުންގެ ތެރޭއިން މާލޭގައި ދިރިއުޅޭ, 15 ވަރަކަށް މީހުން އެޓޯލްސް މިނިސްޓްރީއަށް ގޮސް އެޓޯލްސް މިނިސްޓަރ އަހުމަދު ތަސްމީނު އަލީއާ ބައްދަލުކޮށްދިނުމަށް އެދެމުންދަނިކޮށް ފުލުހުން ގޮސް އެމީހުން ބޭރަށް ނެރެފައިވަނީ މިއަދު މެންދުރު 12 ޖަހާއެހާ އިރުކަމަށް އެތަނުގައި ހުރި މިލަދޫ ރައްޔިތެއްކަމަށްވާ އިބްރާހިމް މޫސާ ޖަޒީރާއަށް މައުލޫމާތު ދިނެވެ

” މިނިސްޓަރ ބައްދަލުކޮށްދިނުމަށް އެދުމުން ބުނީ މިނިސްޓަރ މަޖިލިހުގައި ޖަލްސާގައިކަމަށް, މިނިސްޓަރާއި ބައްދަލުނުކޮށެއް ނުދާނަށް, އެހެންތިއްބާ ކުއްލިއަކަށް ފުލުހުން އައިސް ބޭރަށް ނެރުނީ, މިއީ ރައްޔިތުން މިއަދު ވަޒީރަކާ ބައްދަލުކުރަން ބޭނުންވީމަ ވާގޮތަކީ,“ އިބްރާހިމް މޫސާ ބުންޏެވެ

ނަމަވެސް ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ވަނީ ހުއްޓާލާފަ އެވެ

މިކަމާ ގުޅިގެން އެޓޯލްސް މިނިސްޓްރީން ބުނީ މިއަދު މިލަދޫ ބަޔަކު މިނިސްޓަރާ ބައްދަލުކުރުމަށް ދިޔަކަމަށާއި އަދި މިނިސްޓަރާ ބައްދަލުކުރުމުގެ ފުރުސަތު އެފަރާތަށް ދެއްވިކަމަށްވެސް އެމިނިސްޓްރީ ބުންޏެވެ. އަދި މިނިސްޓަރު ފުރަތަމަ ބައްދަލުކުރެއްވުމަށް ހަމަޖެއްސެވީ އަންނަ އާދިއްތަ ދުވަހުކަމުން އެކަމާ އެމީހުން ހިތްހަމަ ނުޖެހުމުން މިއަދު ހަވީރު ބައްދަލުކުރައްވާ ގޮތަށް ބަދަލު ކުރެއްވިކަމަށެވެ

މިނުސްޓްރީން ބުނީ އެގޮތަށް ހަމަޖެއްސުމުންވެސް އެމީހުން ބޭނުންވީ 4 ޖަހަންދެން މިނިސްޓްރީގައި ތިބުމަށެވެ

” މައްސަލަޖެހުނީ ހަތަރެއް ޖަހަންދެން އެމިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި އެމީހުން ތިބެއް ބޭނުންވުމުން. އެގޮތާއި މިނިސްޓްރީ އެއްބަސް ނުވުމުން.“ މިނިސްޓްރީން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ

މިކަމާ ގުޅިގެން މޯލްޑިވިސް ޕޮލިސް ސާރވިސް އިން ބުނީ އެޓޯލްސް މިނިސްޓަރާ ބައްދަލުކުރެވޭ ނެގޮތް ހަދާއިދިނުމުންވެސް އެމިނިސްޓްރީން ނުނިކުންނަ މަސައްކަތްކުރިބަޔަކު ފުލުހުން ގޮސް މިއަދު ނެރެފައިވާ ކަމަށެވެ

މީގެ އިތުރުން މިލަދޫ ރައްޔިތުން ނިކުމެ މިލަދޫ ރަށު އޮފީހާއި ކޯޓު އިއްޔެވަނީ ބަންދު ކޮށްފައެވެ. މިލަދޫ ރަށު އޮފީސް ބަންދުކުރީ ރައްޔިތުންނަށް ނުލިބިވާ ހައްގުތަކެއް ހޯދުމަށް ކަމަށް މިލަދޫ ރައްޔިތުން ބުނެއެވެ

މިކަމާ ގުޅިގެން އަތޮޅު އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި އަތޮޅު ވެރިޔާގެ ބަދަލު މުހައްމަދު އަލީ ވިދާޅުވީ މިފަދަ މައްސަލަތަކަކީ ކުއްލިއަކަށް ހައްލުކޮށްދެވޭނެ ކަންތައްތަކެއް ނޫންކަމަށާއި އަދި އޮފީސް ހުޅުވައިގެން ލިޔެކިޔުމުން މުއާމަލާތު ކޮށްގެން މައްސަލަ ހައްލުކުރުމަށް އެންގުމުން ރައްޔިތުން އެގޮތަށް އަމަލުކުރަން ބޭނުންނުވާކަމަށެވެ

No comments: