ހިމަންދޫގައި ހިންގި ހަމަނުޖެހުން: 16 މީހެއްގެ މައްސަލަ ކޯޓަށް ފޮނުވައިފި
މިއަހަރު އޮކްޓޯބަރ 5 ވަނަ ދުވަހު އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރު ކުރެވުނު 63 މީހުންގެ ތެރެއިން 16 މީހެއްގެ މައްސަލަ ކޯޓަށް ފޮނުވައިފި އެވެ
އެޓާނީޖެނެރަލް އޮފީހުން މިއަދު ބުނީ މިއަދު ކޯޓަށް ފޮނުވި 16 މީހުންގެ ތެރެއިން 4 މީހެއްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާ ކަމަށާއި ބާކީ މީހުންގެ މައްޗަށް ކޮށްފައިވަނީ ގައިރުގާނޫނީ އެއްވުމަކުން ބާރުދެއްކުމުގެ ދައުވާ ކަމަށެވެ
އޭޖޭ އޮފީހުން މިއަދު ބުނީ ކޯޓަށް މައްސަލަ ފޮނުވި 16 މީހުންގެ ތެރޭގައި ހިމެނެނީ ހިމަންދޫ 8 މީހަކާއި މާލޭން އެރަށް ގޮސްއުޅުނު 8 މީހެއްގެ މައްސަލަ ކަމަށެވެ
އޭޖޭ އޮފީހުން ބުނީ މިމައްސަލާގައި ހިމެނޭ ބައެއް މީހުންގެ ޝަރީއަތްތައް މިހާރުވެސް ކޯޓުގައި ހިނގަމުންދާ ކަމަށާ އެހެން ނަމަވެސް އެއީ މިމައްސަލައާ ގުޅުންހުރި ޝަރީއަތްތަކެއް ނޫން ކަމަށެވެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޭޖޭ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަންނަ ހަފްތާގައި އިތުރު 17 މީހެއްގެ މައްސަލަ ކޯޓަށް ފޮނުވާނެ ކަމަށެވެ
” ފުލުހުން މިމީހުންގެ މައްސަލަތައް އަޅުގަނޑުމެންނަށް ފޮނުވަމުންދާ ވަރަކަށް އަޅުގަނޑުމެން ބަލާ ކޯޓަށް ފޮނުވާނަން,“ އޭޖޭ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ
No comments:
Post a Comment