ރާއްޖޭގެ ކަނޑުން 40 މޭލު ގެއްލޭކަމަށް ޑރ. ހަސަން ވިދާޅުވުން: ގެއްލޭނީ ކަނޑުން 60 މޭލު
ރާއްޖޭން ދެކުނުގެ ކަނޑުގެ ސަރަހައްދުން ގެއްލިގެންދާނީ 40 މޭލު ނޫން ކަމަށާއި 60 މޭލުގެ ސަރަހައްދެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގައި އިގިރޭސީންނާއި ދެމެދު 60 މޭލުގެ ސަރަހައްދަކާ މެދު ޚިޔާލު ތަފާތުވެފައިވާ ކަމަށެވެ
އާޒިމާ ވިދާޅުވީ މިމައްސަލައާ ގުޅިގެން 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ
ސަރުކާރުގެ އިހުމާލުން ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދުން 40 މޭލު ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައިދު ދެއްވީ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގަ އެވެ
އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމަށްޓަކައި އިންތިގާލީ ސަރުކާރެއް ގާއިމު ކުރަން ޖެހޭނެ ކަމަށް ގޮވާލައި އެ ފަދަ ސަރުކާރެއްގެ ބޭނުން އަންގައިދިނުމަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމައާތްތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އައްޑު އަތޮޅު ގަމުން ފެށިގެން ކަނޑުގެ ސަރަހައްދުން ބޮޑޫ ބައެއް ގެއްލިގެން ހިނގައިދާނެތީ އެކަން ހައްލުކުރުމަށް ތަފާތު މަސައްކަތްތަށް އޭނާ ސަރުކާރުގައި އުޅުއްވި އިރު ކުރެއްވި ކަމަށެވެ
ހަސަން އިތުރަށް ވިދާޅުވީ އައްޑު އަތޮޅުން ފެށިގެން ދެކުނު ސަރަހައްދު ކަނޑުން ބޮޑު ބައެއް ރާއްޖެ އަށް ގެއްލިގެންދަނީ އެ ދިމާ ބޭރުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް ހިންގާ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދު ބޮޑުކުރުމުގެ ބޭނުމުގައި ދެ ފަހަރެއްގެ މަތިން އެކި ނަންނަމުގައި އިނގިރޭސިން ދެ ފަހަރެއްގެ މަތިން ޒޯނުތަކެއް ކަނޑައެޅުމުން ކަމަށެވެ
”އެންމެ ފުރަތަމަ އެ މީހުން އެންވަޔަރުމަންޓް ޒޯނުގެ ނަމުގައި ޒޯނެއް ކަނޑައެޅި. އޭގެ ފަހުން ވެސް ވަނީ ކޮންމެ ވެސް އިތުރު ޒޯނެއް ކަނޑައަޅައި ކަނޑުގެ ސަހަރައްދުގެ ބޮޑު ބައެއް މީހުންގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސްފައި. އެ ސަރަހައްދުތަކަކީ އިނގިރޭސިންނަށް އެހާ ފަސޭހައިން ލިބޭނެ އޭރިޔާތަކެއް ނޫން ރާއްޖެއިން އެކަމާ އުޅޭ ނަމަ,“ ޖަޒީރާއަށް ދެއްވި އިންޓަވިއުގައި ޑރ. ހަސަން އއިްޔެ ވިދާޅުވި އެވެ
ރާއްޖެއާ ގާތްގަނޑަކަށް 500 މޭލުކައިރީގައި އޮންނަ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދު ބޮޑުކުރުމަށް އިނގިރޭސިންކޮށްފައިވާ މަސައްކަތް ހައްލުކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ފުރުސަތު ހުޅުވިފައިވަނީ މި އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ
”ސަރުކާރުގައި އުޅުނު އިރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުމަށް ފައިސާ ހޯދުމަށް އެދުނިން. ނަމަވެސް ފައިސާ ލިބޭގޮތެއްނުވި ސަރުކާރު ދޫކޮށް އައި އިރު ވެސް. އަޅުގަނޑު މަސައްކަތްކުރީ އެ މައްސަލަ ހައްލުކުރުމަށް އިނގިރޭސިންނާ ވާހަކަ ދައްކަން. އަދި އެވަރުންނުވި ނަމަ ބައިނަލް އަގުވާމީ ކޯޓަށް ވެސް ދާން. އެވަރުނުކުރަންވި ސަބަބެއް ނެތް. އެ ދަނީ ދިވެހިންގެ މަސް ކަނޑުގެ ބޮޑު ބައެއް,“ ޑރ. ހަސަން ވިދާޅުވި އެވެ
ދިވެހިންގެ ގަދީމީ މަސައްކަތްކުރުމަށް ލިބިފައިވާ ކަނޑުގެ ބޮޑު ބައެއް ގެއްލިގެންދާ މައްސަލަ ހައްލުކުރަން ފައިސާ ނުލިބިގެންދާއިރު އެހެން ބޭކާޜު ހަރަދުތައް ކުރަމުންދާކަމަށާއި އެކަމަކީ ދިވެހިން ގަބޫލުކުރާނެކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
”މި މައްސަލައަކީ މިހާރު ހައްލު ނުހޯދައިފިނަމަ ލިބޭނެ އެއްޗެއް ނޫން. އެކަމަކު ސަރުކާރުން ކުރާ އެހެން ހަރަދުތަކަކީ ފަހުން ވެސް ކުރެވިދާނެ އަދި އޭގެ މަންފާ ހޯދާނެ ކަންކަން. ނަމަވެސް ކަނޑުގެ ބައެއް ހޯދުމަށް ވަކި މުއްދަތެއް އޮތް އިރު އެ މުއްދަތު ފަހަނައަޅާއިދާއިރު ފައިސާ ނެތޭ ކިޔައިގެން ތިބުމަކީ ގޯހެއް. ހަގީގަތުގައި ފައިސާ ނެތިއްޔެއްނޫން. އެހެން ކަންކަމަށް ފައިސާ ހަރަދުކުރާއިރު ކަނޑުގެ ބައެއް ހޯދަން ނެތިގެން އުޅެނީ,“ޑރ. ހަސަން ވިދާޅުވި އެވެ
No comments:
Post a Comment