ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ މައްސަލާގައި ރާއްޖެއާ އިނގިރޭސިވިލާތާ ދެމެދު ވެވުނު އެއްބަސްވުމަށް ނުރުހޭކަން އަންގާފައެއް ނުވާނެ: އާޒިމާ
ރާއްޖެއާ ފޯޅަވަހި (ޑިއޭގޯ ގާސިއާ)އާ ދެމެދު އިގްތިސާދީ ސަރަހައްދު ހަމަހަމައަށް ބެހުމަށް ވެފައިވާ އެއްބަސްވުމަށް ނުރުހޭކަން ފާޅުކޮށް އިގިރޭސިވިލާތުގެ ސަރަކާރަށް އެއްވެސް މެސެޖެއް ދެވިފައި ނުވާނެ ކަމަށް އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ
މިއަދު މެންދުރު ފަންސަވީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ ޑރ.ހަސަން ވިދާޅުވެފައިވަނީ ދޮގު ކަމަށާއި އޭގެ ބަދަލުގައި ރާއްޖޭގެ ސަރަހައްދުން ގެއްލިގެން ދަނީ 60 މޭލު ކަމަށާއި އެ މައްސަލާގައި އިގިރޭސި ސަރުކާރާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމާ ސަރުކާރުން ގަބޫލު ނުވާކަން އެފަރާތަށް އަންގާފައި ނުވާނެ ކަމަށެވެ
” 1998 ވަނަ އަހަރުން ފެށިގެން ފޮރިން އެފެއާޒްއިން އެބައޮތް ކޮންމެވެސް ވަރަކަށް އިގިރޭސި ސަރުކާރާއެކު ވާހަކަދައްކާފައި. އެހެން ނަމަވެސް 2004 ވަނަ އަހަރުގެ މި ޑެކްލަރޭޝަނަށްފަހު މިމައްސަލާގައި ރާއްޖެއިން ދެކޭގޮތް ޔޫއެންއަށް ހުށަހަޅާފައެއް ނެތް,“ އާޒިމާ ވިދާޅުވި އެވެ
އާޒިމާ ވިދާޅުވީ މިމައްސަލަ ނިންމުމަށް ލިބިފައިވާ މުއްދަތު ހަމަވިއިރު މިމައްސަލަ ރައްޔިތުންގެ މަޖުލީހަށް ނުފޮނުވަ ވަނީ މި މައްސަލާގައި ސަރުކާރުން ވަކި ގޮތެއް ނިންމާފައި ނެތުމުން ކަމަށެވެ
” އަޅުގަނޑުމެންނަށް މިއުޅެވެނީ ވަކި ގޮތަކަށް ނުނިންމިގެން. ވަކިގޮތެއް ނިމިގެންކަން ނޭނގޭ މި މަޖުލީހަށްދާނީ“ އާޒިމާ ވިދާޅުވި އެވެ
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ކުރީގެ އެޓާނީ ޖެނެރަލް ޑރ.ހަސަން ސައީދު ވަނީ ސަރުކާރުގެ އިހުމާލުން ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ
އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމަށްޓަކައި އިންތިގާލީ ސަރުކާރެއް ގާއިމު ކުރަން ޖެހޭނެ ކަމަށް ގޮވާލައި އެ ފަދަ ސަރުކާރެއްގެ ބޭނުން އަންގައި ދިނުމަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމައާތްތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ހަސަން ވިދާޅުވީ އައްޑު އަތޮޅު ގަމުން ފެށިގެން ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ހިނގައިދާނެތީ އެކަން ހައްލުކުރުމަށް ތަފާތު މަސައްކަތްތައް އޭނާ ސަރުކާރުގައި އުޅުއްވި އިރު ކުރެއްވި ކަމަށެވެ
ޖަޒީރާ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ.ހަސަން މިއަދު ވިދާޅުވީ އައްޑު އަތޮޅުން ފެށިގެން ދެކުނު ސަރަހައްދު ކަނޑުން ބޮޑު ބައެއް ރާއްޖެ އަށް ގެއްލިގެން ދަނީ އެ ދިމާ ބޭރުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް ހިންގާ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދު ބޮޑުކުރުމުގެ ބޭނުމުގައި ދެ ފަހަރެއްގެ މަތިން އެކި ނަންނަމުގައި ދެ ފަހަރަކު ޒޯނުތަކެއް ކަނޑައެޅުމުން ކަމަށެވެ
No comments:
Post a Comment