ބަޖެޓް ޖަލްސާ: ޚަރަދު ނުކުރެވޭ ފަދަ ބޮޑު ބަޖެޓެއް ކަނޑައެޅުމަކީ ގޯހެއް : މިނިސްޓަރު ހިލްމީ
ދުނިޔޭގެ އެހެން ގައުމުތައް ބިރުގެންނެވުމުގެ ގޮތުން ޚަރަދު ނުކުރެވޭ ވަރުގެ ބޮޑު ބަޖެޓެއް ކަނޑައެޅުމަކީ ގޯހެއް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސް ހުސައިން ހިލްމީ ވިދާޅުވެއްޖެ އެވެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ހިލްމީ ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް ކަނޑައެޅި އަދަދުތަކާ ގާތްކުރާ ވަރަށްވެސް ޚަރަދު ނުކުރެވޭ ކަމަށާއި ގައުމުތައް ބިރުގެންނެވުމަށް ބޮޑެތި ބަޖެޓްތައް ކަނޑައެޅުމަކީ ގޯހެއް ކަމަށެވެ
” ޚަރަދު ނުކުރެވޭނެ ފައިސާ ނުހިމަނަންވީ. މިދިޔަ އަހަރު ބޮޑެތި އަދަދުތައް ޖަހައިގެން 3 ސަރަހައްދެއް ތަރައްގީކުރަން ހިމެނި. އެކަމަކު މިއަހަރު އެކަމެއްނެތް. ގައުމީ ތަރައްގީއަށް ކުރާ ޚަރަދުތަކުގެ ފައިދާ ފެންނާކަށް ނެތް“ ސަރުކާރުން އިސްތިއުފާ ދެއްވަން އުޅުއްވާކަމަށް އަޑު ފެތުރިފައިވާ ހިލްމީ ވިދާޅުވި އެވެ
ރައީސުލް ޖުމްހޫރިއްޔާގެ މެންބަރ ހުސައިން ހިލްމީ ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ހޯލްޑިންގ އެއްކުންފުނި އުފައްދަން މިދިޔަ އަހަރުގެ ބަޖަޓް ކޮމެޓީން ކަނޑައެޅި ކަމަށާއި އެކަމަކު އެކަންވެސް އޮތީ ނުކޮށް ކަމަށެވެ. އަދި އެނޫނަސް މިދިޔަ އަހަރުގެ ބަޖެޓް ކޮމެޓީން ހުށަހެޅި މުހިއްމު ގިނަ ކަންތައްތައް ނުވެ ހުރިކަން ހިލްމީ ފާހަގަކުރެއްވި އެވެ
”އެކުންފުނިތަކުގެ ބޯޑުގައި ތިބެނީކީވެސް އެކަން ކުރެވޭވަރުގެ ބައެއް ނޫން“ ހިލްމީ ވިދާޅުވިއެވެ
ހިލްމީ ވިދާޅުވީ އަންނަ އަހަރު ލިބޭނޭކަމަށް ބުނެފައިވާ ފައިސާ ލިބޭނޭ ގޮތްތަކެއް ރަނގަޅަށް އެނގޭކަށް ނެތް ކަމަށާއި ޚަރަދުތައް ދަނީ އަދި ދާނީވެސް ދުވަހެއް ދުވަހަކަށް މައްޗަށްކަން އެނގެން އޮތްކަމަށެވެ
”49 ޕަސެންޓް ބޭރުގެ ދަރަނީގެ ގޮތުގައި. ޑޭންޖަރަސް ޒޯނަށް އަދި ނޭރިނަމަވެސް މިއީ ވަރަށްބޮޑު ވޯނިންގ ސައިނެއް“ ހިލްމީ ވިދާޅުވިއެވެ
ހިލްމީ ވިދާޅުވީ އެމިނިސްޓްރީން އެދުނު ވަރަށް ސަރުކާރުން ބަޖެޓެއް ނުދެއްވި ކަމަށާއި ނަމަވެސް އިފާޑުގެ އެހީގައި ޕްރައިވެޓް ސެކްޓަރތަކާއި ގުޅިގެން ވަރަށް ބޮޑު ޕްރޮޖެކްޓެއް އަންނަ އަހަރު އެމިނިސްޓްރީން ފެއްޓެވުމަށް ނިންމަވާފައި ވާކަމަށެވެ
No comments:
Post a Comment