Thursday, January 10, 2008

އަމީނީގޭގެ 16 ބުރީގެ އިމާރާތް ހެދުމުގެ ހުއްދަ ދިންއިރު އެންވަޔަރަންމަންޓް މިނިސްޓްރީއާ މަޝްވަރާ ކޮށްފައިނުވާކަމަށް އެފަރާތުން ބުނެފި


ހެންވޭރު އަމީނީގޭގައި ހަދަމުންގެންދާ 16 ބުރީގެ ހޮލިޑޭއިން ހޮޓަލުގެ އިމާރާތް ހެދުމުގެ ހުއްދަ ދިން އިރު އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މަޝްވަރާކޮށްފައިނުވާކަމަށް އެ މިނިސްޓްރިން ބުނެފިއެވެ

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ އިމާރާތަކީ އާންމުކޮށް ހަދާ އިމާރާތްތަކަށްވުރެ އުސްކޮށް އަދި އިމާރާތުގެ ސްޓްރަކްޗަރ ހެދުމުގައިވެސް މީގެ ކުރިން ރާއްޖޭގައި ބޭނުންކޮށްފައިނުވާ, ތަޅާ ވައްދައިގެން ޑީޕް ޕައިލް ކޮށްގެން ހަދަމުންދާ އިމާރާތެއް ކަމަށެވެ

އެމިނިސްޓްރީން ބުނީ އިމާރާތް ހެދުމާބެހޭ ގަވައިދު އޮންނަގޮތުން އިމާރާތް ހެދުމުގެ ކުރިން ތަރައްގީގެ ބޮޑެތި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް އަސަރުކުރާ މިންވަރު ނުވަތަ އީއައިއޭ ހެދުން ހިމެނިފައެއް ނުވެއެވެ. އެހެންނަމަވެސް މާލެއާއި ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމުންނާއި ކުރިމަތިވަމުން އަންނަ ނުރައްކާތަކުގެ ސަބަބުން އާދަޔާ ޚިލާފު ބޮޑެތި މަޝްރޫއުތައް އާ ޓެކޮނޮލްޖީ ބޭނުންކޮށްގެން ހިންގާއިރު އެމަޝްރޫއުއަކީ ތިމާވެށީގެ ގޮތުން ހިންގުން އެންމެ ރަނގަޅު މަޝްރޫއުއެއްތޯ ބެލުމަކީ ކަމާބެހޭ އޮފީސްތަކުން ވިސްނާ ކަމެކެވެ. ނަމަވެސް އިމާރާތް ހެދުމުގެ ހުއްދަ ދެއްވިއިރު އެ މިނިސްޓްރީއާއި މަޝްވަރާ ކޮށްފައިނުވާ ކަމަށެވެ

އެންވަޔަރަންމަންޓް މިނިސްޓްރީން އިތުރަށް ބުނީ އިމާރާތް ހަދަން ފަށައިގެން އެތަން ހެދުމަށްޓަކައި ތަޅާވައްދައިގެން ޑީޕްލައިން ކުރުމުގެ ސަބަބުން ކައިރީގައި ހުރި ގެތަކަށް ވަރަށްބޮޑަށް ވައިބްރޭޝަންގެ އަސަރުކުރާތީ ބައެއް ފަރާތްތަކުން އެމިނިސްޓްރީއަށް އެކަން ހުށަހެޅުމުން އިމާރާތް ހެދުމަށް ހުއްދަ ދިން ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އީއައިއޭ ނުހަދާ އިމާރާތުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެމިނިސްޓްރީން އަންގައި އެކަން ހުއްޓާފައި ވާނެ ކަމަށެވެ

އެ މިނިސްޓްރީން ބުނީ ތަޅައި ވައްދައިގެން ޑީޕްޕައިލްކޮށްގެން އިމާރާތް ކުރުމަކީ އެމިނިސްޓްރީއަށް ފެންނަ ކަމެއް ނޫން ކަމަށާއި އަދި އަމީނީގޭގައި އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އީއައިއޭ އެއް ހަދަންޖެހޭނެކަމުގައި އެ މިނިސްޓްރީން ކަމާބެހޭ ފަރާތްތަކުގައި އެންމެ ކުރިންސުރެވެސް ދަންނަވާފައިވާނެ ކަމަށެވެ

އެގޮތުގެ މަތިން އެމިނިސްޓްރީއަށް އީއައިއޭ ހަދައި އީއައިއޭގައިވާ މިންގަޑުގެ މަތިން ޑީޕްޕައިލް ކުރުމުން އުފެދޭ ވައިބްރޭޝަން, ކަނޑައެޅިފައިވާ ސަރަހައްދު ތަކެއްގައި މޮނިޓަރ ކޮށްގެން ރަނގަޅަށް ބަލައި ޗެކްކޮށްގެން އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމިނިސްޓްރީން އީއައިއޭ ފާސްކޮށްދީފައިވާ ކަމަށެވެ. އަދީ އޭގެ ހުއްދަ ދީފައިވާނީ އޭގައި ބަޔާންކޮށްފައިވާ މިންގަނޑު ތަކުން ބޭރަށް ހިނގައްޖެނަމަ އަދި މިންގަނޑު ފަހަނައަޅާ ނުދިޔަ ނަމަވެސް ކައިރީގައި ހުންނަ ގޭގެ އަށާއި އިމާރާތްތަކަށް އަސަރުކުރާނަމަ, މަސައްކަތް ހުއްޓާލަން ޖެހޭނެ ކަމަށާއި, އަދި އޭގެ ސަބަބުން ކައިރީގައިވާ ގޭގެ އާއި އިމާރްތަކަށް ލިބޭ ގެއްލުމުގެ ބަދަލު އިމާރާތް ހަދާ ފަރާތުން ދޭން ޖެހޭނެ ކަމަށެވެ

މި އިމާރާތް މިދެންނެވިގޮތަށް ހަދަމުން ގެންދިޔައިރު ކައިރީގައިވާ ބައެއް ތަންތަނަށް ގެއްލުން ވަމުން ދާކަމަށް އެމިނިސްޓްރީއަށް އެގިގެން އެކަން ބެލުމަށް މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް އެމިނިސްޓްރީން އަންގާފައިވާ ކަމަށެވެ. މަސައްކަތް ހުއްޓާލުމަށްފަހު ބަލަންޖެހޭ ބެލުންތައް ކަމާބެހޭ ފަރާތްތަކުން ބެލުމަށްފަހު ކައިރީގައި ހުރި އިމާރާތްތަކުން މިހާތަނަށް ފެނިފައިވާ އަސަރުތަކަކީ އެ އިމާރާތް ތަކުގެ ސްޓްރަކްޗަރއަށް ނުރައްކާތެރި ކަމެއްނޫންކަމަށް ބަލައި, އަމީނީގެ ހޮޓާ އެޅުމުގެ މަސައްކަތް އިތުރަށް ބަލައި މޮނިޓަރ ކޮށްގެން ގެންދިއުމަށް މާލޭ މުނިސިޕަލްޓީން ވަނީ ހުއްދަ ދީފައިކަމަށެވެ

ނަމަވެސް ކައިރީގައި ހުރި އިމާރާތް ތަކާއި ބިންގަނޑުން ފެންނަން ހުރި ގެއްލުންތަކެއް ލިބިފައިވާތީ އާއި ފެންނަންނެތް ބޮޑެތި ގެއްލުންތަކެއް އިމާރާތްތަކަށް ކުރުން އެކަށީގެންވާތީ, ތަޅާ ވައްދައިގެން ޑީޕްޕައިލް ކުރުމުގެ ބަދަލުގައި އެނޫން ގޮތަކަށް ޑީޕްޕައިލްކޮށްގެން އެއިމާރާތް ކުރެވިދާނެތޯ ބަލަމުން ގެންދާ ކަމަށެވެ

No comments: