Thursday, January 10, 2008

ރައީސް އަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކުރުމަށް, އެއްވެ އުޅުމުގެ ގަވާއިދާ ޚިލާފަށް ތިން ރަށެއްގައި އެއްވުންތަކެއް ބާއްވައިފި

ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމަށް އަމާޒުކޮށް ހއ. ހޯރފުށީގައި އިއްޔެ ދިން ހަމަލާ ކުށްވެރިކުރުމުގެ ގޮތުން, އެއްވެ އުޅުމުގެ ގަވައިދާ ހިލާފަށް ތިން ރަށެއްގައި އެއްވުންތަކެއް ބާއްވައިފި އެވެ

ރައީސް މައުމޫނަށް ވަޅިއަކުން ހަމަލަދިނުމަށް ކުރި މަސައްކަތް ކުށްވެރި ކުރުމަށްޓަކައި އެއްވެ އުޅުމާ ބެހޭ ގަވައިދާ ހިލާފަށް ހިނގާލުމާއި އެއްވުންތައް ބާއްވާފައިވަނީ އެ ހަމަލަދިން ހޯރަފުއްޓާއި އެ އަތޮޅު ދިއްދޫ އާއި ބ. އަތޮޅުގެ ވެރިރަށް އޭދަފުށީގަ އެވެ. އެ ރަށްރަށުގައި ބޭއްވި ހިނގާލުންތަކާއި އެއްވުންތަކުގެ މަންޒަރުތައް ވަނީ ގައުމީ ޓީވީން ދައްކާފަ އެވެ

ޓީވީން ފެނުނު މަންޒަރުތަކަށް ބަލާއިރު ހޯރަފުށީގައި ބޭއްވި އެއްވުމުގައި އެރަށު ބޮޑު ކަތީބު އަލީ ނަސީރު އާދަމް ވާހަކަ ދެއްކެވި އެވެ. އަދި ވެސް ރަށުގެ ބައެއް ވެރިން ވަނީ ވާހަކަ ދައްކާފަ އެވެ. އޭގެ އިތުރުން އެރަށުގެ ބައެއް އާންމުން ވެސް ވަނީ އެ އަމަލުކުށްވެރިކޮށް ވާހަކަ ދައްކާފަ އެވެ. އެއްވުމުގެ އިތުރުން އެ ރަށުގައި ވެސް ވަނީ ހިނގާލުމެއް ބާއްވާފަ އެވެ

އެއްވެ އުޅުމުގެ ގަވާއިދުގެ ގަވާއިދުގެ ދެ ވަނަ މާއްދާގައި ބުނެފައިވަނީ ” މިގަވާއިދުގައި އެއްވެއުޅުން ކަމަށް ބުނެފައިވަނީ އާންމުންނާ ބެހޭ ކަމަކާ ނުވަތަ އާންމުންނާ ބެހޭ މައްސަލައަކާ ގުޅޭގޮތުން ހިޔާލެއް ނުވަތަ ޝުއޫރެއް އާންމުކޮށް ފާޅުކުރުމުގެ ގޮތުން, ތިން މީހަކު ނުވަތަ އެ އަށް ވުރެ ގިނަ ބަޔަކު އެއްވެ އުޅުމަށެވެ. އަދި އެ އެއްވުމުގެތޭރޭގައި, މަތީގައި ބަޔާންކޮށްފަިއވާ ފަދަ މަގުސަދެއްގައި ތިން މީހަކު ނުވަތަ އެ އަށް ވުރެ ގިނަ ބަޔަކު ބާއްވާ ހިނގާލުން ވެސް ހިމެނެ އެވެ,“

އެ ގަވައިދުގެ ތިން ވަނަ މާއްދާގައި ބުނެފައިވަނީ ” ކޮންމެ އެއްވުމެއް ވެސް ބާއްވަން ވާނީ, އެ އެއްވުމަކަށް ޒިންމާވާ ތިން މީހަކު އެ އެއްވުމެއް ބާއްވާކަމުގެ ނޯޓިސް, އެ އެއްވުމެއް ބޭއްވުމަށް ގަސްދުކުރާ ތާރީހުގެ މަދުވެގެން 14 ދުވަހުގެ ކުރިން, މިގަވައިދުގެ ޖަދުވަލުގެ އެކެއްގައި ބަޔާންކޮށްފައިވާ ”އެއްވުން ބާއްވާކަން އަންގާ ފޯމް“ ފުރިހަމަ ކުރުމަށް ފަހު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅުމަށް ފަހު މި ގަވައިދުގައިވާގޮތުގެ މަތިންނެވެ,“

ހޯރަފުށީ ބޮޑު ކަތީބު އަލީ ނަސީރު އާދަމް މިއަދު ވިދާޅުވީ ރަށު އޮފީހުން ދިން ހުއްދަ ފިޔަވާ އެއްވެސް ހުއްދައެއް ނަގާފައިނުވާ ކަމަށެވެ. އަދި އެއްވުން ބޭއްވުމަށް އެދި ލިއުމެއް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ

ރައީސް އަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން ތިން ރަށެއްގައި އެއްވުމާއި ހިނގާލުން ބާއްވާފައިވާތީ އެކަން ކޮށްފައިވަނީ އެއްވެ އުޅުމުގެ ގަވައިދުގެ ހުދޫދުން ބޭރުގައިތޯ ދެންނެވުމުން އެޓާނީ ޖެނެރަލް އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ އެކަމަނާ ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށާއި ރާއްޖެ ވަޑައިގަތުމަށް ފަހު ގުޅާލުމަށެވެ

ވަރަށް ފުޅާ ދާއިރާގައި ގާނޫނީ އެހީތެރިކަން ފޯރުކޯށް ދެމުންގެންދާ ހުސައިން އެންޑް ރިފްއަތު އެޓާނީސް އެޓް ލޯގެ ފަރާތުން ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވީ ރައީސް އަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން ބާއްވާފައިވާ ހިނގާލުންތަކާއި އެއްވުންތަކަކީ އެއްވެ އުޅުމުގެ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި އެއީ ގާނޫނުލް އުގޫބާތުގެ 88ގެ (ހ)ގެ ދަށުން ކުށެއް ކަމަށެވެ

”އަމުރަށް ނުކިޔަމަންތެރިވުމުގެ އިތުރުން ގާނޫނުލް އުގޫބާތުގެ 46 މާއްދާގެ ހަތަރެއްގެ ދަށުން ވެސް ކުށަކަށް އަރައިގަތުން ކަމަށް ބެލުމުގެފުރުސަތު ވެސް ލިބިދާނެ އެ އަމަލުތައް ތަހުގީގުކޮށް ހެދުމުން. ހުއްދަކޮށްގެން ބޭއްވުމާއި އޭގައިބައިވެރިވިމީހުން ވެސް އެ ކުރީ ކުށެއް,“ އެ ލޯފާމުގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ

ރައީސް އަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން އެކަން ކުށްވެރިކުރުމަށް ހޯރަފުއްޓާއި ދިއްދޫންނާއި އޭދަފުށިން އެއްވުމެއް ބޭއްވުމަށް ފޯމް ނަގައި ހުށަހަޅާފައިވޭތޯ ދެންނެވުމުން ފުލުހުން ވަނީ އެކަމަށް އެއްވެސް ކޮމެންޓެއް ކުރަން ބޭނުންނުވާކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު ބައެއް ރަށްރަށުން ހުއްދަ އަށް އެދެމުންދާކަން ވަނީ ޔަގީންކޮށްދީފަ އެވެ

އުތުރަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ކެލަ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން އެއްވެސް ރައްޔިތަކު ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއްކޮށްގެންނުވާނެ ކަމަށެވެ. އެ ވާހަކަ ރައްޔިތުންނާ ހިއްސާކުރައްވަނީ އެ ހަމަލައިގެ ސަބަބުން ބައެއް މީހުންނަށް ކޮށްފައިވާ އިހުސާސްގެ ސަބަބުން ގާނޫނާއި ގަވާއިދުން ބޭރުގައި ނޭދެވޭ އަމަލެއްކުރެވިދާނެކަމަށް ފެންނާތީ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ

No comments: