Thursday, January 10, 2008

ރައީސް އަށް އަމާޒުކޮށް ދިން ހަމަލާއަކީ އިއްތިހާދުގެ އިސް ބޭފުޅުންގެ އަތެއްވާ ކަމެއް: މުންދު


ރައީސް އަށް އަމާޒުކޮށް ހއ. ހޯރަފުށިން ދޭން އުޅުނު ހަމަލާއަކީ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް އުފައްދާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ އިސް ބޭފުޅުންގެ އަތެއް އޮވެގެން ކުރިކަމެއް ކަމަށް ރައީސްގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ

މިއަދު ނޫހަށް ދީފައިވާ ބަސްދީގަތުމެއްގައި މުންދު ވިދާޅުވެފައިވަނީ ރައީސްއަށް ދެއްވި ހަމަލާގެ ފަހަތުގައި ތިބީ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ އިސް ބޭފުޅުން ކަމަށެވެ. މިކަމާ ގުޅިގެން މުންދުއާ ގުޅަން އުޅެ އެކަން ކާމިޔާބު ކުރެވޭގޮތެއް މިއަދު ވަނީ ނުވެފައެވެ

ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ އިސް ތަރުޖަމާނު އަދި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އެއްވެސް ހެއްކެއް ނެތި ބައެއްގެ ބޮލުގައި ޒިންމާ އެޅުވުމަކީ ސަރުކާރުގެ އިސްވެރިންގެ އިސްވެރިންގެ ކިބައިގައި މިހާރު އަށަގަނެފައިވާ ސަގާފަތެއް ކަމަށެވެ

” މުންދު އެހެން ވިދާޅުވާއިރު އޭގެ ހެއްކަކީ ކޮބާ؟ އެމައްސަލަ ބަލަންވެއްޖެއެއްނޫން. މިއީ ސަރުކާރުގެ އިސްވެރިންގެ ކަށީގައި ހިނގާފައިވާ ސަގާފަތެއް.“ ޑރ.ޝަހީދު ވިދާޅުވި އެވެ

ޝަހީދު ވިދާޅުވީ މުންދުއަށް އެކަން އެނގޭނަމަ އޭނަގެ ފަރުދީ ޒިންމާ އަދާކުރެވިފައި ނުވާ ކަމަށެވެ. އަދި މުންދުގެ ވާހަކަތަކަކީ ތަސައްރަފް ނުފުދޭ މޮޔައެއްގެ ވާހަކައެއް ކަމަށެވެ

” ރައީސްގެ ގަޔަށް ބަޔަކު ހަމަލައެއް ދޭން އުޅޭކަން މުންދުއަށް އެނގިހުރެ އެކަން ސިފައިންނަށް އެންގިފައި ނުވުން އެއީ އޭނަގެ ފަރުދީ ޒިންމާ އުފުލިފައި ނުވާކަމުގެ ހެއްކެއް.“ ޑރ.ޝަހީދު ވިދާޅުވި އެވެ

ޝަހީދު ވިދާޅުވީ ރައީސްގެ ގައިކޮޅަށް ދޭން އުޅުނު ހަމަލައާ ގުޅިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ސިޔާސީ ޕާޓީތައް މިއަށް ވުރެ ތަސައްރަފް ފުދެން އެބަޖެހޭ ކަމަށް ވިދާޅުވި ވިދާޅުވުމަކީ ސިޔާސީ ޕާޓީތަކުގެ ބޮލުގައި މިކަމުގެ ޒިންމާ އުޅުވުމަށް ކުރެއްވި ކަމެއް ކަމަށެވެ

” ޕާޓީތަކުގެ ތަސައްރަފް ފުދެން ޖެހޭނެ ކަމަށް ރައީސް ވިދާޅުވާއިރު, ޕާޓީތަކާ މިކަމާއޮތް ގުޅުމަކީ ކޮބާ؟ އެހެންކަމުން މައުމޫނަކަށްވެސް އަދި މުންދުއަކަށް ވެސް އެ ފަދަ އެލްޒާމެއް އަޅުގަނޑުމެންގެ ބޮލަކު ނޭޅުވޭނެ. ރާއްޖޭގައި މިނިވަން ކޯޓްތަކެއް ހުންނަ ނަމަ މުންދު ގޮވައިގެން ކޯޓަށްވެސް ދާނަން“ ޝަހީދު ވިދާޅުވި އެވެ

No comments: