ަޟީލަތުލް އުސްތާޛުއްޝައިޚު މޫސާ ފަތުޙީގެ ޙަޔާތުން އަޅުގަނޑުމެން ދަސްކުރަންވީ ފިލާވަޅަކީ، މީހުންނަށް އިޙްތިރާމް ކުރުމާއި، ކަމޭހިތުމާއި، ދޫ ރައްކާތެރި ކުރުމުގެ ފިލާވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
2 ނޮވެމްބަރު 2007
ފަޟީލަތުލް އުސްތާޛުއްޝައިޚު މަރްޙޫމް މޫސާ ފަތުޙީގެ ޙަޔާތުން އަޅުގަނޑުމެން ދަސްކުރަންވީ ފިލާވަޅަކީ، މީހުންނަށް އިޙްތިރާމް ކުރުމާއި، ކަމޭހިތުމާއި، ދޫ ރައްކާތެރި ކުރުމުގެ ފިލާވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މަރްޙޫމް މޫސާ ފަތުޙީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ރޭ ބޭއްވެވި ތައުބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަޟީލަތުލް އުސްތާޛުއްޝައިޚު މަރްޙޫމް މޫސާ ފަތުޙީ އަވަހާރަވުމަކީ، ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ވަރަށްބޮޑު ހިތާމައެއް ކަމުގައި ވިދާޅުވެ، އެމަނިކުފާނު ތަފާތު ރޮނގު ރޮނގުން ދިވެހި ޤައުމަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދްމަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މޫސާ ފަތުޙީއަކީ، ވަރަށްގިނަ ގޮތްގޮތުން ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅުގައި ވަރަށްބޮޑު ޤަދަރެއް ދެއްވިފައިވާ ބޭފުޅެއް ކަމަށާއި، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުމާއި، ވަރަށް ރަނގަޅު މަޝްވަރާ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި، މަރްޙޫމް މޫސާ ފަތުޙީގެ ހަނދާނުގައި އެއްމިނިޓުގެ ސުކޫތެއް ގެންނެވިއެވެ. އަދި އެމަނިކުފާނުގެ ޙަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ދެއްކިއެވެ.
މިޖަލްސާގައި، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ދެއްކެވި ވާހަކަފުޅުގައި، ފަޟީލަތުލް އުސްތާޛުއްޝައިޚު މޫސާ ފަތުޙީއަކީ ވަރަށް އޯގާތެރި މިޒާޖެއްގެ، މަޑުމައިތިރި ޚިޔާލެއްގެ ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ އެމަނިކުފާނުގެ ޢިލްމުވެރިކަން އިޝްތިހާރު ކުރެއްވި ބޭފުޅެއް ނޫން ކަމުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަދި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚު މުޙަންމަދު ރަޝީދު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، މޫސާ ފަތުޙީއަކީ އަޚްލާޤީ މާތް ސިފަތަކެއް ލިބިވަޑައިގެންފައިވާ ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދްމަތް ކުރެއްވި ޝަޚްޞިއްޔަތެއް ކަމުގައި ވިދާޅުވިއެވެ.
މިޖަލްސާގައި، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ޚާއްޞަ މުޝީރު އަލްފާޟިލް ޢަބްދުﷲ ޞާދިގު ވާހަކަ ދެއްކެވިއެވެ. އޭނާ ވާހަކަ ދެއްކެވީ، މަރްޙޫމް މޫސާ ފަތުޙީ، ދިވެހި ޅެންވެރިކަމަށް ކޮށްދެއްވި މިންނެތް ޚިދްމަތްތަކުގެ މައްޗަށެވެ.
މަރްޙޫމް މޫސާ ފަތުޙީގެ ދަރިވަރެއްގެ ޙައިޘިއްޔަތުން މިޖަލްސާގައި ވާހަކަ ދެއްކެވީ، އަލްފާޟިލް ސަޢުދު އިބްރާހީމެވެ.
No comments:
Post a Comment