Monday, October 29, 2007

ޔާމީނަކީ ރައްޔިތުންގެ މަންފާ އާއި ލާބައަށް މަސައްކަތްކުރާ މީހެއް ނޫން ކަމަށް އެންމެ ބޮޑު އިދިކޮޅު 3 ޕާޓީން ބުނެފި

ު

ޢަބްދުﷲ ޔާމީނަކީ ރައްޔިތުންގެ މަންފާއާއި ލާބަޔަށް މަސައްކަތް ކުރާ މީހެއް ނޫންކަމަށް ރާއްޖޭގައި އުފެދިފައިވާ އެންމެ ބޮޑު އިދިކޮޅު 3 ޕާޓީން ބުނެފި އެވެ

އެޕާޓީތަކުން މިހެން ބުނީ, އަންނައަހަރުގެ ރިޔާސީ އިންތިހާބުގައި މައުމޫނަށް އެހީވާނެ ކަމަށް ޔާމީން ވިދާޅުވުމުން އެކަމާމެދު ހިތްހަމަ ނުޖެހިގެންނެވެ

ރިޔާސީ އިންތިހާބުގައި މައުމޫނަށް އެހީވާނެ ކަމަށް ޔާމީން ވިދާޅުވި ވިދާޅުވުމާމެދު ދެކެނީ ކިހިނެތްތޯ ދެންނެވުމުން އަދާލަތު ޕާޓީގެ ރައީސް ހުސައިން ރަޝީދު އަހުމަދު ވިދާޅުވީ ޔާމީން ސަރުކާރުން ވަކިވިވަކިވުމަކީވެސް އޭނާ ބޭބެއާއެކު ރޭވި ރޭވުމެއް ކަމަށާއި އެރޭވުން ފޭލްވީ އޭނާ ބަރުލަމާނީ ނިޒާމަށް ކެންޕޭނުކޮށް އެކަން ކާމިޔާބު ނުވުމުން ކަމަށެވެ

”ޤައުމު ހަލާކު ކުރީ އެމީހުން, މައުމޫން, ޔާމީން, ހަމީދު އަދި އިލްޔާސްމެން. އެމީހުން ޝަރީއަތަށް ހާޒިރުކުރެވެން ޖެހޭނެ. ޤައުމު ހަލާކުކޮށްލައިގެން ޝަރީއަތަށް ހާޒިރުކުރަން ޖެހޭ ބަޔަކަށް އިސްލާހެއް ނުގެނެވޭނެ. އިސްލާހް ގެންނަން ބޭނުމޭ އެގޮތަށް މަސައްކަތް ކުރަމޭ ވިދާޅުވާނަމަ އެއީ އިތުރުފުޅެއް“ ހުސައިން ރަޝީދު ވިދާޅުވިއެވެ

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ރައީސް އުމަރު ނަސީރު ވިދާޅުވީ ޔާމީނަކީ އެޓީމުގެ ކުޅުން ތެރިއެއް ކަމަށެވެ

”ޔާމީނަކީ އެޓީމުގެ ކުޅުންތެރިއެއް. ވިންގުން އޭނާ ކުޅެނީ. އެހެންވީމާ ބޯޅަ ނަގައިވެސް ދޭނެ ޖެހުންވެސް ޖަހާނެ. މެދުތެރެއިން ކުޅޭ މީހުން ދެން ޖެހޭނީ ބޮލުން ނަމަވެސް ނުވަތަ އެހެންގޮތަކުން ނަމަވެސް ގޯލު ޖަހަން“ އުމަރު ވިދާޅުވިއެވެ

އުމަރު ނަސީރު ވިދާޅުވީ ޔާމީނަކީ އިސްލާހް ގެންނަން މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި އޭނާ ބޭނުން ނަމަ އިސްލާހް ގެނެވުނީސް ކަމަށެވެ

”ޔާމީނަކީ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން އިންމެ އިސް މީހުންގެ ގޮތުގައި އުޅުނު މީހެއް. އޭނާ އިސްލާހް ގެންނަން އުޅުނު ނަމަ އިސްލާހް ގެނެވުނީސް. ފުރުސަތުވެސް އޮންނާނީ ލިބިފައި. މިހާރު އެހެން މީހުންނަށް އިސްލާހުގެ ވާހަކަ ދައްކަން މިޖެހެނީ އެމީހުން އިސްލާހް ނުކުރުމުން. އިސްލާހް ގެންނަން ބޭނުމޭ ކިޔައިގެން އެދައްކަނި ހަގީގީ ވާހަކައެއް ނޫން“ އުމަރު ވިދާޅުވިއެވެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ޑރ މުހައްމަދު މުނައްވަރު ވިދާޅުވީ އިސްލާހް ނުގެނެވިގެން އުޅެނީ މައުމޫނާ ހެދި ކަމަށާއި, އިސްލާހް ގެންނަން ޖެހުނީ މައުމޫނު އޭނާގެ ދެއައިލާއަށް ރަނގަޅަށް އެމީހުންގެ މޮޅަށް ބަލައިގެން ރައްޔިތުންގެ އިހްސާސްތަކާއި ރައްޔިތުންގެ ފައިދާތަކަށް ބެލުމެއް ނެތި ވެރިކަން ކުރަމުން އައިސްފައިވާތީ ކަމަށެވެ

މުނައްވަރު ވިދާޅުވީ ޔާމީނަކީވެސް އާއިލާގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރާ މީހަކަށް ވާތީ އޭނާއަށް އިސްލަހެއް ނުގެނެވޭނެ ކަމަށެވެ

”ޔާމީން, އިލްޔާސް, ޤާސިމް, ހަމީދު މިއެންމެންނަކީވެސް އައިލީ ވެރިކަން ދަމަހައްޓައިދޭން މަސައްކަތް ކުރާ މީހުން. އާއިލީ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރާ ބަޔަކު ރައްޔިތުންގެ ކަންކަން ރަނގަޅު ކުރާކަށް ބޭނުމެއް ނުވާނެ. ޔާމީންގެ އެވަހަކައިން ދޭހަވަނީ ތިމަން މިހުރީ ބޭބެ ހިމާޔަތް ކުރާށޭ ބުނާ ކަހަލަ ގޮތަކަށް. ބޭބެ ހިމާޔަތް ކުރުމަކީ އާއިލީ ވެރިކަން ދެމެހެއްޓުން. ރައްޔިތުންނަށް އިސްލާހް ގެންނަން އުޅުމެއް ނޫން.“ މުނައްވަރު ވިދާޅުވިއެވެ

މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޚިޔާލު މުޅިން ތަފާތެވެ. އެޕާޓީގެ ލީޑަރ އިބްރާހީމް މަނިކު ވިދާޅުވީ ޕީއޭގެ ފަރާތުން ބުނި އެއްޗެއް ނޫކަމަށް ވާނަމަ ކޮއްކޮއެއް ބޭބެއަށް ކޮށްދޭކަމެއްގެ ގޮތުގައި ކުރާކަމަކަށް ވެދާނެ ކަމަށެވެ

ދިވެހިރައްޔިތުންގެ ޕާޓީއަކީ ރައީސް މައުމޫން ހިމެނިވަޑައިގަންނަވާ އަދި އަންނައަހަރު ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް މައުމޫން ކަނޑައަޅުއްވާފައިވާ ޕާޓީކަމަށް ވާތި އެޕާޓީގެ ބަހެއް ނުހޯދަމެވެ

No comments: