Saturday, October 27, 2007

ގަވާއިދުން މައްސަރު ކަންތަން ނުޖެހުން

އައިމިނަތު މިނީޝާ ު

ސިއްހަތު ރަގަޅު އަންހެނުންނަށް އެވްރެޖްކޮށް ކޮންމެ 28 ދުވަހަކުން މައްސަރުކަންތައް ޖެހެއެވެ. މިއިން އަންގައިދެނީ އަންހެނާގެ ހަށިގަނޑުގެ ހުރިހާ ނިޒާމެއް ބަރާބަރަށް މަސައްކަތްކުރާ ކަމާއި ދުޅަހެޔޮ ސިއްހަތެއްގައި ވާކަމެވެ. ގަވާއިދުން މައްސަރުކަންތައް ނުޖެހޭ ކަމުގައި ބުނެވެނީ ހަމަ އެކަނި ލަހުން މައްސަރުކަންތައް ނުޖެހޭ ހާލަތްތަކުގައި އެކަންޏެއްނޫނެވެ. މާއަވަހަށް ނުވަތަ މާލަހުން މައްސަރުކަންތައް ޖެހުމާއި އާދަޔާޚިލާފަށް ގިނައިން ލޭފެބުމާއި، ގިނަ ދުވަހަށް ލޭފޭބުން ދިގުދެމިގެން ދިއުމާއި، މެދު ކެނޑިކެނޑިފއަިވާ ލޭ ފޭބުމާއި އަދި ވަރަށް ގަދައަށް ބަނޑުގައި ރިއްސުންވެސް މިކަމުގެ ތެރޭގައި ހިމެނެއެވެ. ގަވާއިދުން މައްސަރުކަންތައްޖެހޭ އަންހެނުންނަށް ދަރިމައިވުމުގައި މައްސަލަޖެހޭލެއް މަދުކަމަށް ފާހަގަކުރެވުމާއެކު، ބައިގެން ދިއުމާއި ވިހެމާއި ގުޅިގެން ދިމާވާ މައްސަަލަތައްވެސް މިފަދަ އަންހެނުންގެ މަދުކަމަށް ދިރާސާތަކުން ދައްކައެވެ. ގަވާއިދުން މައްސަރުކަންތައް ނުޖެހޭ އަންހެނުންނަށް ފަރުވާ ކުރުމުގައި މި މަައްސަލަ ދިގު ދެމިގެންވަނީ ކިހާދުވަހަކަށް ކަން ބަލާލުން މުހިއްމެވެ. މިކަން 1 އަހަރަށް ވުރެ ދިގު ދެމިގެން ދިޔަނަމަ މިއީ ސީރިއަސް މައްސަލައެއްކަމުގައި ޑޮކްޓަރުން ބަލައެވެ. އަދި މިކަން މިގޮތަށް ވާންދިމާވާ ސަބަބުތަކަކީ ކޮބާތޯ ބަލައެވެ. މިގޮތުން ޑޮކްޓަރުން ފާހަގަ ކުރައްވާ ބައެއް ކަންތައްތަކަކީ؛

1.ފިކުރުބޮޑުވެ ހާސްވުން: ކަންތައްތަކާއި މެދު ވިސްނާ ފިކުރުކުރުމުން މައްސަރުކަންތައް ބައެއްފަހަރު ލަސްވެ އަދި އަވަސްވާގޮތްވެއެވެ. ކަމަކާ ވިސްނާނަމަ އެކަން ހައްލުކުރެވޭތޯ މީހަކާ ވާހަކަ ދައްކާށެވެ. އެކްސަރސައިޒްކޮށް ނުވަތަ މެޑިޓޭޓްކުރާށެވެ. ނޫންނަމަ ތިމާގެ ވިސްނުން އެހެންގޮތަކަށްބަދަލްކުރުމަށް މަސައްކަތް ކުރާށެވެ

2.ކާނާ: ކާންބޭނުންކުރާ ކާނާއަކީ ސިއްހަތަށް ފައިދާ ހުރި ތަކެތި ހެއްޔެވެ؟ އަދި ގަޑިން ގަޑިއަށް ކާން ފަރުވާތެރިކަން ބަހައްޓަންތޯއެވެ. ކާން ބޭނުންކުރާ ތަކެތީގައި ވިޓަމިން އާއި މިނެރަލްސް ހިމަނާށެވެ. ފަތްޕިލާވެލީގެ ބާވަތްތައް ވީ ވަރަކުން ބޭނުން ކުރާށެވެ

3.މާ ގިނައިން އެކްސަރސައިޒްކުރުން: ދާއިމީ ކޮށް ކަސްރަތެއް ކުރުމަކީ ހަށިގަނޑުގެ މަސައްކަތް ގަވާއިދުން ހިނގުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް މާގިނައިން ކަސްރްތުކޮށް ހެދުމުން މައްސަރުކަންތަކަށް ބަދަލު އާދެއެވެ

4.އަނބިފިރިކަމުގެ ގުޅުން: ހަފްތާއަކު 3 ފަހަރު އަނބިފިރިކަމުގެ ގުޅުން ހިންގާނަމަ ހަށިގަނޑު ތާޒާވެފައި ހުންނާނެއެވެ. ނަމަވެސް މިއަށްވުރެ އަނބިފިރިކަމުގެ ގުޅުން ހިންގާމިންވަރު މިއަށްވުރެ މާބޮޑަށް މަދުވުމުން ނުވަތަ ގިނަ ވުމަކީ މައްސަރުގެ ކަންތަކަށް ބަދަލު އައުމުގެ އިތުރުން އައުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ އެތަށް ބަދަލަކަށް މަގުފަހިވާ ކަމެކެވެ

5.ދޭތެރެ ދުރުކުރާ ބޭސް: ދޭތެރެ ދުރުކުރުމަށްޓަކައި ބޭނުންކުރާ ބޭސް އަދި އިންޖެކްޝަން ފަދަ ތަކެތީގެ ސަބަބުން ހަށިގަނޑުގައިވާ ހޯމޯންތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ވެސް މައްސަރުގެ ކަންތަކަށް ބަދަލު އާދެއެވެ

މީގެ އިތުރުން އަލަށް ފުރާވަރަށް އަރާކުދިންގެ ފުރަތަމަ ތިން އަހަރު މައްސަރުކަންތަކަށް ބަދަލު އާދެއެވެ. އަދި ދަރިމައިން ކެނޑޭ އުމުރަށް ދިއުމުން މައްސަރުގެ ކަންތައް އެއްކޮށް ހުއްޓުމުގެ އިޝާރާތެއްގެ ގޮތުންވެސް މައްސަރުކަންތައް ގަވާއިދުން ނެއްޓެއެވެ

No comments: