Wednesday, October 31, 2007

ރުފިޔާއެއް ޚަރަދު ކުރަންޖެހޭއިރު އާމްދަނީއަށް ލިބެނީ ހަތަރު އަނާއެވެ

31-10-2007





ދުނިޔޭގެ އިޤްތިޞާދަށް ބަދަލުތައް އަންނަމުންދާއިރު ދިވެހި ރާއްޖެއަކީވެސް މިޕްލެނެޓްގައިވާ ގައުމަކަށްވާތީ ޖެހެމުންދާ ހުރިހާ އޮއިވަރެއްގައި ޖެހިދޭއެވެ. މިގޮތުން މީގެ ދެދުވަހެއްގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފީފާއަކަށް 29 ޑޮލަރު ޖެހުމުން ދިވެހިރާއްޖޭގެ ބާޒާރުގައި ހުރި ބައެއްތަކެތީގެ އަގު އެވަރެޖް މުސާރަލިބޭ ފަރާތްތަކުގެ އަތްނުފޯރާފަށަށް ވަނީ އަރާފައެވެ.
ކެއިންބުއިމުގައި އާންމުން (ޚާއްޞަކޮށް ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުން) އެންމެގިނައިން ބޭނުން ކުރަމުން އަންނަ އެއްބާވަތެއް ކަމަށްވާ ހިކިކިރުގެ އަގު ބޮޑުވުމަކީ އެފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ދަތިކަމެއްކަމަށް ޓްރޭޑް މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އުސްމާން ވިދާޅުވިއެވެ. އެއްދުވަހުން އަނެއްދުވަހަށް ތަކެތީގެ އަގު އުފުލެމުންދާ މައްސަލައާއި ގުޅިގެން މިކަމުގެ ސަބަބުން އާންމުންގެ ގިނަބައެއްގެ ދިރިއުޅުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާާއެކު، އެމިނިސްޓްރީން މިކަމާ ވިސްނަމުން ދާކަމަށާއި، އެގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރު ފެށުނީއްސުރެން ކާބޯތަކެތީގެ އަގު އެއްދުވަހުން އަނެއްދުވަހަށް ކޮންމެވެސް ސިފައެއްގައި މިހާތަނަންވަނީ އެކިފަހަރުމަތިން ބަދަލުވެފައެވެ. ނުވަތަ އަގު ބޮޑުވެފައެވެ. ރާއްޖޭގެ އެވްރެޖް މުސާރައަކީ 0003ރ ކަމަށްވާއިރު ކާބޯތަކެތީގެ އަގު އެއްވެސް ކޮންޓްރޯލެއްނެތި ބޮޑު ވަމުންދާނަމަ އާއްމުން ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި އިތުރު ގޮތްތަކެއް ހޯދާނީވެސް ކިހިނަކުންބާވައެވެ. މީގެ ދެމަހެއްކުރިން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވެފައިވަނީ އެފަރާތްތަކުން ވިޔަފާރީ އާއިބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ކާބޯތަކެތީގެ އަގު ތިރިކޮށް އާންމުންނަށް އަތްފޯރާފަށަަށް ގެނެސްދޭނެކަމަށެވެ.
ތަކެތީގެއަގުތައް ބޮޑުވުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން މަޝްވަރާކުރުމަށްފަހު މިކަމަށް ހައްލެއް ހޯދައިދިނުމަށް އެންމެ އަވަހަށް ކުރެވެންއޮތް ފާހަގަ ކުރައްވާފައިވާކަމަށާއި، އެގޮތުން މުދާބޭލުމުގެ ދަތިކަން ހައްލުކޮށް ދިނުމާއި، މިހާރަށްވުރެ ގިނަފަރާތްތަކަކުން ގިނަޢަދަދަކަށް މުދާއެތެރެކުރުމާއި، އިމާރާތްތަކުގެ ކުލިކުޑަކުރުން ހިމެނޭކަމަށް އުސްމާން ޝާކިރު ވިދާޅުވިއެވެ. ޢިމާރާތްތަކުގެ ކުލިކުޑަކުރުމަކީ ސަރުކާރުން ކޮށްދެވޭނެ ކަމެއްނޫންކަމަށާއި، އަމިއްލަ މީހުންގެ ގެދޮރުގެ ކުއްޔަކީ އެޢިމާރާތެއްގެ ވެރިފަރާތަށް ކުލިބޮޑުކޮށް، ކުޑަކުރުމުގެ ހައްގު އޮތް ކަމަކަށްވާތީ، އެފަރާތްތަކުން މިގޮތަށް ޢަމަލުކުރަމުންދަނީ ކަމުގައި އުސްމާނު ޝާކިރު ވިދާޅުވިއެވެ.
ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ޝަހީރު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އެއްސަބަބަކަށް ވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމާއި، ތެލުގެ އަގު މައްޗަށް ދިއުމުގެ އިތުރުން މާލޭގެ ޢިމާރާތްތަކުގެ ކުލި ބޮޑުވެގެން ދިއުން ކަމަށެވެ. އަދި ޢިމާރާާތްތަކުގެ ކުލި ކޮންޓްރޯލް ކުރެވިއްޖެނަމަ ވިޔަފާރި މުދަލުގެ އަގުތަކަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށެވެ.
ތަކެތީގެ އަގުތައް އުފެލެމުންދާ މައްސަލައާއި ގުޅިގެން ގިނަކުންފުނިތަކާއި، ކުދިވިޔަފާރިކުރާ ފަރާތްތަކުން ބުނަމުންދަނީ އެމީހުން ގެންނަތަކެތި ގުދަން ކުރުމުގައި ދަތިތަކެއް ހުރުމާއި، ގުދަންތަކާއި، ފިހާރަތަކުގެ ކުލި އެއްދުވަހުން އަނެއްދުވަހަށް ބޮޑުވެގެން ދިއުމަކީ ފިހާރަތަކުގައި ތަކެތި އަގުބޮޑު ކުރަންޖެހޭ އެއްމައްސަލަ ކަމަށެވެ. ބޭރު ޤައުމުތަކުގައިވެސް ތަކެތީގެ އަގުބޮޑުވުމާއި ތެލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ހެޔޮއަގެއްގައި މުދާ ވިއްކެން ނެތީ ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ. އެކަމުގެ ސަބަބުން ފިހާރަތަކުގެ ވިޔަފާރި ދަށްވަމުން ދާކަމަށާއި ތަކެތީގެ އަގު އުފުލިފައިވުމުން ޢާއްމުންގެ ގިނަބަޔަކު ޝަކުވާކުރަމުން ދާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ

No comments: