Saturday, October 27, 2007

ރިޔާސީ އިންތިޚާބުގައި މައުމޫނަށް ބައިއަތު ހިފާނެ ކަމަށް ޔާމީން ވިދާޅުވެއްޖެ

ު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސްކަމަށް މިހާރުގެ ރައީސް މައުމޫނު އަބުދުލްޤައްޔޫމް ހޮވުމަށް ބައިޔަތު ހިއްޕަވާނެ ކަމަށް މައުމޫނުގެ އެއްބަފާ ކޮއްކޯފުޅު އަދި ޕީޕަލްސް އެސޯސިއޭޝަނުގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ

މިދިޔަ ބުދަ ދުވަހު މިނިވަން ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޔާމީން ވިދާޅުވީ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް މިހާރު އިޢުލާންކުރައްވާފައިވާ ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅުއްވަނީ މައުމޫނުކަމަށާއި, ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ހަރުދަނާ ލީޑަރެއްކަމަށްވާތީ އަންނަ އިންތިޚާބުގައިވެސް މައުމޫނު ހޮވިވަޑައިގަންނަވާނެ ކަމަށެވެ

” ބައެއް ދާއިރާތަކުން ނާކާމިޔާބު ލިބުނަސް ބައެއް ދާއިރާތަކުން އެމަނިކުފާނު ދަނީ ގަބޫލުނުކުރެވޭ ފަދަ ކުރިއެރުންތަކެއް ހޯއްދަވަމުން“ ރައީސް މައުމޫނަކީ މިހާތަނަށް އިއުލާންކުރެވުނު ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެކަމަށް އެންމެ ގާބިލް މީހާ ކަމަށް ވިދާޅުވެ ޔާމީން ހެކި ދެއްކެވި އެވެ

ޔާމީން ވިދާޅުވީ ތިރީސް އަހަރުވަންދެން ރާއްޖޭގައި ވެރިކަންކޮށްފައިވާތީ ބައެއް ދިވެހިން މައުމޫނާއި މެދު ރުޅިވެރިގޮތަކަށް ދެކެމުން ދިޔަނަމަވެސް, އޭނާގެ ބޭބެއަށްވުރެ އެކަމަށް އެކަށީގެންވާ ބޭފުޅަކު ރާއްޖޭގައި ނެތްކަމަށެވެ. ޔާމީން އިތުރަށް ވިދާޅުވީ އޭނާގެ ބޭބެ މައުމޫނުގެ މަގުޗާޓުގެ މަސައްކަތުގައި ހިމެނޭ އިސްލާހީ މަސައްކަތްތައް ލަސްވެގެން ދިޔުމަކީ, ހަމައެކަނި ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަންޖެހޭނެކަމެއް ނޫންކަމަށާއި, މިކަމުގެ ޒިންމާ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ނަގަންޖެހޭނެ ކަމަށެވެ

އޭޕްރީލް މަހު ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ފަހު އަދި ޑީއާރުޕީންވެސް އިސްތިއުފާދެއްވައި މަޖުލީހުގައި ސަރުކާރާދެކޮޅަށް އެތައް ކަމެއް ކުރައްވަމުން ކުރިޔަށް ވަޑައިގެންނެވި ޔާމީން ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން އޭނާ ރައީސް މައުމޫނަށް ތާއީދު ކުރައްވަނީ މައުމޫނުގެ ވެރިކަމުގައި ހުރި ހަރުދަނާކަމާއި, ރައީސްގެ ހަރުދަނާ ޑިމޮކްރެޓިކް އުސޫލުތަކެއްގެ ސަބަބުން ކަމަށެވެ

ޔާމީނު ވަނީ އެމަނިކުފާނުގެ ޖަމްއިއްޔާ ޕީޕަލްސް އެސޯސިއެޝަން މި މަހުގެ ތެރޭގައި ސިޔާސީ ޕާޓީއަކަށް ހައްދަވާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ. މިކަމާ ބައެއް ސިޔާސީ ޕާޓީތަކުން ޖެހިލުންވެފައިވާ ދަނޑިވަޅެއްގައި ޔާމީނު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރާތުން ބޭފުޅަކު ކުރިމަތި ނުލުންވެސް އެކަށީގެންވާ ކަމަށެވެ

No comments: