Saturday, October 27, 2007

އެމްއެމްއޭ ބޯޑުގައި ފިނޭންސް މިނިސްޓަރު ނުހިމެނުއްވުމަށް އެޓާނީ ޖެނެރަލް އޮފީހުން ލަފާދީފި

ު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މިނިވަން މުސްތަގިއްލުކުރުމަށް ފާސްކޮށްފައިވާ ގާނޫނުގެ ދަށުން ހިންގުމަށް ޓަކައި އަލުން އެކުލަވާލާ ބޯޑުގައި ފިނޭންސް މިނިސްޓަރު ނުހިމެނުމަށް އެޓާނީ ޖެނެރަލް އޮފީހުން ލަފާދީފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން މިއަދު ބުނެފި އެވެ

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވީ ސެންޓަރަލް ބޭންކުގެ ބޯޑުގެ މެމްބަރެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމް ހިމެނުމަށް ނުފެންނަ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ލަފާ ދީފައިވަނީ އެ ކަމަކީ ގާނޫނުގެ ރޫހާ ހިލާފުކަމެއް ކަމަށް ފާހަގަކުރެވޭތީ ކަމަށެވެ

” ގާނޫނުގެ ބޭނުމަކީ ވީހާވެސް މިނިވަން މުސްތަގިއްލުކޮށް އެމްއެމްއޭ ހިންގުން. މިނިސްޓަރު ބޯޑުގައި އިންނަވާ ނަމަ މިނިވަން ކަމާއެކު ބޯޑުގެ މަސައްކަތް ކުރުމަށް ހުރަކަށް ވެދާނެ. އަނެއްކާ ގާނޫނުގެ ރޫހަކީ ވެސް މިނިސްޓަރު އެ ބޯޑުގައި ނުހިމެނުން,“ ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ

އެޓާނީ ޖެނެރަލް އޮފީހުގެ ލަފާ އެމްއެމްއޭ އަށް ދީފައިވަނީ އެމްއެމްއޭ އިން އެކަމަށް އެދުމުން މީގެ ދުވަސްކޮޅެއްކުރިން ކަމަށް ވެއެވެ. ޖަޒީރާ އަށް އެނގިފައިވާގޮތުގައި އެމްއެމްއޭ އަށް ލިބުނު ލަފާގެ މައުލޫމާތު މިހާރު ވަނީ ރައީސް އޮފީހަށް ހުށަހަޅާފަ އެވެ

ގާނޫނީ ވަކީލުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ އެމްއެމްއޭ ބޯޑުގައި ފިނޭންސް މިނިސްޓަރު ހިމެނުއްވުމަކީ ގާނޫނުގެ ރޫހާ ހިލާފުކަމެއް ކަމަށް ވިދާޅުވެފަ އެވެ

ބޯޑުގައި ފިނޭންސް މިނިސްޓަރު ހިމެނުއްވުމާ ބެހޭ ގޮތުން ލަފައަކަށް އެދުނުކަމެއް ނުވަތަ ނޫން ކަމެއް ވެސް އެމްއެމްއޭއިން ނުބުނެ އެވެ. އަދި އެޓާނީ ޖެނެރަލް އޮފީހުން ވެސް ވަނީ އެ ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނޫން ކަމަށް ބުނެފަ އެވެ

އާ ގާނޫނުގައިވާ ގޮތުން އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރާއި އޮތޯރިޓީގެ އިކޮނޮމިކް ރިސާޗް އެންޑް ސްޓެޓިސްޓިކްސް ދާއިރާ އިން ނުވަތަ އޮތޯރިޓީގެ ފައިނޭންޝަލް ސެކްޓަ ދާއިރާ އިން މީހަކާ ފިނޭންސް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރަކަށްވުރެ މަތީ ފެންވަރެއްގެ މުވައްޒިފަކާއި ފިނޭންސް ފިޔަވައި ސަރުކާރުގެ އިގްތިސާދީ ދާއިރާ އިން އައްޔަންކުރާ މީހަކާއި ސަރުކާރުގެ އޮފީހެއް ނުވަތަ ސަރުކާރުގެ ކުންފުންޏެއް ތަމްސީލް ނުކުރާ ޕްރައިވެޓް ސެކްޓަރުގައި, އިގްތިސާދީ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ތަޖުރިބާ ހުރި ގާބިލު މީހުންގެ ތެރެއިން އައްޔަންކުރެވޭ ދެ މީހެކެވެ. ނަމަވެސް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް ހުށަހެޅުއްވި އަބްދުލް ޣަފޫރުގެ ނަން މަޖިލީހުން ފާސް ނުވުމުން އެ މަގާމަށް އަދި ބޭފުޅަކު ހަމައެއް ނުޖެހެ އެވެ

އެމްއެމްއޭ ގާނޫނުގެ ” ހަ ވަނަ މާއްދާގެ ދެ އެއްގެ (ރ) ގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހުށަހަޅާނީ އެ މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރަކަށްވުރެ މަތީގެ ފެންވަރުގެ މުވައްޒަފެއް“ ކަމަށެވެ. ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައިވަނިކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ މިނިސްޓަރުގެ ނަންފުޅެވެ

އެމްއެމްއޭ އިންކުރިން ބުނެފައިވަނީ ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ އެމްއެމްއޭ ބޯޑުގެ މެމްބަރުންގެގޮތުގައި ބޭފުޅުން ހަމަޖެއްސުމަށް ހުށަހެޅި ނަންފުޅުތަކުގައި އިތުރު ވަޒީރަކު ހިމެނިވަޑައިނުގަންނަވާނެކަމަށާއި ފިނޭންސް މިނިސްޓްރީ ފިޔަވާ އެހެން ދާއިރާތަކުން މީހުން އައްޔަނު ކުރުމުގެ އިހުތިޔާރު ގަވަރނަރަށް ލިބިގެންވާ ކަމަށެވެ

އާ ގާނޫނުގައިވާ ގޮތުން އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކޮށް ވަކިކުރާނީ ގަވަރުނަރުގެ ލަފައާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ. ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ

No comments: