Wednesday, October 10, 2007

ހިމަންދޫއިން ހައްޔަރުކުރި 63 މީހުން ކަނުބަނދެ ބިޑިއަޅުވައިގެން ދޫނިދޫއަށް ގެންގޮސްފި

ު


މިދިޔަ އާދީއްތަ ދުވަހު ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ވަކިޖަމާއަތް ހަދައިގެން އއ. ހިމަންދޫގައި ނަމާދު ކުރަމުންދާ ފަރާތްތަކާއި ދެމެދު ހިނގި ކުރިމަތިލުމަށް ފަހު އޭގެތެރެއިން ހައްޔަރު ކުރެވުނު 63 މީހުން ކަނުބަނދެ, ބިޑިއަޅުވައިގެން ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން މައުލޫމާތު ދީފިއެވެ

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިހާރު ވަކިޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދިޔަ މިސްކިތްވެސް ޓިނުޖަހައި ބަންދު ކުރެވިފައިވާ ކަމަށެވެ. ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކާ ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދާ މީހުންނާއި ދެމެދު ހިނގި ކުރިމަތި ލުމުގައި ސަލާމަތީ ބާރުގެ 34 މީހަކަށް އަނިޔާވެފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ

ފުލުހުން ބުނީ މިކުރިމަތިލުމުގައި ފުލުހުންގެ ތެރެއިން 19 މީހަކަށް އަނިޔާވެ, 6 ފުލުހަކު އިތުރު ފަރުވާ ދިނުމަށް ލަންކާއަށް ފޮނުވާފައިވާ ކަމަށެވެ

ފުލުހުން ބުނީ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރމުން ދިޔަ މީހުންގެ ތެރެއިން 12 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ ފަރުވާދެމުންދާ ކަމަށެވެ. އަދި ސީރިއަސް އަނިޔާތެއް އެމީހުންގެ ތެރެއިން އެއްވެސް މީހަކަށް ލިބިފައިނުވާކަމަށެވެ

Mޯލްޑިވްސް ޑިފެންސް ފޯސްއިން ބުނީ މިހާދިސާގައި ސިފައިންގެ 15 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ވަކިޖަމާއަތް ހަދައިގެން އުޅުނު މީހުންނާއި ދެމެދު ހިނގި ކުރުމަތިލުންތަކުގައި ވަކިޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދާ މީހުންގެ ތެރެއިން އަނިޔާވެ, މީހުންގެ އަދަދެއް އަދި މިހާތަނަށް ފުލުހުން ހާމަ ކޮށްފަ އެއްނުވެ އެވެ

ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހިމަންދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ކޯސްޓްގާޑް ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖަ އިބްރާހިމް އަފްޒަލް ވިދާޅުވީ, ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދާ މީހުންނާއި ގައުމީ ސަލާމަތީ ބާރުތަކާ ދެމެދު އިއްޔެ ހަވީރު ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި ނަމަވެސް އެމީހުން އަމާންދީފައިވަނީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ. އެހެންނަމަވެސް ހިމަންދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ވަކިޖަމާއަތް ހަދައިގެން އުޅޭ މީހުން އަމާދީފައިވަނީ ޖިނާއި ކުށްތަކުގައި ހައްޔަރު ކުރަން ބޭނުންވާ މީހުން ފިޔަވައި އެހެން އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށް ބުނުމުން ކަމަށެވެ

މިދިޔަ މަހުގެ 29 ގައި ސަލްޓަންޕާކުގައި ގޮއްވާލި ބޮމުގެ ހާދިސާގައި ތުހުމަތުކުރެވޭ ބަޔަކު ހޯދުމަށާއި އެކި ޖިނާއީ ކުށްތަކާ ގުޅިގެން ހޯދަމުންދާ މީހުން އަތުލައިގަތުމަށް މިދިޔަ ހޮނިހިރު ދުވަހު ގައުމީ ސަލާމަތީ ބާރުތަކުން ހިމަންދޫގައި ހިންގާ އޮޕަރޭޝަންގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދާ މީހުންނާ ދެމެދު ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި ދެބައި މީހުންނަށް ވެސް ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ. ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދާ މީހުން ދައްކަމުންދިޔަ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ އެމީހުންގެ ސަފުތައް ރޫޅާލުމަށްޓަކައި އާދިއްތަ ދުވަހު ހަވީރު 03.4 އިން ފެށިގެން އެންމެ ފަހުގެ އިންޒާރު ދިނުމަށް ފަހު ގައުމީ ސަލާމަތީ ބާރުތަކުން ނުކުތުމުން, ވަކިން ޖަމާއަތް ހަދައިގެން ތިބި މީހުން ވަނީ ސަލާމަތީ ބާރުތަކަށް ވަރަށް ވަރުގަދައަށް ހަމަލާދީފަ އެވެ. މިހަމަލާތަކުގެ ސަބަބުން ދިވެހި ދިފާއީ ބާރުން ފަހަތަށް ޖެހެން މަޖުބޫރުވެގެންދިޔަކަން ފާހަގަ ކޮށްލަން ޖެހެ އެވެ. އަދި މައްސަލަ ހޫނުވެ, ކުޑައިރު ކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ނޫސްވެރިން އެރަށުން ބާލައި މާލެ ގެނެސްފައެވެ

ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދާ މީހުންނަށް ފުލުހުން އެންމެ ފަހުގެ އިންޒާރު ދިނުމަށް ފަހު ހަވީރު 4:50 ގައި ފުލުހުން އެމީހުންގެ ސަފުތަކަށް ވަދެގަތުމާ އެކު ލަކުޑިބުރިތަކުންނާއި ދަގަނޑުންނާއި އޮށްގަލުން ފުލުހުންނަށް ވަރަށް ގަދައަށް ހަމަލާދިން މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ހަމަ އެގޮތަށް ފުލުހުން ވެސް ވަނީ ވަކިޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދާ މީހުންނާ ދެކޮޅަށް ކަރުނަގޭހާއި ތަންޑަރ ފްލާސް ބޭނުންކޮށް މުކުރު ބުރިން ހަމަލާދީފަ އެވެ

ހިމަންދޫގައި ވަކިޖަމާއަތް ހަދައިގެން އުޅޭ ފަރާތްތަކުގެ މިސްކިތް ކައިރީގައި ހިނގި ކުރިމަތިލުންތަކުގައި ސަލާމަތީ ބާރުތަކާއި ދިމާލަށް އަލިފާން ބޯޅަތަކުންނާއި ކަޅުތެލާއި އޮއްގަލުންވެސް ހަމަލާ ދީފަ އެވެ

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ފުލުހުން ވަނީ ވަކިޖަމާއަތް ހަދާފައިވާ ފަރާތްތައް ހަޔަރުކޮށް ދޫނިދޫގައި ހައްޔަރުކޮށްފަ އެވެ

No comments: