Wednesday, October 31, 2007

ސުނާމީގައި ހާލުގައި ޖެހުނު އެއްވެސް މީހަކު ޓެންޓުތަކުގައި ދިރިއުޅޭހާ ދުވަހަކު ވެރިކަން ލިބުނަސް ތީމުގެއަށް ނުވަންނާނެކަމަށް އައިޑީޕީން ބުނެފި

31-10-2007





ސުނާމީގައި ހާލުގައި ޖެހުނު އެއްވެސް މީހަކު ޓެންޓުތަކުގައި ދިރިއުޅޭހާ ދުވަހަކު، ވެރިކަން ލިބުނަސް ތީމުގެއަށް ވެދެވަޑައިނުގަންނަވާނެކަމަށް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ރައީސް އަލްފާޟިލް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިހެން ވިދާޅުވީ، ސުނާމީއަށް ތިންއަހަރުވާން ގާތްވެފައިވާއިރު، އެކަމަށް އެދެވޭ ހައްލެއް ސަރުކާރަށް ގެނެވިފައިނުވާތީ އެކަމާއިބެހޭގޮތުން ވާހަކަދައްކަވަމުންނެވެ. "ސުނާމީގައި ހާލުގައިޖެހިފަ ތިބި އެއްވެސް މީހަކު ޓެންޓުތަކުގައި ދިރިއުޅޭހާ ދުވަހަކު އަޅުގަނޑު ތީމުގެއަށް ނުވަންނާނަން. އޭގެ ބޭނުމަކީ ސަރުކާރުގެ މުއައްސަސާތަކަށް ޕްރެޝަރކޮށްގެން އެކަން އަވަސް ކުރުވުން. އެމީހުންނަށް ޕާމެނަންޓް ހައުސިން (ދާއިމީ ގެތައް) ހޯދައިދޭން. ބައެއް މީހުން ބުނެފާނެ އައިޑީޕީއެއް ނޫންހޭ ސަރުކާރަކީ އޭރު. އައިޑީޕީގެ ސަރުކާރެއް އޮތަސް، އެކަންތައް ކުރާނީ ވަކިވަކި މުއައްސަސާތަކަކުންތާ. އެމީހުންގެ ވެރިމީހާ ގަނޑުވަރަށް ނުވަންނަކަމަށްވަންޏާ އެމީހުންނަށް ލިބޭ ހުތުރެއްތާއެއީ. އެމީހުން ތިބޭނީ ޕްރެޝަރުގައެއްނުން އެކަން ކުރަން." އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވިއެވެ.
ސުނާމީގައި ހާލުގައިޖެހި ޓެންޓުގައި ދިރިއުޅޭ މީހުންގެ ކަންތައް ހަމަޔަކަށް އެޅެންދެން އުމަރު ވެރިކަންކުރާނީ ކޮންތާކުތޯ ދެންނެވުމުން އުމަރު ވިދާޅުވީ، އޭނާ ހުންނަވާނީ ގޭގައިކަމަށެވެ. އަދި އެކަމަކީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫންކަމަށް އުމަރު ވިދާޅުވިއެވެ. "އެހުރިހާކަމެއް ވަންދެން އަހަރެން އުޅޭނީ އަހަރެންގެ ގޭގަ. ގަނޑުވަރުގަ ނޯންނާނެ އެއްވެސް ކަމެއް. އެދެންހަމަ ބަހައްޓާފަ ހުންނާނީ ޓުއަރިސްޓުން ބަލާލާފަ ފޮޓޯނަގާ ކަންތައް ކުރެވޭނެތާ. ވެރިކަން ލިބުނަސް ސުނާމީގައި ހާލުގައި ޖެހުނު އެއްވެސް މީހަކު ޓެންޓުތަކުގައި ދިރިއުޅޭހާ ދުވަހަކު ތީމުގެއަށް އަޅުގަނޑު ނުވަންނާނެކަން އެއީ ޔަގީންކަމެއް" އުމަރު ވަރަށް ޔަގީންކަމާއެކު ވިދާޅުވިއެވެ.
ދާއިމީ ހިޔާތަކަށް މީހުން ބަދަލުކުރުވުމަށް ސަރުކާރު ފިއްތުމަށް އައިޑީޕީން ކުރީ ކޮންކަމެއްތޯ ދެންނެވުމުން ވިދާޅުވީ ވަރަށް ގިނަ ކަންތައްތަކެއް މިހާތަނަށް ކުރެވިފައިވާކަމަށެވެ. މިގޮތުން ސުނާމީ ޓެންޓެއް އެޅުމާއި، ސަރުކާރުގެ މުއައްސަސާތަކާއި ވާހަކަދައްކައިގެން މިކަންތަކަށް ހައްލެއް ގެނައުމަށް މަސައްކަތްކުރެއްވި ކަމަށެވެ. ނަމަވެސް މިހާރު މިގެންދާ ގޮތަށް ގެންދާނަމަ ކުރިއަށް އޮތް ދެތިން އަހަރުތެރޭވެސް ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ދާއިމީ ހިޔާވައްސެއް ހޯދައިނުދެވޭނެކަމަށް އުމަރު ވިދާޅުވިއެވެ. "ހަގީގަތުގަ ހިތައްވެސް ނުގެނެވޭނެ އެމީހުން އެއުޅޭ ހާލު، އެއަރކޯން ކޮށްފަހުންނަ ކޮޓަރިތަކުގަ އުޅޭއިރު. ވަރަށް ހާލުގަ ރައްޔިތުން އެއުޅެނީ. މިކަންތައް މިހާރު އޮންނަން ޖެހޭނީ ހަގީގަތުގަ ނިމިފަ. ފައިސާވެސް އެބަހުރި. ދެން ކީއްވެތޯ ނުކުރެވެންވީ. މިގޮތަށް ދަންޏާ ކުރިއަށް އޮތް ދެތިންއަހަރު ތެރޭވެސް އެދެވޭ ހައްލެއް ނުގެނެވޭނެ." އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އުމަރު ވިދާޅުވިއެވެ

No comments: