Tuesday, October 30, 2007

ނ. މާފަރުގައި އެއަރޕޯޓް ހެދުމާއި ދެކޮޅަށް ވެލިދޫ ރައްޔިތުން ޕެޓީޝަނެއް ހުށަހަޅަނީ

29-10-2007



© HaamaDaily


ރާއްޖޭގެ ފަސް ރަށެއްގައި އަލަށް އެއަރޕޯޓް ހެދުމަށް ސަރުކާރުން އިޢްލާންކުރެއްވިއިރު، ނ އަތޮޅުގައި ހަދާ އެއަރޕޯޓް އެއަތޮޅު މާފަރުގައި އެޅުމަށް ނިންމެވި ނިންމެވުމާއި ދެކޮޅަށް، އަތޮޅުގެ އެންމެ އާބާދީބޮޑު ވެލިދޫ ރައްޔިތުން ދެކޮޅުހަދަން ފަށައިފިއެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، މާފަރުގައި އެއަރޕޯޓް ހެދުމާއި ދެކޮޅަށް ވެލިދޫ ރައްޔިތުން މިހާރުދަނީ ސަރުކާރަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއް ތައްޔާރުކުރަމުންނެވެ. ޕެޓިޝަން ތައްޔާރުކުރުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ވެލިދޫ ބޮޑުކަތީބު އިބްރާހީމް ޙަލީމްކަމަށްވެސް މިނޫހަށް މަޢުލޫމާތު ދެއްވި ފަރާތުން ބުނެފައިވެއެވެ. ބޮޑުކަތީބު އިބްރާހިމް ޙަލީމް މަސައްކަތް ކުރައްވަމުން ގެންދަވަނީ، އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި އަދި އަތޮޅުގެ ފައިސާ ވެރިންނާގުޅިވަޑައިގެން، މާފަރުގެ ބަދަލުގައި ނ.އެއްދުއްފަރަށް ނުވަތަ ނ.ދިގުރަށަށް އެއަރޕޯޓް ބަދަލުކުރެއްވުމަށްކަމަށާއި، މިކަމަށްޓަކައި ސަރުކާރަށް ހުށަހެޅުމަށްޓަކައި ޕެޓިޝަން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރިއަށް ދާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މިކަމާއިގުޅިގެން "ހާމަ" ނޫހުގެ ފަރާތުން ވެލިދޫ ބޮޑުކަތީބު އިބްރާހިމް ޙަލީމަށް ގުޅާލުމުން ވިދާޅުވީ، އޭނާ އިސްވެ ހުންނަވައި އެފަދަ ޕެޓީޝަނެއް ތައްޔާރު ކުރައްވަމުން ނުގެންދަވާ ކަމަށެވެ. "އަޅުގަނޑެއް ނޫޅެއް ޕެޓިޝަނެއް ތައްޔާރުކުރާކަމަށް. އެހެންނަމަވެސް ރކ. ކޮމިޓީން ވަނީ ނިންމާފަ، މާފަރުގައި އެއަރޕޯޓް ހެދުމާއި ދެކޮޅަށް ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅަން. ރކ. ކޮމިޓީން ނިންމި ނިންމުމާއިގުޅިގެން، އެކަން ރަށުގައި ވަރަށް ގަދައަށް އެކަންތައް ކުރިއަށް އެބަދޭ. ރައްޔިތުން އެބައުޅޭ ޕެޓީޝަނެއް ހުށަހަޅަން" ވެލިދޫ ބޮޑުކަތީބު އިބްރާހިމް ޙަލީމް ވިދާޅުވިއެވެ. އިބްރާހިމް ޙަލީމް ވިދާޅުވީ، ވެލިދޫގެ އިތުރުން، އަތޮޅުގެ އިރުމަތީ ފަޅީގައި ހިމެނޭ ހޮޅުދޫ ރކ. ކޮމިޓީންވެސް ސަރުކާރަށް ޕެޓީޝަނެއް ހުށަޅަން މިހާރު ނިންމާފައިވާކަމަށެވެ. ހޮޅުގެއިތުރުން، ފޮއްދޫ ރައްޔިތުންވެސް މާފަރުގައި އެއަރޕޯޓް ހަދަން ހިތްހަމަ ނުޖެހޭކަމަށް ވެލިދޫ ބޮޑުކަތީބު
ވިދާޅުވިއެވެ. "ހުރިހާގޮތަކަށް ބަލާއިރުވެސް، މާފަރަށްވުރެ އެއަރޕޯޓް ހެދުން ރަނގަޅު ރަށްތައް އަތޮޅުގައި އެބަހުރި. އޭގެތެރެއިން އެންމެ ރަނގަޅު ރަށަކީ ދިގުރަށް. އެއީ، އަތޮޅުގެ މެދުތެރެއަށް އެރަށްވުމާއި، އެރަށުން އެކަށީގެންވާ ޖާގަ ލިބެން އޮތުމާއި، އަތޮޅުގައި މިހާރު ހަދަމުންދާ ރިސޯޓްތަކަށްވެސް އެންމެ ރަނގަޅުވާތީ މާފަރަށްވުރެ ދިގުރަށުގައި އެއަރޕޯޓް ހެދުމުން ކަމަށްވާތީ" ވެލިދޫ ބޮޑުކަތީބު ވިދާޅުވިއެވެ.
ވެލިދޫ ބޮޑުކަތީބު މިހެން ވިދާޅުވިނަމަވެސް، މާފަރުން މިނޫހަށް މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ، ނ.މާފަރުގައި އެއަރޕޯޓެއް ހެދުމަށް ހަމަޖެހުމަކީ ޚުދު ވެލިދޫގެ ރައްޔިތުންވެސް ވަރަށްބޮޑަށް އެދޭކަމެއް ކަމަށެވެ. "މިވީހާތަނަށް ރައްޔިތުން ނުކުމެ ރަށްރަށުގެ ކަތީބުން ވެރިކަމުން ފޭބުމަށް ގޮވާލާފައިވަނީއަކީ ރަށުގެ ކައިރީ ނުވަތަ ރަށުގައި އެއަރޕޯޓެއް ނޭޅިގެނެއްނޫން. މީގެކުރިންވެސް ޓޫރިޒަމް މިނިސްޓަރ ވެލިދޫގައި ގެންގޮސްގެން އޭނާގެ ބޯތެރެއަށް ވަދެގެން އެރަށުގެ ކައިރީއޮތް ތިންފަޅުރަށް މިހާރުވެސް ޓޫރިސްޓް ރިޒޯޓްގެ ގޮތުގައި ތަރައްޤީކުރެވި ހުޅުވުމަށް ވަނީ ތައްޔާރުވެފަ. ވެލިދޫ ބޮޑުކަތީބު އިބްރާހީމް ޙަލީމް ޢަލީއަކީ ދުވަސްކޮޅެއްކުރިން އޭނާގެ އިޚްލާޞްތެރިކަމާހުރެ މަޤާމުން ދުރުގައި ބެހެއްޓެވުމަށްފަހު ދެވަނަފަހަރަށް އެނބުރިވަޑައިގެންފައިވާ ބޭފުޅެއް. އަމިއްލަ އެދުމުން ފޯވެގެންވާ މިފަދަ އެތަން ބޭފުޅުންގެ ސަބަބުން ނ.އަތޮޅުގައި އޮތް ހަމަޖެހުމާއި ޞުލްހަ މަސަލަސްކަން ނެތިގެން މިއޮތްގެންދަނީ. ސަރުކާރުން ނ.ހުވަނދުމާވައްޓަރު ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ނިންމަވާ އަދި ނ.މާފަރުގައި އެއަރޕޯޓެއް އެޅުއްވުމަށް ނިންމެވިއަކީ އަތޮޅުގެ އެއްވެސް މީހެއްގެ ރިކްއެސްޓަކަށް ނޫން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓް އަޅަމުންދާއިރު ނ.އަތޮޅުގައިވެސް އެއަރޕޯޓެއްނާޅާ ފަރުޖެއްސެން ނޯންނާނެތީ" ނަން ހާމަކުރަން ބޭނުން ނުވާ ނ އަތޮޅުގެ ކަމުވޮށިގެންވާ ފަރާތަކުން މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ވެލިދޫ ބޮޑުކަތީބު އިބްރާހީމް ޙަލީމް އަލީ އިސްނަންގަވައިގެން އެހިންގާ ޕްރޮޕެގެންޑާގައި ހަމަނުޖެހުމެއް އުފެދުންނޫން އެހެން އެއްވެސްކަމެއް ނުވާނެކަމުގައި އަތޮޅުގެ ގިނަ ފަރާތްތަކަކުން އޭނާއަށް ނަޞޭހަތްތެރިވަމުން ދާކަމަށްވެސް މިނޫހަށް މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ.
އަތޮޅުގައި އެއަރޕޯޓެއް ހެދުމަކީ ނ.އަތޮޅުގެ ހުރިހާ ރައްޔިތުން ވަރަށްބޮޑަށް އެދިއެދި ތިބި ކަމެއް ކަމަށާއި، މިކަމަށްޓަކައި ސަރުކާރުން އަތޮޅުގެ ވަރަށްގިނަ ރަށްރަށް ބައްލަވާ ދިރާސާ ކުރައްވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.


No comments: