ޑީއާރްޕީން ދަނީ ސިވިލް ސަރވިސް ކޮމިޝަން އުފެއްދުމަށް ހުރަސް އަޅަމުން : އެމްޑީޕީ
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ނެރުބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އާއި ނާއިބު ރައީސް ހޮވުމަށް އެޖެންޑާކޮށްގެން ކުރިއަށްގެންދިޔަ ޖަލްސާގެ އިންޓަވަލް ކުރީގައި ކޯރަމް ހަމަވިކަމުގައިވިޔަސް މިޖަލްސާގެ އިންޓަވަލްގެ ފަހުން ސަރުކާރު ހިންގާ ޕާޓީކަމަށް ވިދާޅުވެގެން އުޅުއްވާ ޑީ.އާރް.ޕީ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުން މަޖިލިސް ދޫކުރައްވައި ވަޑައިގަތުމަކީ ކޮމިޝަން އުފެއްދުމަށް ހުރަސް އެޅުން ކަމަށް ދެކޭ ކަމަށެވެ
”މަޖިލީހުގެ ކޯރަމް ގެއްލުނުކަމީ ރައްޔިތުންގެ މަޖިލީހުން ދިވެހި ސިވިލްސަރވިސް ސިޔާސީ އަޅުވެތިކަމުން މިނިވަން ކުރުމަށް ކުރާ ބުރަ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ގޮތުން ޑީ.އާރްޕީއާއި ރައީސް މައުމޫން ކުރެއްވި ކަމެއް ކަމަށް ދެކެން,“ އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގުރޫޕުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާ އަކީ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް ހޮވުމުގެ މައްސަލަ އާ ބެހޭ ގޮތުން ހާއްސަކޮށްގެން ބޭއްވި ޖަލްސާއެއްކަން އެނގި ތިބެ ރައްޔިތުން އިންތިޚާބު ކޮށްފައިވާ މެމްބަރުންނާއި އަދި ރައީސުލްޖުމުހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން ކެބިނެޓްގެ އެއްވެސް މިނިސްޓަރެއް އަދި ސްޓޭޓް މިނިސްޓަރެއް ވެސް އަދި މިނިސްޓަރުންގެ ބައެއް ނާއިބުން މަޖިލީހަށް ހާޒިރުވެ ވަޑައިނުގަތްކަމީ ރައްޔިތުންގެ ކަންކަމާ މެދު އެ މެމްބަރުން ދެއްވާ އަހަމިއްޔަތުކަމުގެ މިންވަރު ސާބިތު ކޮށްދޭކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ
”ޕާޓީން އެދެނީ ސަރުކާރުގެ މުވައްޒަފުން ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ މުވައްޒަފުންގެ މެދުގައި އަދުލުވެރިކަމާއެކު ކަންކަން ކުރެވޭނެ ބައެއް ދިވެހި ސިވިލްސަރވިސްއާ ހަވާލުވެ ތިބުމަށް. އަދި ދިވެހި ރައްޔިތުންނަށް ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ޚިދްމަތް ކޮށްދޭނެ ބަޔަކަށް ދިވެހި ސިވިލްސަރވިސް ހެދުމަށް,“ އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ
އެމްޑީޕީން ބުނީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ތިބީ ރައްޔިތުންނަށް މުހިންމު މިފަދަ ކޮންމެ ކަމަކު މަޖިލީހުގެ ރައީސް ޖަލްސާއަކަށް ކޮންމެ ވަގުތަކު ގޮވާލެއްވިޔަސް އެގޮވައިލެއްވުމަށް އިޖާބަދިނުމަށް ތައްޔާރަށް ކަމަށެވެ. އަދި ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ހުވާކުރައްވައިގެން ތިއްބަވައިގެން ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރުއްވާ މަސައްކަތް ކުރެއްވުމަށް ޑީ.އާރް.ޕީ ގެ މެމްބެރުންނަށާއި ރައީސް މައުމޫނަށް އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕުގެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ
ޑީއާރުޕީގެ ކޯޑިނޭޓަރ އިބްރާހީމް ޝާފިއު ވިދާޅުވީ އެހެން އެ ބުނަނީ ބުރާސްފަތި ދުވަހުގެ ޖަލްސާ ކޯރަމް ގެއްލުމުން ކަމަށާއި އެޖަލްސާއަށް ބަލާއިރު ދެކަމެއް ފާހަގަކޮށްލަން ޖެހޭ ކަމަށެވެ
”އެއްކަމަކީ އެ ޖަލްސާއަކީ ވެސް ވަރަށް މުހިއްމު ޖަލްސާއެއް. އެކަމަކު މާކުރިންސުރެ ހަމަޖެހިގެން އެނގިގެން ހިނގި ކަމެއް އެއީ. ސިންގަޕޫރު ރައީސް ވަޑައިގެން ސްކޫލް ހަދިޔާ ކުރުން. އެތަނުގައި ސަރުކާރުގެ އިސް މީހުން ނެތުން ވެސް ވާނީ ވަރަށް ގޯސް ކަމަކަށް. ޖަލްސާ އެ ދުވަހު ބޭއްވި އިރު ވެސް އެކަން އެނގޭނެ. މިހާރުވެސް ޖަލްސާއެއް ބާއްވަން ވީނޫންތޯ. އެޖަލްސާ ފަސްކުރެވިވެސްދާނެ. އެކަމަކު ސިންގަޕޫރު ރައީސްގެ ދަތުރުފުޅު ލަހެއް ނުކުރެވޭނެ“ ޝާފިއު ވިދާޅުވިއެވެ
No comments:
Post a Comment