Tuesday, September 11, 2007

ޖަލްސާތަކަށް ވަޑައިގަތުމުގައި އެންމެ ފަރުވާ ކުޑަ ފަސް މެމްބަރުން

10 / 09/ 2007ު

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގައި ޖަލްސާތަކަށް ވަޑައިގަތުމުގައި އެންމެ ފަރުވާ ކުޑަ ފަސް މެމްބަރުންގެ ތެރޭގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ނިސްބަތްވާ ހަތަރު ބޭފުޅުންނާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ އެއް ބޭފުޅަކު ހިމެނިއްޖެ އެވެ

މިދިޔަ ޖޫން މަހު 4 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހިނގި ދެވަނަ ދައުރުގެ ހާޟިރީއަށް ބަލާއިރު އެންމެ ފަރުވާކުޑަ ފަސް މެމްބަރުންގެ ލިސްޓުގެ އެންމެ ކުރި ލިބިވަޑައިގަންނަވަނީ ހއ. މެމްބަރު އަދި ޑީއާރުޕީއަށް ނިސްބަތްވާ އިބްރާހީމް މަނިކު (ސަމަރޭ) އަށެވެ. ދެ ވަނަ ލިބިވަޑައިގެންފައިވަނީ ބ. އަތޮޅު މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ތަސްމީނު އަލީ އަށެވެ. ތިން ވަނައިގައި ވަނީ ގއ އަތޮޅު މެންބަރ މުހައްމަދު ސަލީމެވެ. ހަތަރު ވަނައިގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އަދި ޑީއާރުޕީގެ ކައުންސިލް މެންބަރ އާއިޝަތު އާޒިމާ ޝުކޫރު ހިމެނިވަޑައިގަންނަވާއިރު ފަސް ވަނާގައި ހިމެނިވަޑައިގަންނަވަނީ މާލެ ފިޔަވާ އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށްވާ އައްޑު އަތޮޅު ތަމްސީލް ކުރައްވާ އެ އަތޮޅު މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު އަސްލަމެވެ

އެ ފަސް ބޭފުޅުންނަކީ ވެސް ސަބަބު ބަޔާން ނުކުރައްވައި ޖަލްސާތަކަށް އެންމެ ގިނަ އިން ވަޑައިނުގަންނަވާ ބޭފުޅުންކަން މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ހާޒިރި ރިޕޯޓުން ދައްކަ އެވެ

ރައީސް މައުމޫނުގެ ކެބިނެޓުގައި އިންފޮމޭޝަން މިނިސްޓަރުކަމާއި ޔޫތް މިނިސްޓަރުކަން ކުރައްވާފައިވާ ސަމަރޭ, ސަބަބު ނާންގަވާ 15 ޖަލްސާއަށް ވަޑައިނުގަންނަވާ ކަމަށް ހާޒިރި ރިޕޯޓުން ދައްކަ އެވެ. ވަޒީރުންގެ ފެންވަރުގެ އިނާޔަތްތަކާއެކު ކޮމިނިޔުޓީ އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލުގެ ޗެއާމަންކަން ދެއްވާފައިވާ ސަމަރޭ, ތިން ޖަލްސާއެއްގައި ޗުއްޓީގައި ހުންނެވިއިރު ވަޑައިގެންނެވިފައިވަނީ 28 ޖަލްސާގެ ތެރެއިން އެންމެ 10 ޖަލްސާއަށެވެ

އެޓޯލްސް މިނިސްޓަރުކަން ކުރައްވާ އަދި ޑީއާރުޕީގެ ނާއިބު ޒައީމުގެ މަގާމު އަދާކުރައްވާ ތަސްމީނު ވަނީ ސަބަބު ބަޔާންކުރެއްވުމެއް ނެތި 13 ޖަލްސާއަށް ހާޟިރުވެ ވަޑައި ނުގެންފަ އެވެ. އެއް ޖަލްސާ އަށް ޗުއްޓީ ނެންގެވިއިރު އެއް ޖަލްސާ އަށް ވަނީ ސަލާމް ވިދާޅުވެފަ އެވެ

ޑީއާރުޕީއަށް ނިސްބަތްވާ ސަލީމް, ސަބަބު ނާންގަވާ 11 ޖަލްސާއަށް ހާޟިރުވެ ވަޑައި ނުގަންނަވާއިރު, ވަޑައިގަތީ 17 ޖަލްސާއަށެވެ

މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ ނައިބު އަދި ޑީއާރުޕީގެ އަންހެނުން ގޮފީގެ ރައީސްކަން ކުރައްވާ އާޒިމާ 10 ޖަލްސާއަށް ވަނީ ސަބަބު އެންގެވުމެއް ނެތި ހާޟިރުވެ ވަޑައި ނުގެންފަ އެވެ. 6 ޖަލްސާ އަކަށް ޗުއްޓީ ނަންގަވާފައިވާއިރު 1 ޖަލްސާގައި ހުންނަވާފައިވަނީ ސަލާމުގަ އެވެ. އޭނާ ވަޑައިގަތްނަވާފައިވާ ޖަލްސާތަކުގެ ޖުމްލަ 11 އެވެ

ސަބަބު ނާންގަވާ 9 ޖަލްސާއަށް އަސްލަމް ވަޑައިނުގަންނަވާއިރު އޭނާ ވަނީ 1 ޖަލްސާއަށް ސަލާމް ވިދާޅުވެފައި ވެއެވެ. އޭނާ ވަޑައިގެންނެވި ޖަލްސާގެ އަދަދަކީ 18 އެވެ

ހާޒިރި ރިޕޯޓަށް ބަލާއިރު ދެ ވަނަ ދައުރުގެ ޖަލްސާތަކުގެ ތެރެއިން އެންމެ ގިނައިން ޖަލްސާއަށް ވަޑައިގެންނެވި 5 މެންބަރުން (ޓޮޕް 5) ގެ ތެރެއިން އެއްވަނައިގައި އުޅުއްވަނީ ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި ވަކިޕާޓީއަކަށް ނިސްބަތް ނުވާ, ރ އަތޮޅު މެންބަރ ޢަލީ ވަހީދާއި ޑީއާރުޕީގެ މެންބަރ ޏ އަތޮޅު މެންބަރ ޢަބްދުﷲ މަސީހް މުހައްމަދެވެ

ދެވަނައިގައި ތިން މެންބަރުން އުޅުއްވަ އެވެ. އެއީ 27 ޖަލްސާއަށް ހާޟިރުވެވަޑައިގަންނަވައިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރ, ޅ އަތޮޅު މެންބަރ އިބުރާހީމް މުހައްމަދު ސާލިހް (އިބޫ) އާއި އެމްޑީޕީގެ އަމީން ޢާއްމު މާލެއަތޮޅު މެންބަރ މާރިޔާ އަހުމަދު ދީދީ އާއި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރ ޏ އަތޮޅު މެންބަރ މުހައްމަދު އިބްރާހީމް ދީދީ އެވެ

އިބޫ އެއްދުވަހަށް ސަލާމް ވިދާޅުވެފައިވާއިރު މާރިޔާ އާއި މޮޑީ ވަކިސަބަބެއް ނާންގަވާ އެއްދުވަހު ވަޑައި ނުގަންނަވަ އެވެ

ތިންވަނައިގައި އުޅުއްވަނީ 26 ޖަލްސާއަށް ވަޑައިގަންނަވައިގެން މާލޭ މެންބަރ އިބްރާހީމް އިސްމާއީލް (އިބުރާ) އާއި ރ އަތޮޅު މެންބަރ އިބްރާހީމް ޝަހީދު ޒަކީ އަދި ތ އަތޮޅު މެންބަރ މުހައްމަދު ޝަރީފެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ލިބަރަލް ޕާޓީގެ އެންމެ އިސްކޮށް ހުންނެވި އަދި ކުރީގެ އެމްޑީޕީގެ ރައީސް އިބުރާ, ސަބަބު ނާންގަވާ އެއްޖަލްސާއަށް ވަޑައި ނުގަންނަވާއިރު, އެއްޖަލްސާއަށް ވަނީ ސަލާމް ވިދާޅު ވެފައެވެ

އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އަދި އަމިއްލައަށް ސަރުކާރުން އިސްތިއުފާ ދެއްވާފައިވާ ޝަހީދު ޒަކީ ދެޖަލްސާއެއްގައި ހުންނެވީ ޗުއްޓީއެއްގަ އެވެ

ހަތަރު ވަނައިގައިވެސް, 25 ޖަލްސާއަށް ހާޟިރުވެވަޑައިގަންނަވައިގެން 6 މެންބަރުން އުޅުއްވައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރ ޑރ އަހުމަދު ޝަރީފާއި, މާލޭ މެންބަރ މުހައްމަދު ޝިހާބާއި, ހދ އަތޮޅު މެންބަރ އަހުމަދު ޢަބްދުﷲ އާއި ހދ އަތޮޅު މެންބަރ އަބްދުއް ޝުކޫރާއި އދ އަތޮޅު މެންބަރ ޢަބްދުލް މުހްސިން އަދި ގދ އަތޮޅު މެންބަރ ޢައްބާސް އިބްރާހީމެވެ

ޑީއާރުޕީއަށް ނިސްބަތްވާ ޑރ އަހުމަދު ޝަރީފް ސަލާމުގައި 3 ޖަލްސާގައި ހުންނެވިއިރު, އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް ލީޑަރ ޝިހާބު ވަނީ ސަބަބު ނާންގަވާ އެއްޖަލްސާއަށް ވަޑައި ނުގެން އަދި ދެ ޖަލްސާގައި ޗުއްޓީގައި ހުންނަވާފަ އެވެ. ޑީއާރުޕީ މެންބަރ އަހުމަދު ޢަބްދުﷲ ޗުއްޓީގައި ދެޖަލްސާގައި ހުންނެވިއިރު އެއްޖަލްސާގައި ހުންނެވީ ސަލާމުގައެވެ. ޑީއާރުޕީ މެންބަރ ޝުކޫރު ސަބަބު ނާންގަވާ 3 ޖަލްސާއަށް ހާޟިރުވެވަޑައި ނުގަންނަވަ އެވެ. އެމްޑީޕީ މެންބަރ ޝަރީފް އެއްޖަލްސާގައި ޗުއްޓީގައި, އެއްޖަލްސާގައި ސަލާމުގައި އަދި އެއްޖަލްސާއަށް ސަބަބު ނާންގަވާ ވަޑައި ނުގެންނެވިއރު ޑީއާރުޕީ މެންބަރ އައްބާސް އިބްރާހީމް ތިން ޖަލްސާގައި ވަނީ ސަލާމުގައި ހުންނަވާފަ އެވެ

ސައުވީސް ޖަލްސާއަށް ހާޟިރުވެ ވަޑައިގަންނަވައިގެން 7 މެންބަރަކު 5 ވަނައިގައި އުޅުއްވައެވެ. އެމެންބަރުންގެ ތެރޭގައި ހިމެނޭ ހއ އަތޮޅު މެންބަރ ޖައުފަރު އީސާ އާދަމް ޗުއްޓީގައި 2 ޖަލްސާ އަދި ސަބަބު ނާންގަވާ 2 ޖަލްސާއަށް ވަޑައި ނުގަންނަވަ އެވެ. ޑީއާރުޕީ މެންބަރ އަދި ށ އަތޮޅު މެންބަރ އިބްރާހީމް ވަހީދު އެއް ޖަލްސާގައި ސަލާމުގައި އަދި ސަބަބު ނާންގަވާ 3 ޖަލްސާއަށް ވަޑައި ނުގަންނަވައެވެ. ނ އަތޮޅު މެންބަރ ޢަބްދުﷲ ޔާމީން ޗުއްޓީގައި 3 ޖަލްސާ އަދި ސަބަބު ނާންގަވާ އެއްޖަލްސާއަށް ވަޑައިނުގަންނަވާއިރު އެއަތޮޅު އަނެއް މެންބަރ އަދި ޑީއާރުޕީ މެންބަރ އަލީ މުހައްމަދު ސަލާމުގައި އެއް ޖަލްސާ އަދި ސަބަބު ނާންގަވާ 3 ޖަލްސާ ވެއެވެ. ޑީއާރުޕީ މެންބަރ އަދި ޅ އަތޮޅު މެންބަރ އަހުމަދު މުހައްމަދު ޗުއްޓީގައި 2 ދުވަސް އަދި ސަލާމުގައި 1ދުވަހާއި, ސަބަބު ނާންގަވާ 1 ޖަލްސާ ވެއެވެ. ޑީއާރުޕީ މެންބަރ އަދި އއ އަތޮޅު މެންބަރ ހުސައިން މުހައްމަދު ސަލާމުގައާއި ޗުއްޓީގައި ދެދުވަހު ހުންނެވިއިރު ސަބަބު ނާންގަވާ 2 ޖަލްސާއެއް ވެއެވެ. އެމްޑީޕީ މެންބަރ އަދި ތ އަތޮޅު މެންބަރ ހަސަން އަފީފްވެސް ސަލާމުގައާއި ޗުއްޓީގައި ދެދުވަހު ހުންނެވިއިރު ސަބަބު ނާންގަވާ 2 ޖަލްސާއެއް ވެއެވެ

No comments: