Report: Jxlee
ފީފާއިން ގަބޫލު ނުކުރުމުން ކަލީމު ވަކިކޮށް އެގްޒެކްޓިވް ކޮމެޓީ އުވާލައިފި
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިދާރާ އެފް އޭ މޯލްޑިވްސްގެ ހިންގުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް އިއްޔެ ގެނެސްފި އެވެ
އިއްޔެ މެންދުރުފަހު ބޭއްވި ކުޅިވަރުގެ ޤައުމީ މަޖިލިސް އާއި އެފް އޭ އެމުގެ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ އިއްޔެއިން ފެށިގެން އެގްޒެކްޓިވް ކޮމެޓީ އުވާލުމަށާއި އެފް އޭ އެމްގެ ޗެއާމަންގެ މަޤާމަށް މިދިޔަމަހު ހަމަޖެއްސި މުޙައްމަދު ކަލީމު މަޤާމުން ވަކި ކުރުމަށެވެ. މިގޮތަށް މިކަން ކުރަން ޖެހުނީ އެގްޒެކްޓިވް ކޮމެޓީއާއި ޗެއާމަންގެ މަޤާމަށް ކަލީމު ހޮވާފައިވާގޮތްވެސް ފީފާއިން ޤަބޫލު ނުކުރާތީ އެވެ
ބައްދަލުވުމުގައި ބައިވެރިވި އެގްޒެކްޓިވް ކޮމެޓީގެ މެމްބަރަކު ވިދާޅުވީ އެކްސްކޯ އުވާލަން ނިންމީ އިންތިޚާބަކާއި ހަމައަށްދާއިރު މަޤާމުގައި ތިބި އެއްވެސް މީހަކަށް ކުރިމަތިނުލެވޭނެކަމަށް ފީފާއިން އަންގާފައިވާތީ ކަމަށެވެ. ”ރާއްޖެއިން ފުރަތަމަ ހުށަހެޅީ އަންނަ އަހަރުގެ މާޗްގެ ނިޔަލަށް އިންތިޚާބު ބާއްވާ ނިންމުމަށް ވަގުތު ދިނުމަށް. ނަމަވެސް ފީފާއިން އަންގާފަ އޮތީ އަންނަމަހުގެ ނިޔަލަށް އަސާސީ ޤަވާއިދު އިސްލާހުކޮށް ނިންމަން ޖެހޭނެ ކަމަށް. އަދި ޑިސެމްބަރގެ ނިޔަލަށް އިންތިޚާބު ބާއްވާ ނިންމަން ޖެހޭނެ ކަމަށް. މިގޮތަށް މިކަން ކުރެވެންޏާ މިހާރު އެކްސްކޯގައި ތިބި މީހުން ތިއްބަސް މައްސަލައެއް ނެތްކަމަށް. ނަމަވެސް އެކްސްކޯގައި ތިބި އެއްވެސް މެމްބަރަކަށް ކުރިމަތިނުލެވޭނެކަމަށް އަންގާފަ އޮތީ. އެކަމުގެ ސަބަބުންނާއި އަދި ކްލަބްތަކުގެ ނުފޫޒު މިކަމުގެ ތެރެއަށް ވަނަ ނުދިނުމަށްޓަކާ އެކްސްކޯ އުވާލަން ނިންމީ“ މެމްބަރު ވިދާޅުވިއެވެ
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިކްޓަރީގެ އެކްސްކޯގެ މެމްބަރު އަލީ ސުޒޭން ވިދާޅުވީ އޭނާ ކުރިމަތިލާންވެސް ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް އިސްތިއުފާދޭން ބޭނުންވަނީ ކްލަބްތަކުގެ ނުފޫޒު ކުޑަކުރުމުގެ ގޮތުން ކަމަށެވެ
އެފް އޭ އެމުގެ ހުރިހާ ބޮޑެތި ނިންމުމެއް ނިންމަމުން އައި އެކްސްކޯގެ އެންމެ ފަހު ބައްދަލުވުން މިއަދު މެންދުރުފަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ”މިއީ އެންމެ ފަހު ބައްދަލުވުން. މި ބައްދަލުވުމަކީ އެކްސްކޯއިން ވަކި ހިސާބަކަށް ގެންގޮސްފައިވާ ބައެއް މަސައްކަތްތައް ކޮޅެއްގައި ޖައްސަން ބާއްވާ ބައްދަލުވުމެއް“ މެމްބަރު ވިދާޅުވިއެވެ
އެކްސްކޯ އުވާލުމަށްފަހު އެފް އޭ އެމުގެ ކަންތައްތައް ހިންގުމަށްޓަކާ 6 މެމްބަރުންގެ ކޮމެޓީއެއްވެސް އިއްޔެ ވަނީ ނަގާފައެވެ. މި ކޮމެޓީގައި ހިމެނެނީ އޮލިމްޕިކް ކޮމެޓީގެ ވައިސްޗެއާމަން އަދި ކުރީގެ އެފް އޭ އެމުގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް އިސްމާއީލާއި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރ އަހްމަދު ޝާހިރާއި ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަރުން ކަމަށްވާ އަބްދުއްރައްޒާޤާއި މުޙައްމަދު ހާނިމާއި އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް ނަޒީމާއި ވެލެންސިއާގެ ކޯޗެއްގެ ގޮތުން ކުރިން ހަރަކާތްތެރިވި އަހްމަދު ނާޒިމެވެ
ބައްދަލުވުމުގައި ބައިވެރިވި އެހެން ބޭފުޅަކު ވިދާޅުވީ އެފް އޭ އެމުގައި ކުރިން އެގްޒެކްޓިވް ކޮމެޓީއަށް ލިބުނު ބާރުތައް މި ކޮމެޓީއަށްވެސް ލިބޭނެ ކަމަށެވެ. ”އިންތިޚާބާއި ހަމައަށް އެފް އޭ އެމުގެ ނިންމުންތައް ނިންމާނީ މި ކޮމެޓީން. އަސާސީ ޤަވާއިދު އިސްލާހު ކުރުމުގައި މިކޮމެޓީއަށް އެކްސްކޯގައި ކުރީގައި ތިބި މެމްބަރުންގެ އެހީތެރިކަން ލިބޭނެ. އެއީ ފަންނީ މީހުންނަކީ އެއީ ކަމަށްވާތީ“ އޭނާ ވިދާޅުވިއެވެ
އިންތިހާބު ނުކޮށް ޗެއާމަންގެ މަޤާމަށް ކަލީމު އިންތިޚާބު ކުރުމުން އެ މަޤާމު ފީފާއިން ޤަބޫލު ނުކުރުމުގެ ސަބަބުން އިއްޔެއިން ފެށިގެން އެފް އޭ އެމުގައި ޗެއާމަނެއް ނުހުންނާނެއެވެ. ނަމަވެސް ޖެނެރަލް ސެކްރެޓަރީގެ މަޤާމުގައި އަބްދުލް ހަމީދު އަބްދުލް ޤަފޫރު(އައްޑޯ) ހުންނަވާނެ އެވެ. ”އައްޑޯއަކީ އާއްމުކޮށް އިއުލާންކޮށްގެން ކުރިމަތިލި މީހުންގެ ތެރެއިން ހޮވާފަ ހުރި ބޭފުޅަކަށްވާތީ އައްޑޯ ފީފާއިން ޤަބޫލު ކުރޭ.“ މެމްބަރު ވިދާޅުވިއެވެ
އެކްޒެކްޓިވް ކޮމެޓީގެ މެމްބަރު ވިދާޅުވީ އިންތިޚާބު ނުބޭއްވުމުގެ ޒިންމާ ފަހު ވަގުތު އެޅިގެން ދިޔައީ އެކްސްކޯގެ ބޮލުގައި ކަމަށެވެ. ”އަސްލު އެކްސްކޯއިން އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދަން ވަރަށް ގިނަ ގޮތްގޮތް ކަނޑައަޅައިފި. ނަމަވެސް އެފް އޭ އެމުގައި އެކަން ހިންގަން ތިބި މީހުންނަށް ނުވެގެން އެކަންތައް ނުވެގެން އުޅެނީ. އެހެންވެ ފޭލްވީކީ އެކްސްކޯއެއް ނޫން. އެފް އޭ އެމުގައި އިސްކޮށް ތިބި ވެރިން“ އޭނާ ވިދާޅުވިއެވެ
މިކަމާ ގުޅޭ ގޮތުން އައްޑޯގެ ބަހެއް ހޯދާލުމަށް މިއަދު ގުޅުމުން އައްޑޯ ވިދާޅުވީ ތިކަމާ ބެހޭ މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް އިއްޔެގެ ބައްދަލުވުމުގައި ހުރިހާ ކަމެއް ނިންމިއިރު އައްޑޯވެސް އިންނެވިއެވެ. އައްޑޯގެ އިތުރުން މުޙައްމަދު ކަލީމުވެސް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ
މިއީ އެފް އޭ އެމު ހިންގުމަށް ފަހަކަށް އައިސް އައި އެންމެ ބޮޑު ބަދަލެވެ
No comments:
Post a Comment