ވިކްޓަރީގެ އުއްމީދުތައް ކަފުންކޮށް ނިއު ތަށި އުފުލާލައިފި
ޕްރެޒިޑެންޓްސްކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި 3 ވަނަ ފަހަރަށް މިލުކު ކުރަން ނުކުތް ވިކްޓަރީ އަތުން މާބޮޑު އުނދަގުލެއްބެތި މޮޅުވެގެން ނިއުރޭޑިއަންޓް ޗެމްޕިއަންކަން ހޯދައިފި އެވެ
މިސީޒަންގައި އެންމެ ފޯރިގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާ ދެ ޓީމުގެ ކުޅުން ފަށައިގެން ފެންނަމުން ދިޔައީ ނިއުރޭޑިއަންޓްގެ ހަމަލާތައް ވަރުގަދަވަމުން ދިޔަ ތަނެވެ. ނުރައްކާތެރި ފޯވަޑް އަލީ އަޝްފާގު(ދަގަނޑޭ) ނެތްތައް ފޫބެއްދުމަށްޓަކާ ޔޫގެންޑާގެ އިދުރީސް އާއި ހުސެން ޝިމާޒު(ކޮކީ) ގުޅިގެން ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން ދިޔައެވެ. ފުރަތަމަ ފުރުސަތު 7 ވަނަ މިނެޓްގައި ގެއްލިގެން ދިޔައީ ޝަމްވީލު ގާސިމް(ބޮންޑާ)ގެ އަތުންނެވެ
އޭގެ ކުޑައިރުކޮޅެއް ފަހުން ވިކްޓަރީން އުފެއްދި ހަމަލާ ނާކާމިޔާބުވީ އިބްރާހީމް ޝިޔާމް(ދޮނާ) ވަރަށް ހުސްކޮށް ހުރި ލޫސިއާނޯއަށް ޕާސް ނުކުރެވުމުގެ ސަބަބުންނެވެ
މެޗު ނިއުގެ ކޮޅަށް އަނބުރާލުމަށްޓަކާ ފުރަތަމަ ލަނޑު ވިކްޓަރީގެ 3 ދަނޑިން އެތެރެވެގެން ދިޔައީ 22 ވަނަ މިނެޓްގައެވެ. ކެޕްޓަން އައްސަދު އަބްދުލް ޤަނީ ނަގާދިން ހުރަސް އޭނާގެ ކޮއްކޮ އަކްރަމް އަބްދުލް ޤަނީ ބޮލުން ޖަހަން އަރާފައިވަނިކޮށް ކީޕަރު މުޙައްމަދު ފައިސަލުގެ އަތުގައި ޖެހިފައި ހީނުކުރާ ކަހަލަ ގޮތަކަށް ވަދެގެން ދިޔައީ ގޯލުގެ ތެރެއަށެވެ
ނިއުއަށް ލިބުނު ލީޑް ނައްތާލަން އޭގެ ފަހުން ވިކްޓަރީއަށް ފުލުފުލުގައި ދެ ފުރުސަތު ލިބިގެން ދިޔައެވެ. 28 ވަނަ މިނެޓްގައި ދޮނާގެ ހުރަހަކުން ލޫސިއާނޯއަށް ލިބުނު ފުރުސަތު ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ޖެހިގެން އައި މިނެޓްގައި ދޮނާ ފޮނުވާލި ހޫނު ހަމަލާ ނުކުތީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. 36 ވަނަ މިނެޓްގައި ނިއުއިން އެމީހުންގެ ލީޑް ފުޅާކުރީވެސް ކީޕަރު ފައިސަލަށް ހެދުނު ބޮޑު ގޯހަކުންނެވެ. ޓީމު ފައިނަލަށް ގެންގޮސްދިނުމުގައި ވީބީގެ އާދަޔާ ޚިލާފު ހަމަލާތަކެއް ދިފާއުކުރި ކީޕަރުގެ އަތުގައި ޖެހިފައި މިފަހަރުވެސް ވަނީ ގޯލަށެވެ. ކޮކީ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ވަރަށް މަޑުމަޑުން ގޮހެވެ
ފައިސަލަށް ހެދުނު ދެ ގޯހުން ދެ ލަނޑު ވަނުމުން ވިކްޓަރީގެ ބަދަލު ކީޕަރު ޔަޒީދު ޕްރެކްޓިސް ކުރަން ނުކުތްތަންވެސް ފެނިގެން ދިޔައެވެ. އެހެން ނަމަވެސް މެޗު ނިމުނުއިރުވެސް އޭނާ ބަދަލެއް ނުކުރެއެވެ
ވިކްޓަރީގެ ހުރިހާ އުއްމީދެއް ފުނޑުފުނޑުވެ އަތް ނުފޯރާ ހިސާބަށް ނިއުގެ ލީޑް ގެންގޮސްދިނީ ބޮންޑާ އެވެ. އިދުރީސް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތުމުން ދާގަނޑުގައި ތައްކޮށްލީ ބޮންޑާ އެވެ
ފަހުހާފު ފެށިގެން ވިކްޓަރީން ކުޅުން ވަރުގަދަ ކުރިއެވެ. ނިއުގެ ހާފުގެ ތެރޭގައި ހާފުގެ ބޮޑުބައި ކުޅުނު ނަމަވެސް ނިއުގެ ދިފާއީ ކުޅުންތެރިންނާއި ކީޕަރު ސަދުންގެ ހުޝިޔާރުކަން އެންމެ ވަގުތުކޮޅަކަށްވެސް ކުޑަވެގެން ނުދެއެވެ. ވިކްޓަރީގެ ހަމައެކަނި ލަނޑު އެއްވެފައިވާ ކުޅުންތެރިންތަކުގެ ތެރެއިން 65 ވަނަ މިނެޓްގައި ޖެހީ ރޮޑްރިގޭޒެވެ
ނިއުއަށް 4 ވަނަ ލަނޑެއްވެސް ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. 61 ވަނަ މިނެޓްގައި އިދުރީސް އޭރިޔާ ތެރެއަށް ވަދެ ކީޕަރުވެސް ކަޓުވާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. 78 ވަނަ މިނެޓްގައި ވިކްޓަރީއަށް އިތުރު ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. އާދަމް ލަރީފު(ރޮނާލްޑޯ) ފޮނުވާލި ބޯޅަ ކީޕަރު ސަދުންގެ އަތުގައި ޖެހިފައި ވަންނަން ދަނިކޮށް ރޮނގު މަތިން ކަހަލަ ގޮތަކަށް ދިފާއުކުރީ އައްސަދެވެ
މެޗު ނިމިގެން ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ދަނޑަށް އެރުމުން ވިކްޓަރީގެ ކުޅުންތެރިންނާއި ދެމެދު ހަމަނުޖެހުންވެސް ކޮންމެވެސް ވަރަކަށް ހިނގިއެވެ. ނަމަވެސް ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އެހީއާއެކު ތަޅާފޮޅުމަކަށް ނުގޮސް އެކަންތައް ވަނީ ނިމިފައެވެ. އެހެން ނަމަވެސް ދެ ޓީމުގެ އޮފިޝަލުންނާއި ބައެއް އިސް ސަޕޯޓަރުން ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރިތަން ފެނިގެން ދިޔައެވެ
މެޗުގެ މޮޅު ކުޅުންތެރިޔާ އަށާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ނިއުގެ ބޮންޑާ އެވެ. އެންމެ މޮޅު ކީޕަރަށް ނިއުގެ ސަދުން ހޮވުނުއިރު ފެއާރޕުލޭ ކުޅުންތެރިއަކީ ވީބީގެ އިސްމާއީލް މުޙައްމަދެވެ. ފެއާރޕުލޭ ޓީމަކީ ވިކްޓަރީ އެވެ
ނިއުގެ ޖަރުމަނު ކޯޗު ގާޑް ޒެއިސް ބުނީ ފުރަތަމަ ހާފުގައި ބޮޑު ލީޑެއް ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި ނަމަވެސް ލީޑް ލިބުމުން އެ ލީޑް ދަމަހައްޓަން ދެގުނަ މަސައްކަތް ކުރަން އިރުޝާދު ދިން ކަމަށެވެ. ”ދިވެހިލީގު ވިކްޓަރީ ހޯދުމުން މިތަށީގެ މުހިއްމުކަން އަހަރެމެންނަށް އޮތީ ވަރަށް ބޮޑުވެފަ.“ ގާޑް ބުންޏެވެ. 3 ވަނަ ފަހަރަށް ތަށި މިލުކު ކުރަން ވިކްޓަރީއަށް ލިބުނު ފުރުސަތު ގެއްލިގެން ދިޔުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރަނީ މުބާރާތަށް ޚާއްސަކޮށްގެން ގެނައި އިސްކޮޅުން ދިގު ފޯވަޑް އެންތޯނިއޯގެ ފެންވަރެއް ނެތުމެވެ. ރޭގެ މެޗުގައިވެސް ފުރަތަމަ ހާފަށްފަހު އޭނާ ވަނީ ބަދަލުކޮށްފައެވެ
No comments:
Post a Comment