Report: Soodh & Amindi
ނާސިރާއި މައުމޫނަށް ރައީސް ކަމަށް ކުރިމަތި ނުލެއްވޭ ގޮތަށް ޑްރާފްޓިން ކޮމެޓީން ފާސްކޮށްފި
ކުރީގެ ރައީސް އިބްރާހީމް ނާސިރާއި މިހާރުގެ ރައީސް އަލްއުސްތާޛް މައުމޫން އަބުދުލް ގައްޔޫމަށް, ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިނުލެއްވޭގޮތަށް ގާނޫނު އަސާސީގެ ޑްރާފްޓުކުރާ ކޮމެޓީން ފާސްކޮށްފި އެވެ
އެ ދެބޭފުޅުންނަށް ރައީސް ކަމަށް ކުރިމަތިނުލެއްވޭގޮތަށް ޑްރާފްޓުކުރާ ކޮމެޓީން ފާސްކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ މަގާމު ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް އަލުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިނުލެއްވޭ ގޮތަށް ގާނޫނު އަސާސީގެ ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ބާބުގެ (ހ) ގައި ހިމަނާފައި އޮތުމުން ނެވެ
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް މިހާރުގެ ރައީސް އާއި ކުރީގެ ރައީސް އަށް ކުރިމަތިނުލެއްވޭގޮތަށް އެ ކޮމެޓީން ފާސްކުރީ އިސްލާހުކުރަމުންގެންދާ ގާނޫނު އަސާސީ އެކުލަވާލުމުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ ފުރަތަމަ ހަތަރު މާއްދާ އިއްޔެ ފާސްކުރުމުގެ ތެރޭގައި ކަމަށް ކޮމެޓީގެ މެމްބަރަކު ވިދާޅުވި އެވެ
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ގޮތުން, އެކުލަވާލަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާގެ ބާބުން އިއްޔެ ފާސްކުރި ދެ ވަނަ މާއްދާގެ ހ.ގައި ބުނެފައި ވަނީ ”ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް ވެސް ދެ ދައުރަށް ވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމެއް ނުފުރޭނެ“ ކަމުގަ އެވެ. އަދި އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ ”ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް އަލުން އެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ
މި މާއްދާގައި މިވާ ގޮތަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށްފި ނަމަ, ނާސިރަށާއި މައުމޫނަށް ރައީސްކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ގެއްލިގެންދާނެ އެވެ. ނަމަވެސް މައުމޫނު ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ އިންތިހާބަކުން ރައީސް ކަމަށް ހޮވިގެން އެއް ދައުރުގައި ވެރިކަން ކުރައްވަން ބޭނުންވާކަމަށް ވެސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ
ޑްރާފްޓުކުރާ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހާ ބެހޭ ބާބު ވެސް ފާސްކޮށް ނިންމާފަ އެވެ
N.VELIDHOO COMMUNITY
velidhoocommunity@gmail.com
No comments:
Post a Comment