އެމްޑީޕީގެ ގިނަ އިސްވެރިންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއް ކަމުގައި އުމަރު ނަސީރު ވިދާޅުވެއްޖެ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ލީޑަރޝިޕް (އިސްވެރިން) ގެ ތެރެއިން ގިނަ ބޭފުޅުންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއް ކަމުގައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ
ދި އެފްއެމްއިން ގެނެސްދޭ ވަން ޓު ވަން ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ހުކުރު ދުވަހުގެރޭ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ޑީއާރުޕީއަކަށް ވެސް އަދި އެމްޑީޕީއަކަށް ވެސް ނުހުއްޓުވޭނެ ކަމަށާއި ހުއްޓުވޭނީ އައިޑީޕީއަށް ކަމަށެވެ
އުމަރު ވިދާޅުވީ ޑީއާރުޕީއަށް ނުހުއްޓުވޭނީ މިހާހިސާބަށް އެމައްސަލަ އައީ އެޕާޓީގެ ޒައީމް ރައީސް މައުމޫން ފިޔަވަޅު ނޭޅުއްވުމުން ކަމަށާއި އެމްޑީޕީއަށް ނުހުއްޓުވޭނީ އެޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންކަމަށް ވާތީ ކަމަށެވެ
"ދެން އޮތީ އެމްޑީޕީއަށް ހުއްޓާލެވިދާނެތޯ އަޅުގަނޑު ދަންނަވާނީ ހުއްޓައެއް ނުލެވޭނެޔޭ. ސަބަބަކީ އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންނަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެޝިޝް އޮއިލް ބޭނުން ކުރައްވާ ބޭފުޅުން." އުމަރު ވިދާޅުވި އެވެ
މީގެ އިތުރުން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ބައެއް ކަމުގައި އައިޑީޕީގެ ރައީސް ވިދާޅުވި އެވެ
"އެޕާޓީގެ ގިނަ އެކްޓިވިސްޓުންނަކީ ވެސް އަމަލުވާ އެއްޗެހި ބޭނުންކުރާ މީހުން." އުމަރު ދި އެފްއެމްއަށް ދެއްވި އިންޓަރވިއުގައި ވިދާޅުވިއެވެ
އުމަރުގެ ވާހަކަފުޅާ ގުޅިގެން, ސިޔާސީ ޕާޓީއެއްގެ އިސްތަށިފުޅުގައި ތިޔައަޅުވާ އިލްޒާމް ސާބިތުކޮށްދެވޭނެތޯ ދިއެފްއެމްގެ ޕްރެޒެންޓަރ އިބްރާހީމް ޚަލީލް ދެންނެވުމުން އުމަރު ވިދާޅުވީ ސާބިތު ކޮށްދޭކަށް ނުޖެހޭނެ ކަމަށެވެ
"އަޅުގަނޑު ސާބިތުކުރާކަށް ނުޖެހޭ. ސާބިތުކުރާކަށް ނުޖެހޭ ސަބަބަކީ, ސާބިތު ހިފޭ ވާހަކައެއް ނޫން އެންމެން ދައްކަނީކީ. އަޅުގަނޑު ސާބިތު ކުރާކަށް ނުޖެހޭ އަޅުގަނޑު ވަކިބޭފުޅެއްގެ ނަމެއްވެސް ނޫން މިދަންނަވަނީކީ. އަޅުގަނޑު މިދަންނަވަނީ އެޕާޓީގެ ލީޑަރޝިޕޭ. ވަކި ބޭފުޅަކަށް ނޫން މިނިސްބަތް ކުރަނީކީ. ވަކި ޖެނެރަލްކޮށް މިދަންނަވަނީ. އެހެންވީމާ އެޕާޓީއަކީ އަމަލުވާ އެއްޗިއްސާ އެހާ ގާތް ޕާޓީއެކޭ. ދެން އޮތީ ޑީއާރުޕީއޭ. އެޕާޓީއަކީ އަމަލުވާ އެއްޗެހި މިހާހިސާބަށް ގެނައި ޕާޓީއޭ" އުމަރު ވިދާޅުވި އެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ އިސްތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެކަމުގައި ދެ ޕިއޮންޓެއް ފާހަގަ ކުރައްވާ ކަމަށެވެ
” އެއްޕޮއިންޓަކީ. އެމްޑީޕީގެ ލީޑަރޝިޕަކީ ދިވެހިރައްޔިތުންގެ އެތައް ހާސް ބަޔަކު އިންތިޚާބު ކޮށްފައި ތިބޭ ބައެއް. އެބަސް އެގޮތަށް ވިދާޅުވުމުން ދިވެހި އެތައް ރައްޔިތުންނަކާ ދިމާލަށް ރައްދުކުރެވޭ އެއްޗެއް އެވިދާޅުވެވެނީ“ މާރިޔާ ވިދާޅުވި އެވެ
އަނެއް ޕޮއިންޓެއްގެ ގޮތުގައި މާރިޔާ ވިދާޅުވީ, އުމަރު އެއިންޓަރވިއުގައި ޤާނޫން ތަންފީޒް ކުރައްވާނެ ކަމަށް ވިދާޅުވާއިރު, ޤާނޫނާ ޚިލާފް ވާހަކައެއް ވިދާޅުވުމުން އޭނާ ޤާނޫނު ތަންފީޒް ކުރައްވާނެ ކަމަށް ވިދާޅުވާ މިންގަނޑާމެދު ސުވާލު އުފެދޭ ކަމަށެވެ
" ޤާނޫނު އަސާސީގައި ބުނޭ ސާބިތު ނުހިފޭ ވާހަކަތައް ދެއްކުމަކީ ޤާނޫނީގޮތުން ކުށެކޭ. ދި އެފްއެމްގެ ޕްރެޒެންޓަރ އެކަން ސާބިތު ކުރެއްވިދާނެތޯ ދެންނެވުމުން އުމަރު ވިދާޅުވޭ ނުކުރެވޭނެޔޭ. އެހެންވީމާ ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީ ކުށެއް. އެހެންވީމާ އުމަރު އެވިދާޅުވާ ޤާނޫން ތަންފީޒް ކުރާނެކަމަށް އެވިދާޅުވާ ވިދާޅުވުމަކީ ކޮބައިކަމެއް ނޭނގޭ " މާރިޔާ ވިދާޅުވިއެވެ
VELIDHOO COMMUNITY
velidhoocommunity@gmail.com
No comments:
Post a Comment