ތޫނުހަތިޔާރުގެ ގޮތުގައި ބޭނުންކުރެވޭ ގިނަ އަދަދެއްގެ ތަކަތި ގއ. ވިލިނގިލިން ފުލުހުން ހޯދައިފި
ު
މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ ވަޅި އާއި ފިޔޮއްސާއި ކަނޑިއާއި ހަންޖަރާއި ކޮޅުތޫނުކޮށްފައިވާ ގިނަ އަދަދެއްގެ ދަގަނޑުބުރިތަކެއް ގއ. ވިލިނގިލިން ފުލުހުން ހޯދައިފިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ
ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ އެ ތަކެތި ފުލުހުން ހޯދާފައިވަނީ އެ ރަށުގައި މީގެ ދެ ރެއެއްގެ ކުރިން މާރާމާރީ ހިންގުމަށް ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ލިބިގެން އެކަން ކުރަން އުޅޭ ކަމަށް ޝައްކު ކުރެވޭ މީހުން ހައްޔަރުކުރުމަށް ހިންގި ޚާއްސަ އޮޕަރޭޝަނުގަ އެވެ
"ތޫނު ހަތިޔާރު ބޭނުންކޮށްގެން އާންމުންނާއި ފުލުހުންނަށް ބިރު ދައްކާ މާރާމާރީ ހިންގަމުންދިޔަ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި," ފުލުހުންގެ މައި މަރުކަޒުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވެ އެވެ
ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޚާއްސަ ޓީމެއް އެރަށަށް ފޮނުވައިގެން ކަމަށާއި ހައްޔަރުކުރި މީހުންގެ ތެރޭގައި ތަފާތު މައްސަލަތަކުގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ މީހުން ހިމެނޭ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރޭގައި ހިމެނޭ އެންމެ އިސްކޮށް ހުރި މީހާއަކީ ހުކުމް ތައްފީޒުކުރަމުން ދަނިކޮށް އައިލާއާ ބައްދަލުކުރުމަށް ރަށަށް ފޮނުވާފައި ހުރި އެ ރަށު ކަނޑުއޮޅިގެ ޝިމާޒު ޝިހާބު ކަމަށް ވެ އެވެ
ރަށު އޮފީހުން ބުނީ އާއިލާއާ ބައްދަލުކުރުމަށް ދީފައިވާ މުއްދަތު މިދިޔަ މަހުގެ 17 ވަނަ ދުވަހު ހަމަވެފައިވާތީ އަތޮޅު އޮފީހުގެ އެންގުމަށް ޝިހާބު އޮފީހަށް ހާޒިރުކޮށް ބަންދުގައި ހުރުމަށް އެންގިކަމަށް ބަޔާނުގައި ސޮއިކުރަން އެދުމުން އެކަމަށް އިންކާރުކޮށް, އޭނާ އަކީ އެއްކޮށް ދޫކޮށްލާފައިވާ މީހެއްކަމަށް ބުނެ އޮފީހުން ނުކުމެގެންދިޔައީ ކަމަށެވެ
ޝިހާބަކީ ވިލިނގިލީގައި މީހެއްގެ ކަރުގައި ވަޅި އަޅައި ޒަހަމްކޮށްލި މައްސަލާގައި ވެސް ހިމެނޭ މީހެކެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހުކުމް ތައްފީޒުކުރުމަށް ބަންދުކޮށްފައިވަނިކޮށް ފިލައިގެން އުޅޭ މީހަކު ވެސް ހިމެނެ އެވެ
ރަށު އޮފީހުންބުނީ ކުރީ ރޭ ފުލުހުންގެ ހާއްސަ ޓީމު އައިސް ނުވަ މީހަކު ހައްޔަރުކުރުމުގެ ކުރިން ރަށުގެތެރޭގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށާއި ރަށު ތެރެ ދިއްލުމަށް ޖަހާފައިވާ ހޮޅިބުރިތައް ހަލާކުކޮށް ގޭގެއިން ވައްކަންކުރުން ފަދަ އަމަލުތައް ހިންގާފައިވާ ކަމަށެވެ
"މައްސަލަ ޖެހުނީ ދެ ގްރޫޕެއްގެ މެދުގައި ކަމަށްވަނީ. އެއީ ޑްރަގު މައްސަލާގައި. ޝިހާބު ގްރޫޕުން އެހެން ގްރޫޕެއްގެ އަތުން މަސްތުވާތަކެތި ގަންނަން އުޅެ ނުވިއްކާތީ މައްސަލަ ޖެހުނޭ ކިޔަނީ. ޝިހާބު ގްރޫޕަށް ނުވިއްކަނީ ފައިސާ ނުދޭތީއޭ ކިޔާ. ނުވިއްކައިގެން ފޭރިގަންނަން އުޅެން ހެދުމުން މައްސަލަ ގޯސްވީ," ނޫހުގައި ނަން ނުޖެހުމަށް އެދި ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުންޏެވެ
އޭނާ ބުނީ ފުލުހުންގެ ހާއްސަ ޓީމުން އެ މީހުން ހައްޔަރުކުރުމާ އެކު ރަށު ތެރޭގައި ކުރިން އޮތް ބިރުވެރިކަން ކުޑަވެގެން ގޮސްފައިވާ ކަމަށެވެ
ޝިހާބުގެ ކޮއްކޮ މުހައްމަދު ޝިހާބަށް އެ އަތޮޅު މާމެންދޫން ބަޔަކު ދިން ހަމަލައެއްގައި މަރުވި ފަހުން ޝިހާބު މިހާތަނަށް ހުރީ ޖަލުގައި ކަމަށްވެ އެވެ. އޭނާގެ ކޮއްކޮ މަރުވި ދުވަސްވަރު އަތޮޅަށް ދިއުމަށް ޝިހާބު ވަރަށް މަސައްކަތްކުރި ކަމަށް ވެ އެވެ
No comments:
Post a Comment