ރިޔާޒުގެ ނިންމުމުގައި އެންމެން ޒިންމާވާން ޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ: އަމީޒު
ދިރާގު ދިވެހިލީގުގެ އެންމެ ފަހު މެޗުގައި ވިކްޓަރީއަށް ދިން ޕެނަލްޓީ ރެފްރީ ރިޔާޒު ރަޝީދު ކެންސަލްކުރުމުގައި އޭނާއަށް އެހެން އޮފިޝަލުންގެ އެހީތެރިކަން ނުލިބުނުކަމަށް ނިންމާ ޖޫރިމަނާ ކުރުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިހާތަނަށް ކަންކޮށްފައިވާ އުސޫލެއް ނޫން ކަމަށް ފީފާގެ އެސިސްޓެންޓް ރެފްރީ އަހްމަދު އަމީޒު ބުނެފި އެވެ
މިމަހުގެ 10 ވަނަ ދުވަހުގެރޭ ނިއުއާއި ދެކޮޅަށް ކުޅުނު މެޗުގައި ވިކްޓަރީއަށް ލިބުނު ޕެނަލްޓީ ލޫސިއާނޯ ވައްދާލުމުން ރެފްރީ ރިޔާޒު ނިންމީ ޕެނަލްޓ ޖެހުމުގެ ތެރޭގައި ވިކްޓަރީގެ އާދަމް ލަރީފު(ރޮނާލްޑޯ) އޭރިޔާ ތެރެއަށް ވަން ކަމަށާއި އެހެންކަމުން ޕެނަލްޓީ ކެންސަލްކޮށްލުމަށްފަހު ނިއުއަށް ހިލޭ ޖެހުމެއް ދިނުމަށެވެ. ނަމަވެސް މިއީ ޤަވާއިދުގެ 14 ވަނަ މާއްދާ އާއި ޚިލާފަށް ރިޔާޒު ނިންމި ނިންމުމެއް ކަމަށްވާތީ ރެފްރީޒް ކޮމެޓީން ވަނީ އޭނާ 1500 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެސިސްޓެންޓް ރެފްރީން 1000 ރުފިޔާއިން އަދި ބަދަލު ރެފްރީ 500 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެހެން އޮފިޝަލުން ސަސްޕެންޑްކުރީ ރެފްރީ ޤަވާއިދާ ޚިލާފަށް ނިންމިއިރު އެކަން ރަނގަޅު ކުރަން މަސައްކަތްކޮށްފައިނުވާ ކަމަށް ބުނެއެވެ
މިކަމާ ގުޅޭ ގޮތުން ރިޔާޒު ބުނެފައިވަނީ އޭނާގެ އެހީތެރިންނަށް ކަމެއް ގޯސްކޮށް ދަންޏާ ރަނގަޅު ކުރުމުގެ ޒިންމާ ހަވާލުކޮށްފައި އޮންނާނެ ކަމަށާއި ނަމަވެސް އެރޭ އެހެން އޮފިޝަލުންނަށްވެސް ޤަވާއިދުގައި އެކަން އޮންނަ ގޮތް ނޭނގުނީ ކަމަށެވެ. ”އެމީހުންނަށްވެސް ވިސްނިފައި އޮތީ އަހަރެންނަށްވެސް ވިސްނިފައި އޮތް ގޮތަށް“ ރިޔާޒު ކުޅިފަސް ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ
ނަމަވެސް އަމީޒު ބުނީ އޭނާއަށް އެކަން އޮންނަ ގޮތް ރަނގަޅަށް އެނގޭ ކަމަށާއި އެކަމުގެ ތެރެއަށް އޭނާ ވަންނަން ނުޖެހޭނެ ކަމަށެވެ. ”ހަގީގަތުގައި ރެފްރީ ނިންމާ ނިންމުމެއްގެ ޒިންމާ އެންމެން ނަގާކަށް ނުޖެހޭނެ. އެއީ އަބަދުވެސް ކޮންމެވެސް ހިސާބެއްގައި ރެފްރީއާއި ކައިރި ލައިންސްމަނެއް ނުވަތަ ބަދަލު ރެފްރީ ހުންނާނެ. ރެފްރީގެ އިތުރުން އެކަމަކާ ސީދާ ހުޅުންހުރި މީހާ މި ޒިންމާވާން ޖެހެނީ. ދުނިޔޭގެ އެހެން ތަންތަނުގައިވެސް ނިންމުންތައް ނިންމާފައިހުރީ އެހެން“ ރާއްޖޭން ބޭރުގެ ގިނަ މުބާރާތްތަކެއްގައި ރޮނގު ބަލަހައްޓާފައިވާ އަމީޒު ބުންޏެވެ. ޕެނަލްޓީ ޖެހިއިރު އެފަރާތުން ރޮނގު ބަލަހައްޓަން ހުރީ އިބްރާހީމް ތައުފީޤު(ޑޯނާ) އެވެ
އަމީޒު ބުނީ އެއީ އޭނާ ކުރަން ނުޖެހޭ ކަމެއް ނަމަވެސް އެކަށީގެންވާ ވަގުތު ލިބުނު ނަމަ އެކަމަށް މަސައްކަތް ކުރެވުނީސް ކަމަށެވެ. ”ހަމަ ރަނގަޅަށް އަހަރެން ނުދެކެން ޕެނަލްޓީ ޖެހިއިރު މީހަކު އޭރިޔާ ތެރެއަށް ވަން ކަމެއްވެސް. ދެން އަނެއްކޮޅުން ވަރަށް އަވަހަށް ކުޅުންވެސް ފަށައިފި. އެހެންވެ އަހަރެންނަކަށްވެސް ނެތް ފުރުސަތެއް ކިހިނެތް ނިންމި ނިންމުމެއްތޯ ރެފްރީގެ ކައިރީގައި ސުވާލުކޮށްލާކަށްވެސް“ އަމީޒު ބުންޏެވެ
މީގެ ދެއަހަރުކުރިން ވޯލްޑްކަޕް ކޮލިފައިންގައި އުޒުބަކިސްތާނާއި ބަހުރޭން ބައްދަލުކުރި މެޗެއްގައި ޖަޕާންގެ ރެފްރީ ޔޮސީދާ ރެފްރީ ރިޔާޒު ނިންމިފަދަ ނިންމުމެއް ނިންމައިގެން މުޅި އުމުރަށް ފީފާއިން ވަނީ ސަސްޕެންޑްކޮށްފައެވެ. ޔޮސީދާއާއެކު ޕެނަލްޓީ ޖެހިފަރާތުގައި ރޮނގު ބަލަހައްޓަން ހުރި އެސިސްޓެންޓް ރެފްރީވެސް ވަނީ މުޅި އުމުރަށް ސަސްޕެންޑްކޮށްފައެވެ. އެއީ ރެފްރީގެ ނިންމުން ރަނގަޅު ނުކޮށްދިނުމުގެ ސަބަބުންނެވެ. ޔޮސީދާއަކީ އަމީޒާއެކު ބައިނަލް އަގްވާމީ މެޗުތަކުގައި ވަރަށް ގިނައިން ރެފްރީކަން ކޮށްފައިވާ މީހެކެވެ
މީގެ އިތުރުން ނިމިގެން ދިޔަ އޭޝިއަންކަޕްގެ މެޗެއްގައި އެސިސްޓެންޓް ރެފްރީގެ ގައިގައި ބޯޅައިން ޖެހި ކުޅުންތެރިޔާއަށް ރީނދޫކާޑެއް ދެއްކުމުގެ ސަބަބުން އިރާންގެ ރެފްރީ އާއި އެސިސްޓެންޓް ރެފްރީ ވަނީ 6 މަހަށް ސަސްޕެންޑްކޮށްފައެވެ. އެސިސްޓެންޓް ރެފްރީ ސަސްޕެންޑް ކުރީ ރެފްރީ ކައިރީގައި އެއީ ރަތްކާޑު ދައްކަން ޖެހޭނެ ފައުލެއް ކަމަށް ނުބުނުމުންނެވެ. އެފަހަރުވެސް ބަދަލު ރެފްރީއާއި އަނެއް ފަރާތުގައި ހުރި އެސިސްޓެންޓް ރެފްރީ އާއި ދެކޮޅަށް ފިޔަވަޅެއް ނާޅައެވެ
ނަމަވެސް އަމީޒު ބުނީ ރެފްރީޒް ކޮމިޓީގެ ނިންމުމަށް އޭނާ އިހްތިރާމް ކުރާ ކަމަށެވެ
No comments:
Post a Comment