Monday, September 17, 2007

NEWS & PRESS RELEASES

ޚަބަރުތަކާއި ނޫސްބަޔާނ

ކުށްވެރިންގެ ހައްޤުގެ ސަބަަބުން ރައްޔިތުންގެ ޙައްޤު ގެއްލެނީ

އަމްޖަދު ޙުސައިން

Amjadh ދިވެހިރާއްޖެ އަކީ އަމަން އަމާން ޤައުމެކެވެ. ނަމަވެސް އެއީ އެއްޒަމާނެއްގައޭ މިހާރު ބުނަންޖެހެއެވެ. މިހާރު ދިވެހިންނަށް މިވަނީ ޚިމާޔަތްތެރިކަން ގެއްލިފައެވެ. ނިދަނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. މާދަމާ އަލިވިލޭއިރު ތިމާ ގެންގުޅޭ ސާމާނު ހަމައަށް ހުންނާނެތޯ މިއީ ހިތުގައި އުފެދޭ ބޮޑު ސުވާލެކެވެ. މިކަން ހަމައަކަށް އެޅުވުމަށް ދިވެހި ސަރުކާރުން ކުރި ކަމަކީ ކޮބައިތޯއެވެ. ކުރިކަމެއްކަމަށް ފެންނަން އޮތީ ނިޒާމީ ވޯޓު ކައިރިވި ދުވަސްވަރު ޖަލަށް ޙުކުމް ކޮށްފައިތިބި ކުށްވެރިން ގޭބަންދަށް ދޫކޮށްލެއްވުމެވެ. ބައެއް މީހުން މާލެތެރެއަށް ދޫކޮށްލާފައިވެސް ތިބި ކަމަށްވެއެވެ

މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ޖަލަށް ޙުކުމް ކޮށްފައިތިބި އެތައްބަޔަކު ވަނީ ރާއްޖޭގެ ރަށްރަށަށް ފޮނުވާލާފައެވެ. މަސްތުވާތަކެތި ވިއްކުމުގެ ސަބަބުން 25 އަހަރަށް ޖަލަށް ޙުކުމް ކޮށްފައި ތިބި އެތައްބަޔަކު ވަނީ ޢާއްމުންގެ ތެރެއަށް ދޫކޮށްލާފައެވެ. 25 އަހަރަށް ޖަލަށް ޙުކުމްކޮށްފައި ހުރި މީހަކާ ދިމާވެގެން ތިއައިސް އުޅެނީ ކިހިނެއްތޯ؟ ސުވާލުކޮށްލުމުން ބުނީ '' މިއުޅެނީ އާއިލާގާތަށް 16 ދުވަހަށް އައިހޭ'' އާއިލާއާއި ބައްދަލުކޮށްލަން 16 ދުވަހަށް އަންނަމީހާ 16 ދުވަސް ވަނީ ކިތައް 16 ދުވަހުން ކަމެއްނޭންގެއެވެ. އާއިލާ ބައްދަލުކުރަން ފޮނުވާ މީހާ އުޅޭނޫޅޭ ގޮތެއް ސަރުކާރަކުން ނުބަލައެވެ. މަސްތުވާތަކެތި ބޭނުން ކުރަން ނޫނީ ވިއްކަން އުޅުނަސް ފެންނަކަމަށްވެސް ނަހަދައެވެ

ރާއްޖޭގެ އެހެންރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުންތަކަށްޓަކައި ދަނީ މިމާލެއަށް އަންނަމުންނެވެ. ރަށްރަށުގެ ދޯނިތަކުން ވައްކަންކުރުން މިހާރު މިވަނީ އާއްމުވެފައެވެ. އެތައްއެތައް ފަޅުއޮނޑި ފަހަރެއްގައިހުރި ދިވެހި ރައްޔިތުންގެ އެތައްފޮއްޓެއް މިހާރު ދަނީ ކޮންމެ ރެޔަކު ކަހަލަގޮތަކަށް ވަގުން އަރާ ފަޅަމުންނެވެ. ވަގުކަލޭގެ ދާއިރުދަނީ އެތައްހާސް ރުފިޔާއެއްވެސް ހިފައިގެންނެވެ. އުތުރުގެ އަތޮޅެއްގެ ބޯޓެއްްގެ ވެރިޔަކު ކަރު އެލުވާލައިގެންހުރެ ބުނީ އޭނާ ގެންގުޅުނު -/100000 ރ އަށް ވުރެގިނަފައިސާ ވަގަށް ގެންގޮސްފިކަމަށެވެ. ދެކުނުގެ ވިޔަފާރި ވެރިޔަކު ހާމަކުރިގޮތުގައި ބޯޓުގައި ނިދަން އޮއްވާ އޭނާގެ ވޮލެޓް -/10000 ރ އާއިއެކު ގެއްލިއްޖެ ކަމަށެވެ. އަދި ފޮށިވެސް ވަނީ ގެއްލިފައެވެ

މިއީ ހިތާމަކުރި ކަމެކެވެ. މިއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ދިވެހިރައްޔިތުންނަށް ސަލާމަތްތެރި ކަމާއެކު ނިދާ މަގުމަތީގައި ސަލާމަތްތެރި ކަމާއެކު ހިނގާ ބިނގާވެ އުޅެވެން ޖެހޭނެއެވެ. ކުށްވެރިންނަށް ޙައްޤު އަދަބު ދީ ޢާންމު ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ ވާޖިބެކެވެ. ޢާއްމުރައްޔިތުންގެ ޙައްޤު ހޯދައިނުދެވޭ ސަރުކާރަކުން ރައްޔިތުންނަށްޓަކައި އިތުރު ކަމެއްކޮށްދޭނެ ވާހަކަ ދެއްކުމަކީ ދެކޮޅުނުޖެހޭ ފުލެއް ބިތެއްނެތް ވާހަކައެކެވެ

ކުށްވެރިންނަށްވެސް ޙައްޤުތަކެއް ވާނެއެވެ. އެމީހުންނަށް އެމީހުންގެ ޙައްޤުތައް ދޭންވެސް ޖެހޭނެއެވެ. މިކަމާ އަޅުގަނޑުވެސް އެއްބަހެވެ. ނަމަވެސް ކުށްވެރިންގެ ހައްޤު އަންނަންވާނީ ރައްޔިތުންގެ ހައްޤުތަކުގެ ފަހަތަށެވެ. ކުށްވެރިންގެ ހައްޤު ޢާންމު ރައްޔިތުންގެ ހައްޤުތަކުގެ ކުރިއަށް އަންނަކަމުގައި ވާނަމަ ކުށްނުކުރާ އާއްމުރައްޔިތުންގެ އެއްވެސް މިނިވަންކަމެއް ނޯންނާނެއެވެ. އަބަދުވެސް ތިބެންޖެހޭނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ދިވެހި ރާއްޖޭގައި މިވަނީ ކިހިނެއްތޯ ތިޔަބޭފުޅުން ވިސްނާލައްވާށެވެ

VELIDHOO COMMUNITY

velidhoocommunity@gmail.com

No comments: