ތަހުގީގު ނުނިމެނީސް ވަކިބަޔަކަށް ރައީސް އިނގިލި ދިއްކުރެއްވުމަކީ ގައުމު ބައިބައިވުން އިތުރުވާނެ ކަމެއް : މާލޭ މެމްބަރު އިބުރާ

ފަތުރުވެރިންނަށް އަމާޒުކޮށްގެން ހޮނިހިރު ދުވަހު ސަލްޓަންޕާކުގައި ދިން ޓެރެރިސްޓް ހަމަލާގެ ތަހުގީގް ނުނިމެނީސް ރައީސް މައުމޫނު ވަކިބަޔަކަށް ނިސްބަތްވާފަދަ ގޮތަކަށް އިނގިލި ދިއްކުރުމަކީ ޤައުމު އިތުރަށް ބައިބައިވެގެން ދާނެ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރ އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެ އެވެ
ބޮންގޮއްވި ހާދިސާއާ ގުޅިގެން ދ އަތޮޅު މެންބަރ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު), މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައާ ބެހޭގޮތުން ވާހަކަދައްކަވަމުން އިބުރާ ވިދާޅުވީ ޤައުމު އެއްބައިވާންވީ ވަގުތެއްގައި ރައީސް މައުމޫން ބެއްލެވީ ވަކިބަޔަކަށް އިނގިލި ދިއްކުރުމަށް ކަމަށާއި ތަހުގީގީ މަރުހަލާ ނުނިމެނީސް އެފަދަ ގޮތަކަށް އިނގިލި ދިއްކުރެއްވުން އެއީ ޤައުމު ބައިބައިވުން އިތުރަށް ބޮޑުވެގެން ދާނެ ކަމެއް ކަމަށެވެ
އިބުރާ ވިދާޅުވީ ވަކިބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި މިވަގުތު ބަލަން ޖެހޭނީ ކަންކުރި ބަޔަކު ހޯދާ ހަޤީގަތް ދެނެގަތުމާއި އެކަން އެބަޔަކު ކުރި ބޭނުމެއް ދެނެގަތުމަށް ކަމަށެވެ
އިބުރާ ވިދާޅުވީ އެންމެ މުހިއްމު އެއްކަމަކީ ރައްޔިތުންގެ ސަލާމަތް ކަމާއި މިހާރު ބޭރަށް ނިކުމެ އުޅުމުގެ ސަލާމަތް ކަމައި ގެދޮރުގައި އަމިއްލަ ގެދޮރުގައި މުދާ ރައްކާކޮށްގެން ތިބުމުގެ ރައްކާތެރިކަމެއް ނޯންނަ ކަމަށެވެ. އިބުރާ ވިދާޅުވީ އިބުރާގެ ގެކައިރީ 6 ފަހަރަށް އެއްޗެއް ގޮއްވާލައިފި ކަމަށާއި އަންގައިގެން ވީކަމެއް ނެތް ކަމަށެވެ
ވަޑައިގެން ތިއްބެވި 38 މެންބަރުންގެ ތެރެއިން އެމައްސަލައަށް ބަހުސްކުރެއްވުމަށް 36 މެންބަރަކަށް ފެނިވަޑައިގެން މިމައްސަލައަށް އިބުރާގެ އިތުރުން ވާހަކަދެއްކެވި ބައެއް މެންބަރުން ދެއްކެވި ވާހަކައިގެ ތެރޭގައި މައްސަލަ ހުށަހެޅުއްވި ދ އަތޮޅު މެންބަރ ނާޝިދު ވިދާޅުވީ އެހާދިސާގައި އެންމެބޮޑަށް ގެއްލުންވި އިނގިރޭސިވިލާތުގެ ދެފަތުރުވެރިންނާ ބައްދަލުކުރައްވާ ވާހަކަދެއްކެވިން ކަމަށާއި އެމީހުން ބުނާގޮތުގައި އެއީ ވަކި ބޭނުމެއްގައި ބަޔަކު ކުރިކަމެއް ކަމަށާއި ފަތުރުވެރިން އަޔަނުދޭން ކުރިކަމަކަށް ވީނަމަވެސް އެމީހުން އަދިވެސް އަންނާނެ ކަމަށް ބުނި ކަމުގައި ނާޝިދު ވިދާޅުވިއެވެ
ނާޝިދު ވިދާޅުވީ މާލޭ ބަނދަރު ސަރަހައްދުގައި ގޭސްފުޅި ލޯޑްކޮށް އަންލޯޑްކޮށް ހެދުމަކީވެސް މިފަދަ ހަދިސާތައް ހިނގާފާނެ ކަމެއް ކަމަށާއި އެކަން ކުރުން އެހެން ތާކަށް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ
އައްޑުއަތޮޅު މެންބަރ އިބްރާހީމް ޝަރީފް ވިދާޅުވީ މިއީ ސިޔާސީ ކަންތައްގަނޑެއް ކަމަށާއި ކުރިންވެސް މިފަދަ ކަންތައްތައް ކޮށްފައި އެބަހުރި ކަމަށެވެ. އަދި މިއީ ވަކި އަމާޒަކަށް ވާސިލް ވުމަށް ބަޔަކު މީހުން ކުރާ ކަމެއް ކަމަށެވެ
ޝަރީފް ވިދާޅުވީ ދެބަސްވުންތައް ދޫކޮށްލައި ޕާޓީތައް އެއްބައިވެ ވާހަކަދައްކައިގެން ކަންކަން ހައްލު ކުރަންވީ ކަމަށެވެ
މ އަތޮޅު މެންބަރ އަހުމަދު ނާޒިމް ވިދާޅުވީ މިހާރު ކުށް ކުރާ މީހުން ކުށް ކުރަނީ ކިތަންމެ ބޮޑު ކުށެއް ކުރިޔަސް އަދަބު ނުލިބޭނެކަން އެނގޭތީ ކުށްކުރާ ހިތުން ކަމަށެވެ
މިބަހުސްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަބްދުﷲ ކަމާލުއްދިން ވިދާޅުވީ ތަހުގީގީ މަރުހަލާ ނުނިމެނީސް ވަކިބަޔަކަށް އަދި އިނގިލި ދިއްކޮށްގެން ނުވާނެ ކަމަށެވެ
ތ އަތޮޅު މެންބަރ ހަސަން އަފީފް ވިދާޅުވީ މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުރި ކަމަށާއި މައްސަލައަކީ ކަންކުރި މީހުން ބައިތިއްބާފައި އެހެން މީހުން ގެންގޮސް އަދަބު ދޭތީ ކަމަށެވެ
އަފީފް ވިދާޅުވީ ފަތުރުވެރިން އަޔަ ނުދޭން މަސައްކަތް ކުރާ ބަޔަކު އެބަތިބި ކަމަށާއި އެމީހުން ހައްޔަރުކޮށް އެމީހުންގެ ބޭނުމަކީ ކޮބައިތޯ ބަލަންވީ ކަމަށެވެ
އަފީފްވެސް ވިދާޅުވީ ތަހުގީގަކާ ނުލާ ރައީސް މައުމޫން ވަނީ ވަކިބައެއްގެ ބޮލުގައި އެއިލްޒާމް އަޅުވާފައި ކަމަށާއި ބޭރުގެ އެކްސްޕާޓުން ގެނެސްގެން ތަހުގީގް ކުރަންވީ ކަމަށެވެ
ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް އެކަން ކުށްވެރި ކުރައްވާ ވާހަކަދައްކަވާފައިވެ އެވެ. ރ އަތޮޅު މެންބަރ އިބްރާހީމް ޝަހީދު ޒަކީ ވިދާޅުވީ ކޮންމެ ބަޔަކު ކުރިކަމުގައިވިއަސް މިއީ ވަރަށް ހަޑިމުޑުދާރު ގޮތްކުޑަ ޢަމަލެއް ކަމަށެވެ. ފަތުރުވެރިންނަށް އަމާޒުކޮށްގެން އިޤްތިސާދު ފުނޑުފުނޑުކޮށްލާ ދިވެހިންގެ ދިރިއުޅުން ބަރުބާދުކޮށްލަންދިން ލައިންސާނީ ޢަމަލެއް ކަމުގައެވެ
އެމީހުންނާ މެދު ޤާނޫނީގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެކަމަށް ވިދާޅުވަމުން ޝަހީދު ޒަކީ ވިދާޅުވީ މީގެ 20 އަހަރުކުރިންވެސް މިފަދަ ޓެރަރިސްޓް ހަމަލާ ދިން މީހުން އެފަދަ ކަމެއް ތަކުރާރު ކުރެވޭ ހާލަތުގައި މިހާރުވެސް ދޫކޮށްލާފައި އެބަތިބި ކަމަށާއި ރާއްޖެ މިވަނީ އަދްލު އިންސާފް ޤާބިލް ކުރުމުގެ ނާޤާބިލް ހާލަތެއްގައި ކަމަށެވެ. އަދި އެއީ ސަރުކާރުން ޖަވާބު ދާރީ ވާން ޖެހޭނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ
ޏ އަތޮޅު މެންބަރ މުހައްމަދު އިބްރާހީމް ދީދީ ވިދާޅުވީ މިއީ އިއްޔެއަކު މިއަދަކު ހިނގި ކަމެއް ނޫން ކަމަށާއި މިކަން ކުރިމަތިވީ ޤާނޫން ތަންފީޒް ކުރުން ދޯދިޔާ ވީމާ ކަމަށެވެ. ކުށްކުރާ މީހުން ދޫކޮށްލެވެނީ ކަމަށާއި މާލިއްޔަތުން ހޭދަކޮށްގެން ބަލަން ހަވާލުކޮށްފައި ތިބި މީހުންނަކަށް އެކަމެއް ނުކުރެވޭ ކަމަށެވެ. މޮޑީ ވިދާޅުވީ ސަރުކާރަށް މިކަން ހައްލު ނުކުރެވެންޏާ އަދި ފިޔަވަޅު އަޅަން ނުކެރެންޏާ އަމިއްލައަށް ވިސްނާ, އެންމެން ޝާމިލްވާ ހުރި މީހުންގެ އެއްބައިވަންތަ ސަރުކާރެއް ޤާއިމް ކުރުމަށް ގޮވާލާ ކަމަށެވެ
މިމައްސަލަ ނިންމާލީ ވާހަކަދައްކަން އިތުރު މެންބަރުންވެސް އެދިފައި ތިއްބާ އެކަމަށް ކަނޑައެޅުނު ވަގުތު ހަމަވެގެންނެވެ
VELIDHOO COMMUNITY
No comments:
Post a Comment