Tuesday, October 2, 2007

ސަލްޓަން ޕާކުގައި ދިން ޓެރަރިސްޓް ހަމަލައިގެ ތަހުގީގުގައި ބައެއް މީހުން އެއްބަސް ވެއްޖެ

އިއްޔެު

މިދިޔަ ހޮނިހިރު ދުވަހު ސަލްޓަންޕާކުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާ ތަހްގީގު ކުރުމަށްޓަކާ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ޓީމެއް ރައްޖާގައި ހަރަކާތްތެރިވާން ފަށައިފިކަމަށާއި ހައްޔަރުކޮށްފައިވާ ބައެއް މީހުން އެ ހަމަލަދިނުމުގައި ބައިވެރިވެފައިވާކަމަށް ތަހުގީގުގައި އެއްބަސްވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު ބުނެފި އެވެ

ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވީ މި މައްސަލަ ބެލުމުގައި ހަރަކާތްތެރިވަނީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ހަރަކާތްތެރިވާ އެފްބީއައި ގެ ދެ ތަޖްރިބާކާރުން ކަމަށެވެ

” އެމީހުން ރާއްޖެއައީ ރޭގައި. ދެންމެއަކު ވަނީ އަޅުގަނޑުމެންނާ އެކު މަސައްކަތް ފަށާފައި. އަޅުގަނޑުމެންނަށް ބޭނުންވާ އެހީތެރިކަން އެމީހުން ފޯރުކޮށްދޭނެ.“ މެންދުރު 03;2 މައިމަރުކަޒުގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވި އެވެ

ރިޔާޒު ވިދާޅުވީ މިމައްސަލައާ ގުޅިގެން 11 މީހަކު ހައްޔަރު ކުރެވިފައިވާކަމަށާއި އޭގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފައި ވަނީ ބޭރުގައުމަކަށް ފުރައިގެން ގޮސްފައި ވަނިކޮށް އެގައުމުގެ އެއަރޕޯޓުން ކަމަށެވެ. ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ހައްޔަރު ކުރި 4 މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރާއްޖެއިން ބޭރަށް ފުރަން އެއަރޕޯޓަށް ގޮސް ހުއްޓައެވެ

” ތަހްގީގަށް ބަންދު ކުރި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އެމީހުން މިކަމުގައި ބައިވެރިވިމިންވަރު ކިޔާދެން ފަށާފައި. “ ރިޔާޒު ވިދާޅުވި އެވެ

ޓެރެރިޒަމް ހަމަލާދިނުމަށް ބޭނުންކުރި މޮބައިލް ފޯނުގެ ސިމުންކޮށްފައިވާ މުއާމަލާތްތައް ހޯދައިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަބްދުﷲ ކަމާލުއްދީންވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ

މިދިޔަ ހޮނިހިރު ދުވަހު ދިން ޓެރެރިޒަމް ހަމަލައާ ގުޅިގެން ދ. އަތޮޅު މެންބަރު އަހްމަދު ނާޝިދު މިއަދު އޮތް މަޖލިސްގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތުގައި, ވާހަކަފުޅު ދައްކަވަމުން ކަމާލުއްދީން ވިދާޅުވީ ހަމަލަދިނުމަށް ބޭނުންކޮށްފައިވާ ފޯނުގެ ވެރިފަރާތާއި އެ ފޯނުން އެންމެ ފަހުން ގުޅާފައިވާ މީހުންނާއި އެ ފޯނަށް ލިބިފައިވާ ކޯލްތަކާ ބެހޭ މައުލޫމާތު މިހާރު ހޯދިފައިވާ ކަމަށެވެ

މަޖިލީހުގައި އިތުރަށް ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ, މޯބައިލް ފޯނަކާއި ދޮންނަ މެޝިނެއްގެ ޓައިމަރަކާއި ދެ ގޭސްފުޅި (ބިއުޓޭން ގޭސް / ލައިޓަރަށް އަޅަން ބޭނުންކުރާ ވައްތަރުގެ) ކަމަށެވެ

ބާރަ ފަތުރުވެރިންނަށް ތަފާތު އެކިވަރުގެ ޒަހަމްތައް ލިބުނު ހަމަލާގެ މައްސަލާގައި މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ދެ ބިދޭސީއަކާއި އުމުރުން 18 އަހަރުނުފުރޭ ކުދިން ހިމެނޭ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ

ޓެލެވިޜަން މޯލްޑިވްސް އިން ރޭ އިރާކޮޅު ގެނެސްދިން ކުއްލި ޚަބަރެއްގައި ބުނެފައިވަނީ ހައްޔަރުކުރެވުނު ދެ ބިދޭސީންނަކީ ބަންގްލަދޭޝްގެ ދެ މީހުން ކަމަށެވެ. ޓީވީގެ އޮފިޝަލަކު މިއަދު ވިދާޅުވީ, ޓީވީ އަށް އެ މައުލޫމާތު ދެއްވީ ސަރުކާރުގެ އިތުބާރު ހިފޭ ރަސްމީ ފަރާތަކުން ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ވަނީ މިފަދަ އެއްވެސް މައުލޫމާތެއް އެފަރާތުން ދީފައިނުވާނެކަމަށް ބުނެފަ އެވެ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވީ މިމައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ފިރިހެނުން ކަމަށެވެ. އަދި ބޭރުގެ އެއްވެސް ޖަމާއަތަކާ މި މައްސަލައާ ގުޅުން ހުރިކަމުގެ މައުލޫމާތު މިހާތަނަށް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ރިޔާޒު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމުގެ 35 އަހަރުގެ ތާރީހުގައި ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް ޒަހަމްވި ހަމަލާދިން މައްސަލައާ ގުޅިގެން އަދި ވެސް އިތުރު މީހުން ހޯދައި ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ

މިހާތަނަށް ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރެވުނީ, ގަވާއިދާ ޚިލާފަށް ފިލައިގެން ރާއްޖޭން ބޭރަށް ދާން އުޅެނިކޮށް ހުޅުލޭ އެއާޕޯޓުން ކަމަށް އެސޯސިއޭޓެޑް ޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަނީ ވިދާޅުވެފަ އެވެ

VELIDHOO COMMUNITY

No comments: