ރިޔާޒް ރަޝީދުގެ ކަރުފުޅުގައި ހިއްޕެވިކަމަށް ދައްކާ ވާހަކައަކީ މުޖުތަމައުގައި އަޅުގަނޑުގެ އަގުވައްޓާލަން ބޮޑު ރޭވުމެއްގެ ތެރޭން ހިންގަމުންދާކަމެއް : ސީނާ ޒާހިރު
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. އަތޮޅު މެމްބަރު ރިޔާޒް ރަޝީދު ކަރުފުޅުގައި އެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އަހުމަދު ޒާހިރު (ސީނާ ޒާހިރު) ހިތްޕެވިކަމަށް ދައްކާ ވާހަކަތަކީ މުޖުތަމައުގައި އަޅުގަނޑުގެ އަގުވައްޓާލަން ރިޔާޒު ރަޝީދު އާއި އޭނާގެ ބައިވެރިންގެ ބޮޑު ރޭވުމެއްގެ ތެރޭގައި ހިންގަމުންދާކަމެއް ކަމަށް ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ހާއްސަ މަޖިލީހުގެ ޖަލްސާ ކުރިޔަށް ނުގެންދެވިގެން ހުއްޓާލުމާ ގުޅިގެން ބައެއް މެމްބަރުންގެތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ރިޔާޒު ރަޝީދު ކަރުފުޅުގައި ޒާހިރު ހިތްޕެވިކަމަށް ވިދާޅުވެ ދައްކަވަމުންގެންދަވާ ވާހަކަތަކާ ގުޅިގެން ޒާހިރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރިޔާޒު ކަރުފުޅުގައި ހިތްޕެވި ކަމަށް ރިޔާޒު އަޑު ފަތުރުއްވާ ހަގީގަތާ ހިލާފަށް ޝަކްވާތައް އުފުއްލަވަމުން ގެންދަވާ ކަމަށެވެ
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޒާހިރުގެ ބަޔާނުގައި އިތުރަށް އޭނާ ވިދާޅުވެފައިވަނީ އެ ދުވަހުގެ ޖަލްސާގައި ސެކިއުރިޓީ ބަލަހައްޓާ މީހުންނާއި ނަން އިއްވުނު މެމްބަރަކާއި މައްސަލަ ޖެހުނު ވަގުތު ވަރަށް ބާރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޒާހިރާ ކިޔައިގެން ވާހަކަތަކެއް ދައްކަވާ އަޑު އިވުނު ކަމަށާއި ފަހުން އެ މެމްބަރަކު ހޯލްތެރެއަށް ވަދެވަޑައިގެން ވަރަށް ހުތުރުބަހުރަވައިން އެއްޗެއް ވިދާޅުވެފައި ނުކުމެ ވަޑައިގެންނެވި ކަމަށެވެ
”އަޅުގަނޑު ހައިރާންވެފައި އެއްޗެއް ނުދަންނަވާ ހުރީ. ދެން ފެނުނީ ރިޔާޒު ރަޝީދު އަޅުގަނޑާދިމާ އަށް އެއްޗެތި ވިދާޅުވަމުން ވަޑައިގެންނެވި ތަން. އޭނާ ސީދާ އަޅުގަނޑާ ދިމާއަށް އިނގިލިދިއްކުރައްވާފައި ކައިރި އަށް ވަޑައިގެން ވިދާޅުވީ ”ކަލޭ މިހުރިހާކަމެއްކުރަނީ! މިއީ ކަލޭގެ ކަންތަކޭ!“ އަދި އަޅުގަނޑަށް އެއްޗެތި ވިދާޅުވަމުންގެންދެވި,“ އެ ކަންތައްތަކާ ބެހޭ ގޮތުން ޒާހިރުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ
އެހިސާބަށް ދިއުމުން ރިޔާޒުގެ ބުރަކަށީގައި އަތްއަޅައި ޗެމްބަރުން ނުކުންނާށޭ ދެންނެވި ކަމަށް ޒާހިރު ވިދާޅުވިކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ
”އޭނާ ގަޔަށްނާރާށޭ ވިދާޅުވުމުން އަޅުގަނޑު ޗެމްބަރުން ނުކުންނަން ދިއުމުން އަޅުގަނޑު ފަހަތުން ހަޅޭއްލައްވަމުން އޭނާ އާއެކު މިކަމުގައި ކުރިން ބައިވެރިވެވަޑައިގަންނަވާ މެމްބަރަކު ވެސް ވަޑައިގަތް. އަޅުގަނޑު ލިފްޓަށް އެރިޔަނުދިނުމަށް ހުރަސް އެޅުއްވި.“ ތިން ސޮފުހާގެ މައްޗަށް އެކުލެވޭ ބަޔާނުގައި ޒާހިރު ވިދާޅުވެފައިވެ އެވެ
ރިޔާޒުގެ ބުރަކަށީގައި އަތްއެޅީ ރައްޔިތުންގެ މަޖިލީހުގެ ހުސްވަގުތުކޮޅުގެތެރޭގައި, މެމްބަރުންގެ ތެރޭގައި ”މާހޫނުގަދަވުމުން“ ބައެއް ފަހަރު ދެ ބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއްބޭފުޅެއްގެ ބުރަކަށީގައި އަތްއަޅާ އެ ބޭފުޅަކު އެތަނުން ދުރަށް ގެންދޭތީވެ, އެކަމަށް ކޮންމެވެސް ވަރަކަށް އާދަވެފައިވާތީ ކަމަށް ވެސް ޒާހިރު ބަޔާނުގައި ބުނެފައިވެ އެވެ
”އަޅުގަނޑު އެއްވެސް މީހެއްގެ ކަރުގައެއްނުހިފަން. އަދި އެއްވެސް މީހަކާއި މުހާތަބުކޮށް ބޭއަދަބީ ބަހުރުވައަކުން ވާހަކަ ވެސްނުދައްކަން. މިހެންގެ އަބުރާބެހެން ކީއްކުރަންތޯ ވާހަކަތައްކާނެ ފުރުސަތެއް ވެސް ނުލިބެ.“ ޒާހިރު ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ
ޖަސްޓިސް މިނިސްޓަރުކަން ކުރައްވާފައިވާ ޒާހިރު, ރިޔާޒު ކަރުފުޅުގައި ހިތްޕެވިކަމަށް ވިދާޅުވެ މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ ވަނީ އެ ކޯޓުން ބަލައިނުގެނެވޭނެ ކަމަށް ބުނެ ޖަވާބު ދީފަ އެވެ
ރިޔާޒު ކަރުފުޅުގައި ޒާހިރު ހިއްޕަވާފައި ނުވާނެ ވާހަކަ އޭނާ ވިދާޅުވި ނަމަވެސް ރިޔާޒު ވަނީ އެއީ އިތުރުފުޅެއްކަމަށް ވިދާޅުވެފަ އެވެ. އަދި ބޭއަދަބީ ބަހުން ޒާހިރު ރިޔާޒުއާ މުހާތަބުކުރެއްވި ކަމަށް ވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ
Velidhoo News
No comments:
Post a Comment