ޖާދޫގެ އަސަރު
މަގުމަތިން އަޅުގަނޑާ ދިމާވި އަތޮޅެއްގެ ރައްޓެއްސެއްގެ ކައިރިން އަހައިލީމެވެ. 'ކިހިނެއް ކަންތައް؟
'ކިހިނެއްކަންތައް ހުންނާނީ؟ އެ ކުޅުނީ އަހަރެމެންގެ ލެއާ.' އޭނާ ބުންޏެވެ. ނުފެނި އެތައް ދުވަހެއް ވެފައި ފެނުނު ރައްޓެއްސެއްގެ ކައިރިން އަޅުގަނޑު ހިތުން މިއެހީ ހާލުގެ ވާހަކައެވެ. އެކަމަކު އޭނާ އެ ކިޔަނީ ލެޔާ ކުޅުނު ވާހަކައެވެ
'ކީކޭ ތިކިޔަނީ؟' އަޅުގަނޑު ހައިރާން ވެހުރެ އެހީމެވެ
'މިކިޔަނީ ވޯޓު އޮޅުވައިލި ވާހަކަ. އެތަކެއް ވޯޓު ކަރުދާސް ޣާއިބުވެއްޖެ. ނެތްމީހުން ވެސް ވޯޓު ދީފި.' އޭނާ އަޅުގަނޑާއެކު ހިނގަމުން ކުރިޔަށް ދިޔައެވެ. 'ހަމަ އެހެރީ އޮޅުވާލާފައި. ޔަޤީން ހޮވޭނީ ބަރުލަމާނީކަން'
އެކަމަކު ކިހާ ތަފާތު ބޮޑު؟ އެވަރު ބޮޑު އޮޅުވައިލުމެއް އޮޅުވައިލެވޭނެތަ؟ އަދި ވޯޓުގެ ކަންކަން ގެންދިޔައީ ވަރަށް ހާމަކޮށެއް ނޫންތަ؟' އަޅުގަނޑު އެހީމެވެ
'ރަށްރަށުގައި ވޯޓުގެ ކަންކަން ކުރީ ދިވެހި ވޯޓުގެ އާދަކާދަ ރަނގަޅަށް ދަންނަ، އެކަމުގެ އެތަކެއް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުން. އެމީހުނަށް އެވަރުކަމެއް ނުކުރެވި ހުންނާނެތަ؟ އަދި ތި ބުނަނީ ނު ހާމަކޮށްނޭ. އެއީ ހާމަތަ؟ އަހަރެމެން ރަށުގައި ވޯޓު ލާތަނާ ކައިރިއަކަށްވެސް ނުދެވޭ. ވޯޓު ގުނިތަން ފެނުނީ އެތައް ސަތޭކަ ފޫޓެއްގެ ދުރުން. ކަލޭމެން ތި ވާހަކަދައްކާގޮތަކަށް ނޫނޭ ރަށްފުށުގައި ކަންތައް ހިންގަނީ.' އޭނާ ރުޅިއައިސްފައި ބުންޏެވެ. 'ބުނަން؟ އަހަރެމެންގެ ކުރިމަތީގައި އަހަރެމެނަށް ފެންނަގޮތަށް އެމީހުން އެކަން ކުރިޔަސް އަހަރެން ޤަބޫލެއް ނުކުރާނަން އެ މީހުން މަކަރު ނަހަދާނެ ކަމަކަށް'
'އެޔޯ؟' އަހަރެން އަހައިލީމެވެ. 'އެންމެންގެ ކުރިމަތީގައި ކިހިނެއް މަކަރު ހަދާނީ؟'
'އަހަރެމެންގެ ކުރިމަތީގައި ޖާދޫގަރު ހުސް ރުމާލެއްގެ ތެރެއިން ކޮތަރެއް އެ ނެރެނީ ކިހިނެއް؟ މީހުން ލޯ ބޮޑުކޮށްގެން ބަލަން ތިބޭނެ. ފެންނާނީ ރުމާ ފޮޅަފޮޅާފައި އޭގައި އެއްޗެއް ނެތްކަން ދެއްކުމަށްފަހު އިރުކޮޅަކުން އެ ރުމާލުގެ ތެރެއިން ކޮތަރެއް ނަގައި އުދުއްސައިލާތަން. ހަދާނަހަދާއެއް ބަލަން ތިބިމީހުނަށް ރޭކާއެއް ނުލާނެ. އަހަރެމެން މިލާ ވޯޓަކީ ވެސް އެފަދަ ޙަރަކާތެއްކަމަށް އަހަރެން ސިފަކުރާނީ.' އޭނާ ހާމަކުރިއެވެ
ރާއްޖޭގައި ޢާންމު ވޯޓުގެ ކަންކަން ހިނގަނީ ރަނގަޅު އިންތިޒާމެއްގެ މަތީންނެވެ. އެކަން ދަނީ މިނިވަންކޮށް އިންސާފުވެރިކޮށް ރަނގަޅަށް ކަމަށް ދައްކުވައިދޭ ސިފަތަކަކާ އެކުގައެވެ. ލިޔެފައި އޮންނަ ވޯޓުލުމުގެ ޤަވާއިދުތައް ހަރުދަނާއެވެ. އެ ޤަވާއިދުތައް ޢާންމުކުރެވި، ކަމުގައި އުޅޭ މީހުން އެއަށް ހޭލުންތެރި ކުރެއެވެ. ވޯޓު ލުމާއި ވޯޓު ފޮށި އެއްތަނުން އަނެއް ތަނަށް އުފުލުމާއި ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ އިޢުލާންކުރުން ހިނގަނީ ފަރުވާތެރިކަމާއެކު ރަސްމީކަން ބޮޑު ގޮތެއްގައެވެ
ކިތަންމެ ރަނގަޅަކަށް ވޯޓުގެ ކަންކަން ހިނގި ނަމަވެސް ރާއްޖޭގައި ބާއްވާ ޢާންމު ވޯޓަކަށް ގިނަބައެއްގެ އިތުބާރެއް ނޯވެއެވެ. ސަބަބަކީ އެފަދަ ވޯޓުލުމުގެ އެންމެ މުހިންމު އެއް އަސާސް ހިފެހެއްޓިފައި ނުވުމެވެ. އެ އަސާސަކީ ވޯޓުގެ ކަންކަން ހިންގާ ފަރާތަކީ މިނިވަން މުސްތަޤިއްލު ފަރާތެއް ކަމުގައި ވުމެވެ. ދިވެހިރާއްޖޭގައި ޢާންމު ވޯޓުގެ ކަންކަން ހިންގަނީ ސަރުކާރުންނެވެ. ސަރުކާރަކީ ވޯޓުގެ ނަތީޖާ ވަކި ގޮތަކަށް އައުމުން އެކަމުގެ ފައިދާ ނުވަތަ ގެއްލުން ސީދާގޮތުންނާއި ނުސީދާގޮތުން އެންމެ ބޮޑަށް ފޯރާނެ ފަރާތެވެ. އެހެންކަމުން ސަރުކާރަކީ މިނިވަން ވޯޓުލުމެއް ހިންގިދާނެ ކަމަށް ބަލެވޭނެ ފަރާތެއް ނޫނެވެ
‘މިގޮތަށް މިކަން އޮތިއްޔާ ކުރިޔަށް ހުރި ވޯޓުތަކުގައި އަދި ކަންތައް ހުންނާނީ.’ އޭނާ ބުންޏެވެ. ‘އަހަރެން މިހިސާބުން ވަކިވެލަނީ’
‘ތެދެއް ތިބުނީ.’ އަޅުގަނޑު ތާއީދުކުރީމެވެ. ‘މިނިވަން މުއައްސަސާއަކުން ވޯޓުގެ ކަންތައް ނުހިންގާނަމަ ޖާދޫގެ އިގިލި ހަރަކާތްތެރި ނުވެއެއްނުދާނެ’
‘ތި ޖާދޫ ބަލަން ދެނެއް އަހަރެމެނަކަށް ނުތިބެވޭނެ.’ ރައްޓެހިމީހާ ވަކިވެގެން ދަމުން ބުނެލިއެވ
VELIDHOO NEWS
velidhoocommunity@gmail.com
No comments:
Post a Comment