މައުމޫނުގެ އިސްލާހީ އެޖެންޑާ ފެއިލްވެފައި ވީނަމަވެސް ދިވެހި ރައްޔިތުންގެ އިސްލާހީ އެޖެންޑާ ފެއިލް ނުވާކަމަށް އިބްރާ ވިދާޅުވެއްޖެ
މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޛް މައުމޫނު އަބުދުލް ގައްޔޫމް އެކުލަވާލައްވާފައިވާ އިސްލާހީ އެޖެންޑާއަށް ކޮންމެ ގޮތެއް ވީނަމަވެސް ދިވެހިރައްޔިތުންގެ އިސްލާހީ އެޖެންޑާ ދަނީ ކުރިއަށް ކަމަށް ޝޯޝަލް ލިބަރަލް ޕާޓީގެ ލީޑަރ އިބްރާހިމް އިސްމާއިލް (އިބްރާ) ރޭ ވިދާޅުވެއްޖެ އެވެ
އިބްރާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ޝޯޝަލް ލިބަރަލް ޕާޓީ އުދެއްދުމަށް ރޭ އިމާދުއްދީން ސުކޫލްގައި ބޭއްވި ޖަލްސާގަ އެވެ
އިބްރާ ވިދާޅުވީ ޑރ.ހަސަން ސަޢީދު ވިދާޅުވި ބަސްފުޅާ ދޭތެރޭ ވިސްނައި އެއްވެސް ކޮޅަކަށް އޭނާ ބުރަވެ ވަޑައި ނުގަންނަވާ ކަމަށާއި އަދި ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާ ފެއިލްވީ ކަމަށްވެސް ވެދާނެކަމަށެވެ
” ތެދުފުޅެއް އެއިސްލާހީ އެޖެންޑާ ފެއިލްވެއްޖިއްޔާ އެންމެ ބޮޑަށް އެނގި ވަޑައިގަންނަވާނީ އެމަނިކުފާނަށާ އެމަނިކުފާނުގެ ބަންޑާރަ ނައިބަށް. އެހެންނަމަވެސް އަޅުގަނޑު އަޑަށް ބާރުލާފައި ދަންނަވަން ކެރޭ, ދިވެހިރައްޔިތުންގެ އިސްލާހީ އެޖެންޑާ ދަނީ ކުރިއަށޭ. އަދި މިއިސްލާހީ އެޖެންޑާ ހުއްޓުވާލެވޭ ވަރުގެ މީހަކު މިގައުމަކުން ދެންނުނިކުންނާނޭ.“ އިބްރާ ވިދާޅުވި އެވެ
އިބްރާގެ ވާހަކަފުޅުގައި އިސްލާހީ މަސައްކަތްތައް ރައީސް މައުމޫނު ވެރިކަމުގައި ހުރެގެން ނުގެނެވޭނެ ކަމަށް ބުނާ ވާހަކައަށް އެބަސްވެވެން ނެތް ކަމަށާ އަދި އެކަމަށް ދެބަސްވެ ވަޑައިގެންނަވާ ކަމަށް ވިދާޅުވި އެވެ
”ރައީސް މައުމޫނުގެ އާރާއި ބާރުގައި ހުއްޓާ އަޅުގަނޑުމެން މިހާރު މިއޮތް މިނިވަންކަންވެސް ލިބިގަތީ. ޚިޔާލުފާޅު ކުރުމާއި, މަޝްވަރާ ކުރުމުގެ މިނިވަންކަމަކީ ލިބޭނެ އެންމެ ބޮޑު މިނިވަންކަން. މި މިނިވަންކަން ނުހިފެހެއްޓުނު ރައީސަކަށް ދެން ކޮން މިނިވަންކަމެއް ތޯ ހިފެހެއްޓޭނީ. އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ އަގުވަޒަން ނުކުރަންޏާ, އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ބޭނުމެއް ނެތް.“ އިބްރާ ވިދާޅުވި އެވެ
އިބްރާ ވިދާޅުވީ ރައީސް މައުމޫނު މަގާމުން ދުރުނުކޮށް ގައުމަށް އިސްލާހު ގެނެވެން ނެތް ކަމަށް ގަބޫލުފުޅު ކުރައްވަންޏާ, ކޮންމެ ދުވަހު ރީތި ހެދުންލައިގެން މަޖިލީހަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ
ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ޖަލްސާގައި ޕާޓީއެއް އިފްތިތާހު ކުރުމަށް ކޮމިޝަނަރ އޮފް އިލެކްޝަންސްއިން ކަނޑައެޅިފައިވާ ގާނޫނީ އަދަދު ހަމަނުވާތީ, މިޖަލްސާ އަލުން ބޭއްވުމަށް ޕާޓީން ވަނީ ހަމަޖައްސާފައި އެވެ. ގާނޫނީ ޢަދަދަކީ 300 ކަމަށްވާއިރު, ޖަލްސާއަށް ހާޟިރުވީ 200 ވަރަކަށް މެންބަރުން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ
މިފާޓީގައި އިސްކޮށް ހަރަކާތްތެރިވާ ގިނަމެމްބަރުންނަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅުން ނެވެ. އަދި އިބުރާ އަކީ އެމްޑީޕީގެ ރައީސްކަން އެންމެ ފުރަތަމަ ކުރައްވާފައިވާ މެންބަރުވެސް މެއެވެ
Velidhoo News
No comments:
Post a Comment