Saturday, August 18, 2007

ވޯޓު ނެގުމާއި ގުނުން އަމާންކަމާއެކު ގެންދިއުމަށް ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުމަށް ކޮމިޝަނަރ އޮފް އިލެކްޝަންސް އެދިވަޑައިގެންފި

16-08-2007




ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް އަންނަ ހޮނިހިރުދުވަހު މުޅިރާއްޖޭގައި ނަގާ ޢާންމު ސިއްރު ވޯޓް ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އަމާންކަމާއި އޮމާންކަމާ އެކީގައި، ގެންދިއުމަށްޓަކައި ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުމަށް ކޮމިޝަނަރ އޮފް އިލެކްޝަންސް ކދ. އަޙްމަދު މަނިކު އެދިވަޑައިގެންފިއެވެ. ކދ މިކަމަށް އެދިވަޑައިގެންނެވީ ވަރަށް ކުއްލި ގޮތެއްގައި ރޭ އިރާކޮޅު ޓެލެވިޜަން މޯލްޑިވްސްއަށް ދެއްވި ބަޔާނެއްގައެވެ.
މިބަޔާނުގައި، ޚާއްޞަ ގޮތެއްގައި ރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކުން މިކަމުގައި ވަރަށްބޮޑު އެއްބާރުލެއްވުމެއް ދެއްވުމަށްވެސް އިލެކްޝަން ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.
"ކުރީގެ އިންތިޚާބުތަކާ ޚިލާފަށް މިފަހަރަކީ ވޯޓު ނަގާ ރަށްރަށުގައި ވޯޓު ގުނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ފުރަތަމަ ފަހަރު. މިކަމަށްޓަކައި އަޅުގަނޑުވާނީ ވޯޓުގެ މަސައްކަތުގައި އުޅުއްވާ އަށެއްކަހާސް ބޭފުޅުންނަށްވެސް ކަންކުރާނޭގޮތުގެ މަޢުލޫމާތާއި އިރުޝާދު އަރުވާފައި. އެހެންވީމާ، މި މަސައްކަތް އަޅުގަނޑު ޙަވާލުކޮށްފައިވާ
ހުރިހާ ބޭފުޅުންވެސް އެބޭފުޅުންނަށް އެރުވުނު މަޢުލޫމާތުގެ އަލީގައި މިވޯޓުގެ މަސައްކަތް ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތަށް މިނިވަންކަމާ، އިންސާފުވެރިކަމާ އަދި ތެދުވެރިކަމާއެކު ނިމިގެންދާނެ ގޮތެއްގެމަތިން މަސައްްކަތްކޮށްދެއްވުމަށް އަޅުގަނޑު ދަންނަވަން" ކޮމިޝަނަރ އޮފް އިލެކްޝަންސް ވިދާޅުވިއެވެ. "އަޅުގަނޑުގެ އެންމެ ފަހުގެ އަދި އެންމެ މުހިންމު އިލްތިމާސަކީ އަމާންކަމާއި އޮމާންކަމާއެކު ވޯޓުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށްޓަކައި ހުރިހާ ފަރާތެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުން އަޅުގަނޑަށް ދެއްވުން. އަދި ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކަށް ލިބިވަޑައިގެންފައިވާ ވޯޓުދިނުމުގެ ޙައްޤު ފުރިހަމަޔަށް އަދާކުރެއްވުން" ކދ ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށްޓަކައި ހޮނިހިރު ދުވަހު ނަގާ ޢާންމު ސިއްރު ވޯޓަކީ ޢުމުރުން 81 އަހަރު ހަމަވެ ވޯޓު ދިނުމުގެ ޝަރުޠު ފުރިހަމަވާ ކޮންމެ ދިވެހި ރައްޔިތަކުވެސް ވޯޓުދިނުމުގެ ޤާނޫނީ ޙައްޤު އަދާކުރަން ޖެހޭ ވަރަށް މުހިންމު ވޯޓެއް ކަމަށާއި، އެހެންވީމާ، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ އެންމެން އެޤާނޫނީ ޙައްޤު އަދާކުރުމަށް އިލްތިމާސް ކުރެއްވިއެވެ

Report: Soodh

Velidhoo Coomunity

No comments: