Saturday, August 18, 2007

ނިޒާމް ކަނޑައެޅުމަށް ނަގާވޯޓް: ރަތަފަންދޫ ވޯޓް ފޮށި ހުއްޓުވައިފި


ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ޓަކާ މިއަދު މުޅިރާއްޖޭގައި ވޯޓް ނަގަމުން ދާއިރު ގދ. ރަތަފަންދޫ ގައި ބަހައްޓާފައިވާ ވޯޓް ފޮށި )ޔޫ-4( މިއަދު 8 ޖެހުމުގެ ކުރިން ހުއްޓުވައިފި އެވެ

ރަތަފަންދޫ ވޯޓް ފޮށި ހުއްޓުވާފައި ވަނީ އިލެކްޝަންއިން ވޯޓް ކަންތަކާ ދޫކުރާ ފާސް އަޅައިގެން ހުރި މީހަކު ގޭގެއަށްގޮސް މީހުން ގެނެސް ވޯޓް ލުމުގެ މަސައްކަތް ކުރުވަމުން ދާކަމަށް ބުނެ އެވެ

ރަތަފަންދޫން ވާހަކަދެއްކި މީހަކު ބުނީ އިލެކްޝަންސްގެ ފާސް އަޅުވާފައި ހުރި މީހަކު ގޭގެއަށްގޮސް މީހުން ނަގަމުން ގެންދާތީ އެޝަކުވާ ކުރުމުން އޭނާގެ ފާސް އަތުލާފައިވާކަމަށާއި އަދި ފާސްނެގުމަށް ފަހުވެސް އޭނާ މަސައްކަތް ކުރަމުންދިޔަ ކަމަށެވެ

” ރަށުގެ ވޯޓް ފޮށި ހުއްޓުވީ ގަވައިދާ ޚިލާފަށް މަސައްކަތް ކުރާތީ. އިލެކްޝަންސްގެ ފާސް އަޅުވައިގެން ހުރި މީހަކު ކުޑަކަތީބުގެ ކާރުގައި މީހުން ގެނެސް ހަދަނީ. އެޝަކުވާ ކުރުމުން އޭނާގެ އަތުން ފާސްނެގީ. ދެންވެސް އޭނާ މީހުން ގެންނަމުން ދަނީ.“ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ

ރަތަފަންދޫގައި ފުލުހުންގެ އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާކަމަށާއި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާ ކަމަށް ރަތަފަންދޫ މައުލޫމާތު ދެއެވެ

ރަތަފަންދޫ ބޮޑުކަތީބު މައުސޫމް ޒުބައިރު ވިދާޅުވީ އެރަށުގައި އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ހުރިހާކަމެއްވެސް ރަނގަޅަށް ދާކަމަށެވެ

” އެއްވެސް ގޯހެއްނުހިނގާ. ހުރިހާކަމެއްވެސް ދަނީ ރަނގަޅަށް. އިތުރު މައުލޫމާތެއް ދެވޭނީ އިލެކްޝަންސް އަށް“ މިހެން ވިދާޅުވުމަށް ފަހު ކަތީބު ފޯނުބޭއްވެވި އެވެ

މިކަމާބެހޭ ގޮތުން ކޮމިޝަނަރ އޮފް އިލެކްޝަންސްގެ ބޭފުޅަކާ ގުޅޭގޮތް ވަނީ ނުވެފަ އެވެ

No comments: