Saturday, August 25, 2007

ނޫސް ބަޔާން ނަންބަރު: NR - 034/2007 A
ތާރީޚު: 24 އޮގަސްޓް 2007
ނޫސްބަޔާން


ރިޔާސީ ނިޒާމަށް ތާއީދު ކުރާ ފަރާތްތަކަށް ކުރަމުންދާ އަނިޔާއާއި ދެމުންދާ ގެއްލުން ވަގުތުން ހުއްޓާލުމަށް ޑީ.އާރު.ޕީ.އިން ގޮވާލާ

ބިރުވެރިކަމާއި ގަދަ ބާރުގެ ބޭނުންކޮށްގެން ސިޔާސީ ކާމިޔާބު ހޯދުމަށް މަސައްކަތްކުރި ޕާޓީއާއި އެޕާޓީގެ ސިޔާސަތު ރައްޔިތުން ބަލައިނުގެންފައި މިވާ ވަގުތުގައި ރިޔާސީ ނިޒާމަށް ތާއީދުކުރާ ފަރާތްތަކަށް ބަޔަކު ކުރަމުންދާ އަނިޔާތަކާއި ދެމުންދާ ގެއްލުންތައް ކުށްވެރިކޮށް، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން މިފަދަ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ޑީ.އާރު.ޕީ.އިން ގޮވާލަމެވެ

މިގޮތުން ލިބެމުންދާ އަނިޔާއާއި ގެއްލުމުގެ ތެރޭގައި ކ. ހުރާ ޝާނީވިލާ ކިޔާ ގެއެއްގައި ރޯކޮށްލާ ގެޔާއި ގޭގައިވާހާތަކެތި އަންދާލާ، ގޭގާ އެވަގުތު ނިދާފާ ތިބި 3 ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފުރާނައަށް ގެއްލުންދިނުމަށް މަސައްކަތް ކޮށްފައިވެއެވެ. މިގެއަކީ ކ. ހުރާގައި ރިޔާސީ ނިޒާމަށް ތާއީދުކޮށް އެންމެ ގަދައަށް މަސައްކަތް ކޮށްފައިވާ ހުރާގެ ޑީ.އާރު.ޕީ. ގޮފީގެ ނާއިބުރައީސް އީސާ އަޙްމަދުގެ ގެއެވެ. އަދި މިގޭގާ ރޯކޮށްލާފައިވަނީ ރިޔާސީ ނިޒާމަށް ތާއީދުކުރުމަށް ޓަކައި ގެންގުޅުނު ކަރުދާސްތަކެއް
ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން ރިޔާސީ ނިޒާމަށް ތާއީދުކޮށް ވަރަށް ސާބިތު ކަމާއެކު ކެމްޕެއިން ކުރައްވާފައިވާ ކ. ގުރައިދޫ ޖަންބުމާގޭ އަލްއުސްތާޒް އިބްރާހިމް ރިޒާގެ 'ހަވި' ފިހާރައިގާ ހުޅުޖަހާ މުޅި ފިހާރައާއި ފިހާރައިގާ ހުރި މުދާ އަންދާ ލާފައިވެއެވެ. އަދި ރިޔާސީ ނިޒާމަށް ތާއީދުކޮށް މަސައްކަތް ކުރި އެތަކެއް ބަޔަކަށް ބިރުދައްކާ އަނިޔާކޮށް، މިގޮތުން ދިވެހި ރައްޔިތުންގެ ޕާޓީގެ ރަޖިސްޓްރަރ އާއި ދިމާކޮށް، އޭނާގެ ގޭދޮށަށް ގޮސް އޭނާގެ ޢާއިލާއަށްވެސް އެތަކެއް އުނދަގޫކުރުމުގެ އިތުރުން ޕާޓީގެ މީޑިއާ އޮފީހުގެ ބޭފުޅުންނަށް މަގުމަތިން ދިމާކޮށް މޫނުމައްޗަށް އެއްޗެހި ޖެހުން ކަހަލަ ކިތަންމެ ޢަމަލެއް ހިންގާ ފައިވެއެވެ.

ޑީ.އާރު.ޕީ.އިން ޤަބޫލު ކުރާ ގޮތުގައި މިފަދަ ހިތާމަ ހުރި، އަދި ގެއްލުން ބޮޑެތި ޢަމަލުތަކުގެ ޒިންމާ، މިފަދަ ކަންކަމަށް ގޮވާލާ ހިތްވަރުދޭ ސިޔާސީ ފަރާތްތަކުން އުފުލަން ޖެހެއެވެ. އެހެންކަމުން ރާއްޖޭގެ އަމަނު ބަލަހައްޓާ ފަރާތްތަކަށް ޑީ.އާރު.ޕީ.އިން މިގޮވާލަނީ އެފަރާތްތަކުގެ ޤާނޫނީ ޒިންމާ އުފުއްލެވުމަށް ތެދުވެ ވަޑައިގެންނެވުމަށާއ، ހަމަނުޖެހުމާއި ބިރުވެރިކަމަށްގޮވާލާ އެފަދަ ޢަމަލުތަކަށް ހިތްވަރުދޭ ފަރާތްތަކާ މެދު، ހަރުކަށި ފިޔަވަޅު ވަގުތުން އަޅުއްވާ ދެއްވާ، ރައްޔިތުންނަށް އަމާން މާހައުލެއް ހަމަޖައްސާދިނުމަށެވެ

No comments: