Thursday, August 23, 2007

މައުމޫނު ސަރުކާރުގެ އަމަލުތައް ހުންނަނީ ގާނޫނީ ގަވައިދުން ބޭރުގައިތޯ ބެލުމަށް ހުށަހެޅި ޕެޓިޝަން މަޖިލިހުން ބަލައެއް ނުގަތް

23 August 2007ު

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު އަބުދުލް ގައްޔޫމުގެ ސަރުކާރުގެ އަމަލުތައް ހުންނަނީ ގާނޫނާއި ގަވާއިދުން ބޭރުގައި ކަމަށް ދެ ވަޒީރުން ވިދާޅުވި ވިދާޅުވުމަކީ ހަގީގަތެއްތޯ ބެލުމުގެ ރައްޔިތުންގެ މަޖިލީހަށް މާލެ މެމްބަރު މުހައްމަދު ޝިހާބު ހުށަހެޅުއްވި ޕެޓިޝަން ބަލައެއް ނުގަނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަހުމަދު ޒާހިރު އަންގަވައިފި އެވެ

އެޓާނީ ޖެނެރަލް ޑރ. ހަސަން ސައިދާއި ޖަސްޓިސް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދު އެ ބޭފުޅުން އަދާކުރެއްވި މަގާމުން އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު, ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ, އެ މަނިކުފާނުގެ ގާނޫނީ ހުވަޔާ ހިލާފުވެވަޑައިގެން, ގާނޫނާ ގަވާއިދުތަކުގެ ބޭރުން އެތައް ކަމެއް ކުރައްވަމުން ގެންދަވާކަމަށާއި, ގައުމުގައި އަދުލު އިންސާފު ގާއިމުނުކުރެވޭ ކަމަށް ހާމަކުރެއްވި ހާމަކުރެއްވުން ވީ ދިވެހި ލޮބުވެތި ރައްޔިތުން ސިއްސުވާލާ ހާސްކަމުގެ ތެރެ އަށް ވައްދާލި ކަމެއް ކަމަށް ވިދާޅުވެ ޝިހާބު ހުށަހެޅުއްވި ޕެޓިޝަން މަޖިލީހަށް ހުށަހަޅުއްވައި ނުދެއްވޭނެކަން މަޖިލީހުގެ ރައީސް އަންގަވާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެ މަނިކުފާނު ސޮއިކުރައްވާ ޝިހާބަށް ފޮނުއްވި ސިޓީއަކުންނެވެ

” ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުން ޕެޓިޝަން ހުށަހެޅޭނީ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާއި ގުޅޭގޮތުން ނުވަތަ މައްސަލައަކާ ގުޅޭގޮތުން ނުވަތަ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނޭ ކަމަކާއި ގުޅޭ ގޮތުންނެވެ. އަދި ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނޭ ކަމަކާ ގުޅޭ ގޮތުން ހުށަހަޅާ ޕެޓިޝަނަކީ އެއްވެސް ޝަރުއީ ކޯޓެއްގައި ހިނގަމުންދާ ޝަރީއަތެއްގެ ދާއިރާގައި ހިމެނޭ ކަމެއް ކަމުގައި ނުވުމާއި, ގާނޫނުގެ ދާއިރާގެ ތެރެއިން ހައްލެއް ހޯދިދާނެ ކަމެއް ކަމުގައި ވެގެން ނުވާނެ ކަމުގައި ވެސް ބަޔާންކޮށްފައިވެ އެވެ. ޕެޓިޝަނުގައިވާ މައްސަލައަކީ ގާނޫނުގެ ދާއިރާގެ ތެރެއިން ހައްލެއް ހޯދިދާނެ ކަމެއްކަމުގައި ފެންނަވާހަކަ ދަންނަވަމެވެ,“ މަޖިލީހަށް ޕެޓީޝަން ހުށަހެޅުއްވައިދެވެން ނެތް ސަބަބު ބަޔާން ކުރައްވާ ރައީސް ޝިހާބަށް ފޮނުއްވެވި ސީޓީގައި ވިދާޅުވެފައިވެ އެވެ

ޕެޓިޝަން ބަލައިނުގެންނެވުމާ ގުޅިގެން ބުރާސްފަތި ދުވަހު ޝިހާބު ވިދާޅުވީ ރައީސްގެ ނިންމެވުން އެއްގޮތަކަށް ވެސް ގަބޫލުފުޅުނުކުރައްވާ ކަމަށާއި ސަބަބަކީ ގަވާއިދުން އެ ޕެޓިޝަން މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނެ ކަމަށް ފެންނާތީ ކަމަށެވެ

”އެ ޕެޓިޝަނަކީ ސީދާ ރައީސް މައުމޫނާ ގުޅޭ މައްސަލައަކަށްވީ މަޖިލީހުގެ ރައީސް ޕެޓިޝަން ބަލައިނުގެންނެވީ ކަމަށް އަޅުގަނޑު ގަބޫލުކުރެވެނީ. ދެން ހެދެން އޮތް ގޮތެއް ވެސް އަޅުގަނޑު ބަލާނަން,“ އެންމެ އާބާދީ ބޮޑު މާލެ ތަމްސީލު ކުރައްވާ މެމްބަރު ވިދާޅުވި އެވެ

ޝިހާބު ހުށަހެޅުއްވި ޕެޓިޝަނުގައި ވިދާޅުވެފައިވާ ކަންތައްތަކުގެ ތެރޭގައި ދެ ވަޒީރުން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވި ސަބަބުތަކުގެ ހަގީގަތް އޮޅުން ފިލުއްވަވައި, ރައްޔިތުންގެ ހިތްތަކަށް ވަދެފައިވާ ނުތަނަވަސްކަމާ ހާސްކަން އަވަސް ފުރުސަތެއްގެ ތެރޭގައި ފިލުއްވައިދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައިވެ އެވެ

ގައުމު ހިނގަމުންދަނީ ގާނޫނު އަސާސީއާ އެއްގޮތްވާގޮތުގެ މަތިންތޯ ނުވަތަ ނޫންތޯ އޮޅުން ފިލުއްވަވައި, ގައުމުގައި އަދުލު އިންސާފު ގާއިމުކުރެވޭތޯ ނުވަތަ ނޫންތޯ ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް ވެސް ޝިހާބު ހުށަހެޅުއްވި ޕެޓިޝަނުގައި ގޮވާލައްވާފައިވެ އެވެ

އެ ދެ ވަޒީރުންގެ ވާހަކަފުޅުތަކަކީ ތެދު ވާހަކަފުޅުތަކެއް ކަމަށްވާ ނަމަ, މި އިއްޒަތްތެރި މަޖިލީހުން އަމަލުކުރައްވަން ގަސްދުކުރައްވާ ގޮތެއް ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް ވެސް ޝިހާބުގެ ޕެޓިޝަނުގައި ވަނީ ހުށަހަޅުއްވާފަ އެވެ

ޝިހާބު ކުރިން ވިދާޅުވެފައިވަނީ އެ ވާހަކަތައް ދެއްކެވީ އެކަންތައްތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ދެ ބޭފުޅުން ކަމަށްވާތީ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވައިގެން ވެސް އެ މައްސަލަ މަޖިލީހުން ބަލައިގެންފައިނުވާ ކަމަށެވެ

Report: Jaxu

Velidhoo Community

No comments: