Tuesday, August 28, 2007

ރާއްޖޭގެ އަމާންކަން ގެއްލުނަ ނުދެއްވާ! ދޭސީންނާއި ބިދޭސީންކުރާ ކުށްތަކަށް ވަގުތުން ފިޔަވަޅު އަޅުއްވާ!
28/8/2007 ް

"ތޮއްޑޫގައި ބަނގްލަދޭޝް މީހެއްގެ ގަޔަށް ބަނގްލަދޭޝް މީހަކު ވަޅިހަރައި ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި. ޕްލީސް ކޯލްމީ" މިމަހު ފަންސަވީސް ވަނަ ދުވަހުގެ ރޭ ތޮއްޑޫ މިހަކު އެސްއެމްއެސް ކޮށްފައި ބުންޏެވެ.
މިހާދިސާގެ ކުރިން މިމަހު އެކާވީސްވަނަ ދުވަހު ހެނދުނު ތިލަދުންމަތީ އުތުރުބުރީ ކުޅުދުށްފުށީގައި ބަނގްލަދޭޝްގެ މީހަކު މަރާލާފައި އޮއްވާވަނީ ފެނިފައެވެ. މިއީ ބިދޭސީން ހިންގާ ކަމަކަށް ވިޔަސް ދޭސީން ހިންގާ ކަމަކަށްވިޔަސް ދިވެހި ފަސްގަނޑުގައި ހިނގާ ކަމަކަށްވާތީ މީގެ ސަބަބުން ރާއްޖޭއާ މެދު ބޭރުދުނިޔޭގައި ދެކެމުން އަންނަ ގޮތް ތަފާތުވެގެން ދާނެއެވެ. ރާއްޖޭގައި ތްރީޑީ ވޯކް (ޑާރޓީ، ޑޭންޖަރ، ޑިފިކަލްޓް)(އުނދަގޫ ހަޑި މަސައްކަތް) ކުރުމަށް މުޅިންވެސް އުޅެނީ ބިދޭސީންނެވެ. އޭގެ ތެރެއިންވެސް މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ އަވަށްޓެރި އިންޑިއާ ބަނގްލަދޭޝް ސްރީލަންކާގެ ރައްޔިތުންނެވެ.
ރާއްއްޖޭގައި މަސައްކަތްކުރާ މިފަދަ މީހުންނަށް ރާއްޖޭގައި ޙިމާޔަތެއްނެތް ކަމަށް ވާނަމަ އެމީހުން ރާއްޖެއާމެދު ފޫހިވެ ރާއްޖެއަށް އަންނަ ހިތްކެނޑިގެންދާ ނެއެވެ. އެމީހުންނަކީ އަމިއްލައަށް އައިސްތިބޭ ބައެއް ނޫންނެވެ. އެމީހުންނަކީ ސަރުކާރާއި އަމިއްލަ މީހުން އެކިމަސައްކަތްތައް ކުރުމަށް ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް ގެނެސްފައިވާ ބަޔަކެވެ. އެމީހުން ރާއްޖެއަށް ގެނައުމަށް ފަހު އެމީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފުރިހަމަ ކޮށްދެއްވުމުގެ އިތުރަށް އެމީހުންގެ ސަލާމަތީ ކަންކަމާމެދުވެސް މިހާރުވަނީ ވިސްނަން ޖެހިފައެވެ. "އެމީހުންނަކީ އަމިއްލައަށް އައިސްތިބޭ ބައެއްނޫން. އެމީހުންނަކީ ކޮންމެވެސްމީހަކު ބޭނުންވެގެން އެމީހަކަށް ނުވަތަ އެކުންފުންޏަކަށް މަސައްކަތް ކޮށް ދިނުމަށް ކޯޓާއެއްގެ ދަށުން އައިސް ތިބޭމީހުން. އެހެންކަމުން އެމީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްވެސް އެމީހަކު ގެންނަ ފަރާތުންވެސް ބަލަންވާނެ. ޚާއްސަކޮށް ދޭސީއެއް ބިދޭސީއެއް ބެލުމެއްނެތި މީހުންނަށް ޙަމަލާތައް ދެމުންދާއިރު ބިދޭސީންގެ ސަލާމަތަށްވެސް ވަރަށް ބޮޑަށް ވިސްނަން އެބެޖެހޭ" މިނިސްޓްރީއޮފް ހަޔަރއެޑިޔުކޭޝަން، އެންޑްއެމްޕްލޯއިމަންޓް އެންޑް ލޭބަރ ގެ އިސްބޭފުޅަކުވިދާޅުވިއެވެ.
ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ހައިކޮމިޝަނަރ ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ އެގަމުގެ މީހުންނަށް ރާއްޖޭގައި ނުރައްކާތެރި ކަންވަނީ ފަހަކަށް އައިސް ބޮޑުވެފައެވެ. މިއީ ވަރަށް ބޮޑަށް އެކަމާ ކަންބޮޑުވާ ކަމެއް ކަމަށް އޭނާވިދާޅުވިއެވެ. "އަހަންނަށް އެނގޭ ރާއްޖޭގައި ބިދޭސީންގެ އިތުރަށް ދިވެހިންނަށްވެސް ނުރައްކާ ވަމުންދާ ކަމަށް. އެކަމަކު ރާއްޖޭ މީހުންނަށްވުރެ ބޮޑަށް ބޭރު މީހުންނަށް އޮންނަ ނުރައްކާ މާބޮޑުވާނެ ކަމަށެވެ. "މިސާލަކަށް އަންހެނަކާއި ފިރިހެނަކު ހިނގާފައި ދާއިރު ފިރިހެން މީހާގެ ގަޔަށް އަތްލުމުގެ ބަދަލުގައި އަންހެންމީހާގެ ގަޔަށް މާ އަވަހަށް އަތްލާނެ. އެގޮތަށް ދިވެއްސެއްގެ ގަަޔަށް އަތްލާން ކޮންމެވެސް ވަރަކަށް ޖެހިލުންވެދާނެ. ނަމަވެސް ބިދޭސީ އެއްގެ ގަޔަށް އަތްލާކަށް އެއްގޮތަކަށްވެސް ޖެހިލުމެއް ނުވާނެ. ނަމަވެސް ބިދޭސީންވެސް ހިމާޔަތް ކުރާނެ ބަޔަކު ތިބިކަން އެނގޭ ކަމަށްވާނަމަ އެމީހުންނާ ދީމާ ކުރަން ޖެހިލުންވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ އެކިހިސާބުތަކުގައި މީހުންގެ ފަރާތުން ބަންގްލަދޭޝްގެ ލޭބަރުންނާ ދިމާވާ މައްސަލަތައް ހައިކޮމިޝަނަށް ހުށަހެޅުމުން އަމިއްލަ ފުޅަށް އެތަނަށް ވަޑައިގެން އެމީހުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމައްސަލަތައް ދިވެހި ސަރުކާރުގެ ކަމާ ބެހޭފަރާތްތަކަށް ހުށަހަޅުއްވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަމުގައި އެފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ދެއްވާނެ ކަމަށް އެފަރާތްތަކުން ވިދާޅުވާ ކަމަށް އޭނާ މަޢުލޫމާތު ދެއްވިއެވެ. ބަނގްލަދޭޝްގެ ބަޔަކަށް މިމަހު ކުރީކޮޅު ކޮންބަޔެއްކަމެއް ނޭނގޭ ދިވެހިންތަކެއް ހަމަލަދިން މައްސަލަ ޕޮލިހަށް ރިޕޯޓު ކުރުމުން ޕޮލިހުން އެސަރަހައްދަށް ދިޔަކަަށް އޭނާވިދާޅުވިއެވެ. ނަމަވެސް އެތަނުން ޕޮލިހުން ދާއިރަށް އަނެއްކާވެސް އެމީހުންނަށް ހަމަލާދިން ކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ. "ފުލުހުންނަކީވެސް ވަރަށް ބިޒީ ބައެއް ކަންގަބޫލު ކުރަން. އެކަމަކު ސަލާމަތީ ކަންކަމުގައި އެމީހުންގެ ދައުރު މިހާރަށްވުރެ ބޮޑަށް އިތުރުކޮށް މިހާރަށްވުރެވެސް ބޮޑަށް ޒިންމާދާރު ވާންޖެހޭކަން ގަބޫލުކުރެވޭ. އެތަނަށްވެސް ގޮސްފައި އެތަން ހަމައަކަށް އެޅެންދެން ޑިއުޓީގައި ތިއްބެވިނަމަ ދެވަނަފަހަރަށް ހަމާލާ ދިނުމުގެ ފުރުސަތެއް އެމީހުންނަށް ނުލިބުނީސް" ހައިކޮމިޝަނަރ ވިދާޅުވިއެވެ.
ރާއްޖޭގައި ހިނގާ މިފަދަ މައްސަލަތައް ހައްލުކުރެވޭނީ ރާއްޖޭގެ ޢަދުލު އިންސާފު ގާއިމް ކުރުމަށް އައްޔަން ކުރައްވާ ފައިވާ ދާއިރާތަކުގެ ދައުރު މިހާރަށްވުރެ ބޮޑަށް ފުޅާކޮށް އެފަރާތްތައް ގުޅިގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ.
މުހިންމުކަމަކީ ހަމައެކަނީ ބަންގްލަދޭޝްމީހުން ހިމާޔަތްކުރުމެއް ނޫނެވެ. ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ސަލާމަތަށް މަސައްކަތް ކުރުމެވެ. ރާއްޖެކަހަލަ އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ގައުމެއްގައި މަސައްކަތްކުރާ ލޭބަރުންގެ ދައުރު ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގައި މަސައްކަތްކުރާ ބަނގްލަދޭޝް މީހުން ރާއްޖޭގައި އުޅެން ބޭނުން ނުވާކަމަށް ހައިކޮމިޝަނުގައި ބުނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުށްފުށީގައި މަރާލާފައި އޮއްވާ ފެނުނު މީހާގެ މަރާބެހޭ ގޮތުންވެސް އޭނާ ވިދާޅުވެފައިވަނީ އެއީ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ މީހަކަށް ވާތީ ވީހާ އަވަސްފުރުސަތެއްގައި އެމީހާ މަރާލި މީހާ ނުވަ ބަޔަކު (ކޮންމެ ގައުމެއްގެ މީހަކަށްވިޔަސް) ހޯދުމަށް ފަހު އެބައެއް އެއްގެ މައްޗަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް ދެމުން ގެންދާ މިފަދަ ޙަމަލާތަކާ ބެހޭގޮތުން ފުލުސްއޮފީހުގެ އިސްބޭފުޅަކު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އާބާދީ އިތުރު ވަމުންދާ ވަރަކަށް މިފަދަ މައްސަލަތައްވެސް އިތުރު ވެގެންދާނެ ކަމަށެވެ. އެމީހުން އެމީހުންގެ ތެރޭގައިވެސް މައްސަލަތައް ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން މިދާއިރާއާ ގުޅުނުއިރު ރާއްޖޭގައި ނޫޅޭނެ ބިދޭސީ އެއްހާސް މީހުންވެސް. ނަމަވެސް ކުއްލިއަކަށް އެމީހުންގެ ޢަދަދު މިހާރު އިތުރުވީމާ އެމީހުންގެ ފަރާތުންވެސް ފެންނަމުންދާ ނޭދެވޭ ކަންތައްވެސް ދަނީ އިތުރުވަމުން" ބިދޭސީންނަށް ރާއްޖޭގައި ދިމާވާ މާރާމާރީގެ މައްސައްލަ ތަކާ ބޭހޭ ގޮތުން ފުލުސް އޮފީހުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ޢަދަދު މިހާރުވަނީ ފަސްދޮޅަސް ހާހަށް ވުރެއް މައްްޗަށް އަރައިފައެވެ. މިފަދަ ބޮޑު އާބާދީއެއް އޮންނައިރު އެމީހުންގެ ހަރަކާތްތަކާއި، އެމީހުންނަށް ޙިމާޔަތް ދިނުމާއި، އެމީހުންނަށް ލިބެންވާ ހައްގުތައް ފުރިހަމައަށް ލިބެމުންދޭތޯ މިހާރަށްވުރެ ބޮޑަށް ސަމާލުވާން އެބަޖެހެއެވެ. އެމީހުންވެސް ގޯސްކަމެއް ކޮށްފިއްޔާ ދިވެހިންނެކޭ އެއް އުސޫލުން އެމީހުންގެ މައްޗަށް ވެސް ޤާނޫނު ހިންގަން ޖެހޭނެއެވެ. އަދި އެމީހުންނާ ދެކޮޅަށް ދިވެހިންހިންގާ ކަންތަކަށްވެސް އަދަބު ލިބެން ވާނެއެވެ. މީގެ އިތުރަށް އެމީހުން އެމީހުންނަށް ހިންގާ ކަންތައްތަކާ މެދުވެސް ވަގުތުން ފިޔަވަޅު އަޅަން ވާނެއެވެ. އެހެންނޫނީ ރާއްޖޭގެ އަމާން ކަމާމެދު ފިކުރު ބޮޑުވާން މިހާރުވެސް މިވަނީ ޖެހިފައެވެ.
މިނިސްޓްރީއޮފް ހަޔަރ އެޑިޔުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިޔުރިޓީގެ ލީގަލް އޮފިސަރ ޙުސައިން ސިރާޖު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށްވެސް ރާއްޖޭގައި ޙިމާޔަތް ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް އެމިނިސްޓްރީން ބަލަހައްޓަވަނީ ހަމައެކަނި އެމީހުންގެ ވަޒީފާގެ ކަންތައް ތައްކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގައި މީހުން އެތެރެކުރާ އެޖެންސީތަކުގެ ސީދާ ދައުރެއް ނެތްކަމަށްވިޔަސް އެމީހުން ރާއްޖެއަށް ގެނައުމުގެ ކުރިން ރާއްޖޭގެ ޤާނޫނާއި، ޤަވާއިދާއި، ރާއްޖޭގެ، ކަންތައް ވަރަށް ފުރިހަމައަށް އެމީހުންނަށް އޮޅުން ފިލުވައި ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ރާއްޖޭގައި މާރާމާރީއެއް ހިންގައިފި ކަމަށް ވާނަމަ އޭގެބަދަލު ހިފުމުގެ ބައިފެށެއެވެ. އެންމެ ފަހުން ސިލްސިލާ މާރާމާރީ ތަކަށް އެކަން ބަދަލު ވެފައިވެސް އެބަހުއްޓެވެ.
ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްްޗަށެވެ. އެހެންކަމުން ރާއްޖެއަށް އަން ފަތުރުވެރިންވެސް ރާއްޖެއާ މެދުދެކޭ ގޮތް ބަދަލުވިޔަ ނުދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަޖެހެއެވެ. މިކަން ކުރެވޭނީ ސަރުކާރާއި، ސަރުކާރުގެ ކަމާ ބެހޭ މުޢައްސަސާތަކާއި، ޢާންމުން ވަރަށް ބޮޑަށް ގުޅިގެން އެއްލަވައެއް ކިޔައިގެންނެވެ. ރާއްޖޭގެ ސަލާމާތާބެހޭ ގޮތުން ތަފާތު ވާހަކަތައް ފެތުރެމުން ދާދަނޑިވަޅެއްގައި އަދިވެސް ރާއްޖެއަކީ އަމާންތަނެއްކަން މުޅިދުނިޔެއަށް އެންގުމުގެ ވަގުތު މިހާރުމިވަނީ ޖެހިފައެވެ.

Report: Velidhoo Community

No comments: