Tuesday, August 21, 2007

ހުސްހަށިބައި މަންމައިންނަށް ހުރި ގޮންޖެހުންތައް

އައިމިނަތު މިނީޝާ ު

އަޅުގަނޑުމެންގެ މުޖްތަމަޢަށް ނަޒަރު ހިންގާލާއިރު, އަޅުގަނޑުމެން ދެކެން ކިތަންމެ ބޭނުން ނުވިއަސް ފެންނަ ހަޤީޤަތަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރި އިތުރު ވެފައިވާ މިންވަރެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އާއިލާތައް ރޫޅި އަދި ނިކަމެތި ވެފައިވާ ދަރިންނެވެ. ދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތަކުގެ އާއިލާ ރޫޅުމުން އޭގެ އެންމެ ނޭދެވޭ އަސަރު ކުރާކަމަށް ބެލެވިފައިވަނީ އެ އާއިލާއެއްގެ ތުއްތު ކުދިންނަށެވެ. ނަމަވެސް މިގޮތަށް އާއިލާ ރޫޅުމުން އެކުދިން ގޮވައިގެން އެކަނި ދިރިއުޅޭ މައިން ކުރިމަތިލާންޖެހޭ ދަތި ތަކާއި ހުރަސްތަށްވެސް ކުޑައެއް ނޫނެވެ

އަޅުގަނޑުމެނަށް ގިނައިން މިފެންނަނީ އާއިލާއެއް ރޫޅުމުން ދަރިން މައިންނާ އެކުގައި އުޅޭތަނެވެ. އަދި މިފަދަ މައިންގެ ތެރެއިން ބައެއް މައިންނަކީ އިތުރު ކައިވެންޏެއް ނުކޮށް ހުސްހަށިބަޔަށް ތިބެ ދަރިން ބޮޑެތި ކުރުމުގެ ބޮޑު އަދި ބުރަޒިންމާ އުފުލާ ބައެކެވެ. މިފަދަ މައިންނަށް އާއްމުކޮށް ދިމާވާ ގޮންޖެހުންތައް ކަމަށްބެލެވިފައިވަނީ ތިރީގައި މިވާ ކަންކަމެވެ

ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައް ބަރާބަރަށް ކުރުން: މިކަމަކީ މަންމައާއި ބައްޕައާއި ދެމީހުން އެއްބާރުލައިގެންވެސް ވަރަށް އުނދަގުލުން ކުރެވޭކަމެކެވެ. މަންމައަކު އެކަނި ދަރިން ބަލާނަމަ އާއިލާގެ ޚަރަދުތަކަށް ބޭނުންވާ ފައިސާވެސް ގިނަފަހަރު ހޯދާނީ މަންމަ ކުރާ ކޮންމެވެސް މަސައްކަތަކުންނެވެ. މިގޮތަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން, ކުދިންގެ ސްކޫލުގެ ކަންތަކާއި, ޓިއުޝަން ގަޑިތަކާއި, ހޯމްވޯރކްތަކާއި, ކައްކާ ކާންދިނުމާއި އަދި ފެންވަރުވާ ނިންދެވުން އެކަނިވެސް މިއީ ވަރަށް ވަރުބަލި ކުރުވާ ކަމެކެވެ. އަދި ދޭތެރެއަކުން ސްކޫލުގައި ބާއްވާ އިތުރު ހަރަކާތަކަށް ނުވަތަ ޕާޓީއަކަށް ދާންޖެހިދާނެއެވެ. މިކަންކަމަކީ ވަރަށް ރަގަޅަށް ރާވާ ލެވިގެން ކުރަންޖެހޭކަންތަކެވެ

ރަގަޅު ނިންމުންތައް ނިންމުންް: ދެމަފިރިން އެކުގައި އުޅޭ ނަމަ ދެމީހުން ވާހަކަ ދައްކައިގެން ދަރިންގެ ކަންތައްތަކުގައި ނިންމުންތައް ނިންމެއެވެ. ނަމަވެސް އެކަނި އުޅޭ މަޔަކު ނަމަ މިކަން ކުރަންޖެހެނީ އެކަންޏެވެ. އެހެންކަމުން ކޮންމެ ނިންމުމަކުން ކުރާނެ އަސަރު ނުވަތަ ނިކުންނާނެ ނަތީޖާއަކަށް ވަރަށް ރަގަޅަށް ވިސްނަންޖެހެއެވެ. ދަރިން ބޭނުންވެގެން ބުނާ ހުރިހާކަމެއްކޮށްދޭން މައިން ބޭނުންވެއެވެ. ސަބަބަކީ އެކުދިންގެ ބައްޕަކައިރީގައި ނެތް ނަމަވެސް އެ ބައްޕަ ނެތްކަމުގެ އިޙްސާސް އެކުދިންނަށް ނުކުރެވޭނެ ގޮތެއް ހެދުމެވެ. މިވެނި ކަމެއްނުވީ އެކުދިންގެ ބައްޕަ ކައިރީގައި ނުހުންނާތި ކަމަށް އެކުދިންނަށް ހީވުމުގެ ފުރުސަތު ކުޑަކުރުމެވެ. ނޫނެކޭ ބުނަންޖެހޭ ވަގުތުވެސް އަންނާނެއެވެ. މިސާލަކަށް ފުރާވަރުގެ އަންހެންކުއްޖަކު މަންމަ ނުދަންނަ ރައްޓެހިންތަކަކާއެކީ ގައި ޕާޓީ ފަދަ ތަންތަނަށް ދިއުމަށް ހުއްދަ ނުދޭށެވެ. ނު ހޯދާ ދެވޭވަރުގެ އަގުބޮޑު ތަކެތި ހޯދައިދޭނެކަމަށް ވައުދުނުވާށެވެ. އަދި މަންމައަށް އެތަކެތި ހޯދައިނުދެނޭވެކަން ރީތިކޮށް ދަރިފުޅަށް ވިސްނައިދޭށެވެ

ދަރިންގެ ކުރިމަތީގައި ބައްޕަ ކުށްވެރި ކުރުން: މަންމަ އާއި ބައްޕަ އާއި ދެމެދު ކޮންމެ މައްސަލައެއް ޖެހިގެން ދެމީހުން ވަކިވެފައި ތިބިކަމުގައި ވިޔަސް ކުދިންގެ ކުރިމަތީގައި ބައްޕަ ކުށްވެރިކޮށް ވާހަކަ ދައްކާ ނުހަދާށެވެ. ދިރުއުޅުމުގެ އެއްވެސް ހިސާބެއްގައި އެކުދިން އެކުދިންގެ ބައްޕައާއި ބައްދަލުކުރަން އެދުނަސް އެކަންކޮށް ދޭށެވެ. މަންމައާއި ވަކިވެގެން ދަރިން ހިގައިދާނެ ކަމުގެ ބިރަށް އެކުދިން ބައްޕައާއި ދުރުކޮށް އެކުދިންގެ ހިތުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ނުކުރާށެވެ

ޒިންމާތައް ބަހާލުން: ކުދިން ބޮޑެތިވަމުން އަންނަވަރަކަށް, މަންމަ އުޅެނީ އެކަނި ކަން އަދި ކުދިންގެ އެހީތެރިކަށް އަބަދުވެސް ބޭނުންވާނެކަށް ދަރިންނަށް ހަދާންކޮށްދޭށެވެ. އެކުއްޖަކަށް ކުރެވޭ ވަރަކުން ގޭތެރޭގެ މަސައްކަތްތައް ބަހާލާށެވެ. ކުޅޭ އެއްޗެތި ތަރުތީބުކުރުމާއި ހަމައިން ސާފުކުރުމާއި ކެއްކުން ފަދަ ކަންކަން އުމުރާ ގުޅޭ ގޮތުން ބަހާލާށެވެ. ގޭތެރޭގެ ޚަރަދު ކުޑަކުރުމަކީ އެންމެންގެ ޒިންމާއަކަށް ހަދައިގެން ކަރަންޓާއި ފެންފަދަ ތަކެތި އިސްރާފްނުކުރުމަށް ނަސޭހަތްތެރިވެ އެ އާދަ ހަރުލައްވާށެވެ

އަންހެނަކު ކުރަންބޭނުންވެއްޖެ ނަމަ ނުކުރެވޭނެ އެއްވެސް ކަމެއް ނުވާނެއެވެ. ބޭނުމީ ހިތްވަރާއި ޢަޒުމެވެ

No comments: