Thursday, August 30, 2007

އިޙްތިރާމް ކުރުމުގެ ރިވެތި އުސޫލް ދަރިވަރުންގެ ކިބައިން ނެތިގެންދަނީ
30/8/2007





ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ކިބައިގައި މީހުންނަށް އިޙްތިރާމް ކުރުމުގެ އެއްވެސް މިންވަރެއް ނުހުންނަ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް އެއީ ހުރިހާ ސްކޫލް ކުދިންގެ ވާހަކައެއްވެސް ނޫނެވެ. އެހެން ނަމަވެސް މިވާހަކަ ދެކެވެނީ މިކަހަލަ ކުދިން މުޖުތަމަޢުގައި ގިނަވަމުން އަންނާތީ އެކަމާ ބައެއް ފަރާތްތަކުން ކަންބޮޑުވާތީކަން ޔަޤީނެވެ.
އަހަރަމެންގެ ރާއްޖެ ކިތަންމެ ކުޑަނަމަވެސް އަޅުގަނޑުމެންނަކީ ދުނިޔޭގެ އެތައް ބަޔު ޤަބޫލުކުރާ ގޮތުގައި ދިވެހިންނަކީ ވަރަށް އަދަބުވެރި މީހުންނަށް އިޙްތިރާމްކުރާ ރިވެތި އަޙްލާގެއްގެ ވެރި ބަޔެކެވެ. މިއީ އަހަރެމެން އަބަދުވެސް އަޑު އަހަމުން އަންނަ ވާހަކައެވެ. އެހެން ނަމަވެސް މިވާހަކައިގެ އަޑު މިހާރު އިވޭލެއް މަދުކަން ފާހަގަކޮށްލަންޖެހެއެވެ. އަހަރެމުންގެ ލޮބުވެތި ކިޔަވާ ދަރިވަރުންނަކީ މާދަމާ މިޤައުމު ތަމްސީލް ކުރަން ތިބި ޒުވާނުންނެވެ. އެ ދަރިވަރުންނަށް އަޅުގަނޑުމެން ކިޔަވައިދީ ތަރުބިއްޔަތު ކުރަމުން މި އަންނަނީ އަންނީ މާދަމާ މި ޤައުމު ބައްތަންކޮށް ހިންގުމުގެ ކަންތައް އެޒުވާނުންނާއި ހަވާލުކުރުމަށެވެ. އެހެން ނަމަވެސް ހިތާމަ ހުއްޓެވެ. މިހާރަކަށް އައިސް އަބަދު އިވޭ އަޑަކީ ޤައުމުގެ ޒުވާނުން ހަލާކުވެއްޖެއޭ ކިޔައިގެން ދައްކާ ވާހަކައެވެ.
"ސްކޫލްތަކުގެ ދަރިވަރުންގެ ތެރޭގައިވެސް އުޅޭ ގޯސް ވިޔާނުދާ ކުދިން. އެހެން ނަމަވެސް އެންމެންނަކީ އެކަހަލަ ކުދިންނެއް ނޫން. ސްކޫލްތަކުގެ ކުދިންނާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވަރަށް ގިނަ. ހާއްސަކޮށް އެ ކުދިންގެ އަޚުލާގާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތައްވެސް ވަރަށް ގިނަ. ސަބަބު ތަކެއް ހުރެ އެހެން ވާހަކަވެސް ދެއްކެނީ. އެކަމަކު ސްކޫލްގައި ދަރިވަރުންގެ އަޚްލާގް ވަރަށް ރަނގަޅަށް ހުންނަނީ . ސްކޫލުން ބޭރުގައި ދަރިވަރުންގެ އަޚުލާގާއި ބެހޭ ގޮތުން ވާހަކ ދެއްކޭކަށް ނޯންނާނެ. ސްކޫލުން ބޭރުގައި ދަރިވަރަކު ކުރާ ކަމެއްގެ ސަބަބުން ސްކޫލަށް މައްސަލަ ހުށަހެޅިއްޖެ ނަމަ ސްކޫލުން އެމައްސަލަ ބަލަން." މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ހެޑްމާސްޓަރ ވިދާޅުވިއެވެ.
ސްކޫލްތެރޭގައި ދަރިވަރުންގެ އަޚްލާގް ވަރަށް ރަނގަޅު ކަމަށް ހުރިހާ ސްކޫލަކުންވެސް ފާހަގަ ކުރައްވައެވެ. އެހެން ނަމަވެސް އަޚްލާގް ކޯސް ކުދިންވެސް އުޅޭ ކަމަށާއި އެކުދިންގެ އަޚްލާގާއި މެދު ކަންތައްތައް ގެންދަވަނީ އެކުދިންނަށް ފުރުޞަތު ދީގެން އަޙްލާގް ރަނގަޅުކޮށް ކިޔެވުމުން އެކުއްޖަކު މަހްރޫމް ކޮށްނުލުމުގެ ގޮތުން ކަމަށް އެފަރާތްތަކަށް ފާހަގަ ކުރައްވައެވެ.
ސްކޫލް ތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންނާއި ސްޕަވައިޒަރުންނަކީ ދަރިވަރުންގެ ކަންތައްތައް ކޮށްދެއްވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބަޔެކެވެ. އެހެން ކަމުން އެމީހުންގެ އަތް ދަށުން ކަންތައްތަކެއް ދޫވެގެން ދިއުމަކީ ވެދާނެކަމެކެވެ. ބައެއް ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި ދަރިވަރުންގެ އަޚްލާގާއި ބެހޭ ގޮތުން ދެކެވޭ ވާހަަކަތަކުގެ އިތުރަށް ބޮޑެތި މީހުންނަށް އިޙްތިރާމްކުރުމުގެ އެއްވެސް މިންވަރެއް ނުހުންނަ ކަން އެފަރާތްތަކުން ފާހަގަ ކުުރައްވައެވެ. އަދި އެހެންވަނީ ބެލެނެވެރިންގެ ޒިންމާވެސް ދަރިންނާއި މެދު ކުޑަވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އެފަރާތްތަކުން ފާހަގަ ކުރައްވައެވެ.
ސްކޫލްތަކުގެ ދަރިވަރުންގެ އަޚްލާގާއި ބެހޭ ގޮތުން ވާހަކަ ދައްކާއިރު އެކުދިންގެ އަޚުލާގް ގޯސްވަނީ ހަަމައެކަނި ސްކޫލްގެ ސަބަބުންނޭވެސް ދެންނެވޭކަށް ނޯންނާނެއެވެ. އޭގެ ތެރޭގައި ދަރިވަރުންގެ މައިން ބަފައިންވެސް ޝާމިލްވާންޖެހެއެވެ. ނޫސްވެރިން ނޫސްތަކުގައި ސްކޫލްތަކުގެ ދަރިވަރުންނާއި ބެހޭ ގޮތުން ތަފާތު ވާހަކަތައް ލިޔާއިރު ކުށްވެރިކޮށް ވާހަކަދައްކައި ލިޔަނީީ ސްކޫލްތައް ކަމުން އެކަންތައް އެހެން ކުރުމަކީ އަސްލު ވަރަށް ދެރަ ކަމެކެވެ. ބައެއް ސްކޫލްތަކުން މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރެއެވެ. ކަމުގެ ހަޤީޤަތް ބެލުމަށްވުރެ ބޮޑަށް އެނގެން އޮންނަ އެންމެ އެއްޗެއްގައި ހިފައިގެން ވާހަަކަ ދެއްކުމުގެ ސަބަބުން އޭގެ އަސަރު ނޭނގި ނަމަވެސް ދަރިވަރުންނަށް ވަރަށް ބޮޑަށް ކުރާ ކަމުގައި އެފަރާތްތަކުން ފާހަގަ ކުރަށްވައެވެ.
ކަންކަމުގެ ޙަޤީގަތާއި ޚިލާފަށް ސްކޫލް ކުދިންނާ ބެހޭގޮތުން ވާހަކަތައް ލިޔާއިރު އެކަމުގެ ޙަޤީގަތާއި ޚިލާފު ވާހަކަތައް ލިޔުމުގެ ސަބަބުން ސްކޫލާއި އެދަރިވަރާއި އަދި ދަރިވަރުންގެ މައިން ބަފައިންވެސް އެކަމުގެ ސަބަބުން އިތުރަށް މާޔޫސް ވާނެކަން އެނގެއެވެ.
އެންމެ ފަހުން މިކަހަލަ ކަމަކާއި ގުޅިގެން ވާހަކަތައް ފެތުރުނީ އަމީނިއްޔާ ސްކޫލްގެ ދަރިވަރަކާއި ބެހޭ ގޮތުންނެވެ.
އަމީނިއްޔާ ސްކޫލްގެ ކުއްޖަކު ކްލާސް ތެރޭގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމަށް އުޅުނު ވާހަކައެވެ.
އެހެންނަމަވެސް އެކަން އެސްކޫލުން ބެއްލެވުމަށްފަހު އެނގުނު ގޮތުގައި އެކަން ހިނގާފައިވަނީ އަޑުފެތުރިފައިވާ ގޮތާއި މުޅިން ޚިލާފަށެވެ. އެކުއްޖާއަށް އެތަކެތި ލިބިފައިވާ ކަމަށް ބެލެވެނީ ފިރިހެން ކުއްޖެއްގެ އަތުން ކަމަށާއި، އެއީ އެފިރިހެން ކުއްޖާ އަމީނިއްޔާ ސްކޫލް ކުއްޖާ އަތަށް ރައްކާ ކުރަން ވެގެން ދިން އެއްޗެއް ކަމަށެވެ. އަދި ފުލުހުން އެމައްސަލަ ތަޙުޤީގު ކުރަމުންދާތީވެ އެކުއްޖާ މިހާރު ހުރީ ސްކޫލަށް ނާދެވޭ ގޮތަށް ގޭގައި މަޑުކޮށްފައި ކަމަށާއި، އަލުން އެކުއްޖާއަށް ސްކޫލަށް އާދެވޭނީ ރަސްމީ ސިފައެއްގައި އެއީ މަސްތުވާ ތަކެތި ނޫން ކަމަށް ފުލުހުން އެސްކޫލަށް އެންގުމުން ކަމަށް އެސްކޫލުން ބުނެއެވެ.
މަސްތުވާތެކެތިކަމަށް ޝައްކު ކުރެވިގެން އަމީނިއްޔާ ސްކޫލް ކުއްޖެއްގެ ދަބަސްތެރެއިން އަތުލައިގަނެވުނު ޕަކެޓްތަކަކީ މަސްތުވާ ތަކެއްޗެއް ނޫން ކަމަށް ފުލުހުން ވިދާޅުވެއެވެ.
އާފަތިސްނޫހަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސާރވިސްއިން ވިދާޅުވީ އަމީނިއްޔާ ސްކޫލުގެ ދަރިވަރުގެ ދަބަހުން ފެނުނު ޕަކެޓްތައް މަސްތުވާ އެއްވެސް އެއްޗަކަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ. އަދި އެ ތަކެތި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި ތަހްލީލް ކޮށްފައިވާ ކަމަށާއި، އެސްކޫލްގެ ދަރިވަރެއްގެ އަތުން މަސްތުވާ ވައްތަރެއްގެ އެއްޗެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން ފުލުހުން އެސްކޫލަށް ވަދެފައިވަނީ އެ ސްކޫލުން ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް ފުލުހުންނަށް އެކަން އަންގައިގެން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ދަރިވަރުންގެ އަޙްލާގަށް އަންނަ ބަދަލަކީ ސްކޫލްގައި ކިޔަވައިދޭ ޓީޗަރުންގެ ސަބަބުން ނުވަތަ އެސްކޫލްގެ މެނޭޖްމަންޓްގެ ސަބަބުން އަންނަ ބަދަލްތަކެކޭ ބުނެވޭކަށް ވެސް ނެތެވެ. މިކަމުގައި އެންމެންގެ ޒިންމާވެސް އުފުލަން ޖެހެއެވެ. އެހެން ނަމަވެސް މިކަން ޤަބޫލެއް ކުރަނީ މަދުބަޔެކެވެ.
ސްކޫލް ދަރިވަރުންގެ ކިބައިގައި މީހުންނަށް އިޙްތިރާމް ކުރުމުގެ ބައި ދަށްކަމަށް ބައެއް ސްކޫލްތަކުންވެސް މިކަން ކޮންމެވެސް ވަރަކަށް ޤަބޫލުކުރައްވައެވެ. އަދި މިއީ ރާއްޖެއަށް އަންނަމުންދާ ބައެއް ބަދަލު ތަކުގެ ސަބަބެއް ކަމަށްވެސް ބައެއް ފަރާތްތަކުން ހާމަކުރެއެވެ. އެހެން ކަމަށްވާނަމަ މުޖުތަމަޢުގައި މިކަމާއި މެދު ތަންކޮޅެއް ބޮޑަށް ފިކުރުހިންގަން ވެއްޖެއެވެ.
" އިސްލާހީ ބަދަލުތަކޭ ކިޔައިގެން ވާހަކަ ނުދައްކާ ކުޑަ ކުއްޖަކުވެސް މިހާރަކު ނުހުންނާނެ. ރައްޔިތުންގެ މަޖިލީސްގެ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ނުދައްކާ މީހެއް ނުހުންނާނެ. ރައްޔިތުންގެ މަޖީލީސް ޓީ. ވީ މެދުވެރިކޮށް ދެއްކުން ވެގެންދިޔައީ ކުދިންގެ އަޙްލާގަށް އައި ވަރަށް ބޮޑު ބަދަލެއް. ޤައުމު ތަމްސީލް ކުރާ ބައެއްގެ ފަރާތްތަކުގެ ކަންތައް ހުންނަ ގޮތް ފެނުމުން ކުދިންނަށް އެއިން ނެގޭނީ ވަރަށް ނުބައި މާނައެއް. ސިޔާސީ ހަލަބޮލި ކަމަކަށް މިޤައުމު ވެއްޓިގެން ދާއިރު މީގެ ނުބައި އަސަރު ސްކޫލްތަކުގެ ދަރިވަރުންނަށް ޖެހިގެން އެކުދިން ހަލާކުވަނީ. އަސްލު މިކަންތައްތައް ސްކޫލް ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނެ ކަމަށް އަޅަގަނޑު ދެކެން." އާންމުންގެ މީހެއް، މޫސާ ރަޝީދު ބުންޏެވެ.
ދިވެހި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އަހުލާގަށް އަންނަ ބަދަލުތަކާއި ގުޅިގެން ވާހަކަތައް ދައްކާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ދަރިވަރުންގެ އަޚްލާގް ގޯސްވާން ދިމާވަނީ ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައިދެވޭ އެއްޗިހީގެ އިތުރުން ދީނީ ކަންތައްތައް އެއްވެސް ވަރަކަށް ނުގެންދެވޭތީ ކަމުގައެވެ. އެހެން ނަމަވެސް މިކަމުގައި ސްކޫލްތަކުން ކުރައްވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގައި އެފަރާތްތަކުން ހާމަކުރައްވައެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ގެންވަނީ މިކަންތައް ހައްލުކުރުމާއި މެދު ވިސްނަމުންނެވެ

Report: Soodh
News: Velidhoo Community

No comments: